02 Jan 2017, 17:47
އިސްތަންބޫލު (ޖެނުއަރީ 2): ތުރުކީގެ އިސްތަންބޫލުގައި އާ އަހަރު ފާހަގަ ކުރަމުން ދިޔަ ނައިޓް ކްލަބަކަށް ދިން ހަމަލާގެ ޒިންމާ އިސްލާމިކް ސްޓޭޓް (އައިއެސް) އިން ނަގައިފި އެވެ.
އެ ހަމަލާ ދީފައި ވަނީ އައިއެސްގެ ހަނގުރާމަވެރިއެއް ކަމަށް ބުނެ އެ ޖަމާއަތުން ނެރުނު ބަޔާނެއްގައިވާ ގޮތުން ތުރުކީން ދަނީ ސީރިއާގެ މުސްލިމުން ލޭ އޮހޮރަވަމުންނެވެ.
ގާތްގަނޑަށް 600 މީހުން ތިބި އިސްތަންބޫލުގެ ނައިޓްކްލަބެއްގައި ބަޑިން ހަމަލާދީ 39 މީހަކު މަރާލި މީހާ ހޯދުމުގެ މަސައްކަތް ތުރުކީގެ ފުލުހުން މިހާރު ދަނީ ކުރަމުންނެވެ. ތުރުކީގެ ބައެއް މީޑިއާތަކުގައިވާ ގޮތުން ހަމަލާ ދިނީ އުޒްބަކިސްތާން ނުވަތަ ކިރިގިސްތާނަށް ނިސްބަތްވާ މީހެއް ކަމަށް ވަނީ ލަފާކުރެވިފަ އެވެ.
ނައިޓްކްލަބަށް ދިން ހަމަލާގައި މަރުވި މީހުންގެ ތެރެއިން 27 މީހުންނަކީ ތުރުކީ ނޫން އެހެން ގައުމުތަކަށް ނިސްބަތްވާ މީހުންނެވެ. އޭގެ ތެރޭގައި ސައުދީ އަރަބިއާ، އިރާގު، ލުބުނާން، އުރުދުން، އިންޑިއާ، މަޣުރިބް، ސީރިއާ، އިސްރާއީލް، ފްރާންސް، ތޫނިސް، ބެލްޖިއަމް، ކުވެއިތް، ކެނެޑާ އަދި ރަޝިއާގެ މީހުން ހިމެނެ އެވެ.
އިންޑިއާގެ މީޑިއާތަކުން ބުނާ ގޮތުގައި އެ ހާދިސާގައި މަރުވީ ބޮލީވުޑުގެ ޑައިރެކްޓަރެއް އަދި ޕްރޮޑިއުސަރެއް ކަމަށްވާ އަބިސް ރިޒްވީ އެވެ.
އަދި އެ ހާދިސާގައި އަނިޔާވި 69 މީހަކަށް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށް ފުލުހުން ބުންޏެވެ. (ބީބީސީ)