02 Jan 2017, 13:52
މިދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅި މައްސަލަތައް އެހެން އަހަރުތަކާ އަޅައިބަލާ އިރު، ބޮޑުތަނުން އިތުރުވެފައިވާ ކަމަށް އެ ކޯޓުން ބުނެފި އެވެ.
ޑްރަގް ކޯޓުން ބުނީ މިދިޔަ އަހަރު ޖުމްލަ 1525 މައްސަލަ އެ ކޯޓަށް ހުށަހެޅިފައިވާ އިރު، 2015 ވަނަ އަހަރު ހުށަހެޅުނު މައްސަލަތަކުގެ އަދަދަކީ 914 ކަމަށެވެ. އެހެންކަމުން މިދިޔަ އަހަރު ހުށަހެޅުނު މައްސަލަތަކުގެ އަދަދަކީ 2015 ވަނަ އަހަރަށް ވުރެ 66.8 ޕަސެންޓް އިތުރު އަދަދެއް ކަމަށް އެ ކޯޓުން ބުންޏެވެ.
އޭގެތެރެއިން 1521 މައްސަލައަކީ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ދައުވާކޮށް ހުށަހަޅުއްވާފައިވާ މައްސަލަތައް ކަމަށާއި ބާކީ ހަތަރު މައްސަލައަކީ، މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް އަމަލު ކުރަން ފެށި އިރު، ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދާ މީހުން ޑްރަގް ކޯޓުގެ ފަރުވާގެ ޕްރޮގްރާމުގައި ބައިވެރި ކޮށްދިނުމަށް އޮންނަ ފުރުސަތުގެ ދަށުން، އެ ކަމަށް އެދި ނޭޝަނަލް ޑްރަގް އޭޖެންސީ މެދުވެރިކޮށް، ހުށަހަޅާފައިވާ މައްސަލަތައް ކަމަށް އެ ކޯޓުން ބުންޏެވެ.
ޑްރަގް ކޯޓުން ބުނީ މިދިޔަ އަހަރު އެންމެ ގިނައިން ހުށަހެޅިފައި ވަނީ ޑައިމޯފިން (ހެރޮއިން) ބޭނުން ކުރުމުގެ މައްސަލަތައް ކަމަށެވެ. އެއީ 795 މައްސަލަ އެވެ. ދެން އެންމެ ގިނައިން ހުށަހެޅުނީ ކެނެބިސް ބޭނުން ކުރުމުގެ މައްސަލަތައް ކަމަށާއި އެއީ 648 މައްސަލަ ކަމަށް އެ ކޯޓުން ބުންޏެވެ.
ޑައިމޯފިން ޕެޑްލް ކުރުމުގެ އެއް މައްސަލަ އާއި ކެނެބިސް ޕެޑްލް ކުރުމުގެ 18 މައްސަލައާ އެކު، މަސްތުވާތަކެތި ޕެޑްލް ކުރުމުގެ މުޅި އެކު 19 މައްސަލަ މިދިޔަ އަހަރު ހުށަހެޅިފައިވާ ކަމަށް ވެސް އެ ކޯޓުން ބުންޏެވެ.
ޑްރަގް ކޯޓުގައި މުޅި އެކު މަސައްކަތް ކުރައް ވަނީ ފަސް ފަނޑިޔާރުންނެވެ. މިދިޔަ އަހަރު ހުށަހެޅުނު މައްސަލަތަކަށް ބަލާ އިރު، މިދިޔަ އަހަރު ކޮންމެ ފަނޑިޔާރަކަށް 305 މައްސަލަ ހުށަހެޅިފައިވެ އެވެ.
މިދިޔަ އަހަރު ޑްރަގް ކޯޓުން ބަލައި ނިންމި މައްސަލަތަކުގެ އަދަދަކީ 965 އެވެ. އަދި މިދިޔަ އަހަރުގެ ތެރޭގައި، އެކި ސަބަބުތަކާ ހުރެ 269 މީހުން ފަރުވާއިން ވަކިކުރެވިފައިވާ ކަމަށް ވެސް އެ ކޯޓުން ބުންޏެވެ.
ފަރުވާ އިން ވަކިކުރި މީހުން ޖެހޭނީ ޖަލު ހުކުމް ތަންފީޒު ކުރާށެވެ. ނަމަވެސް ފަރުވާގެ ޕްރޮގްރާމް ފުރިހަމަކޮށްފި ނަމަ އެމީހެއްގެ ކުށުގެ ރެކޯޑުތައް ކްލިއާކޮށް އެހެން މީހުންނެކޭ ވެސް އެއްފަދައިން މުޖުތަމައުގައި އުޅުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.