21 Jun 2011, 10:12
މާޒިޔާ އާއި ވާދަކޮށް 2-1 ން ވިޔަންސާ ބަލިވުމުން ރެލިގޭޝަނަށް ވެއްޓުމުގެ ބިރު އެޓީމަށް ކުރިމަތިވެއްޖެ އެވެ.
ރޭގެ މެޗުން މޮޅުވެ، 17 ޕޮއިންޓާއެކު ލީގުގެ ގަދަ ހަތަރެއްގެ ޖާގައަކަށް މާޒިޔާ އުންމީދު ބޮޑު ކުރިއިރު، ވިޔަންސާ އުޅެނީ ތިން ޕޮއިންޓާއެކު ތާވަލްގެ އެންމެ ފުލުގަ އެވެ.
އަށް ޓީމް ވާދަކުރާ ލީގްގެ ދެވަނަ ބުރުގެ ކުޅުން ނިމުމަކާހަމައަށް އަންނަ އިރު، ތާވަލްގެ އެންމެ ފުލުގައި އޮންނަ ދެ ޓީމް ރެލިގޭޝަން ކުޅެންޖެހޭއިރު، މިހާރު ތާވަލް އޮތްގޮތުން ވިޔަންސާ އާއި އެއްކޮން، ދެން އެންމެ ފުލުގައި އޮތް އަނެއް ޓީމަކީ 11 ޕޮއިންޓާއެކު އޮތް އޭވައިއެލ ްއެވެ. އޭވައިއެލްއާއި ވެލެންސިޔާ ވެސް އޮތީ ޕޮއިންޓުގެ ގޮތުން ހަމަހަމައިގަ އެވެ. ވެލެންސިޔާ ކުރި ލިބެނީ ގޯލްގެ ތަފާތުންނެވެ.
ލީގުގެ ތިން ވަނަ ބުރަށް ގަދަ ހަ ޓީމް ކޮލިފައިވާ މި މުބާރާތުގައި ރޭ މާޒިޔާއާއި ވިޔެންސާ ކުޅުނު މެޗަށް ބަލާއިރު، ދެ ޓީމްގެ ފަރާތުން ވެސް މެޗްގެ ފުރަތަމަ ހާފްގެ ކުރީ ކޮޅު ފެނިގެންދިޔައީ ދާދި ހަމަހަމަ ކުޅުމެކެވެ. އެެހެންނަމަވެސް މެޗްގެ ފުރަތަމަ 25 ވަނަ މިނެޓްގެ ތެރޭގައި މާޒިޔާއިން ވަނީ އޭވައިއެލްގެ ގޯލަށް ނުރައްކާ ދެތިން ހަމަލައެއް ފޮނުވާލާފަ އެވެ.
ފުރަތަމަ ހާފްގެ ކުޅުން ނިމުނުއިރު، ދެ ޓީމް ކުރެ އެއްޓީމަކަށް ވެސް ލަނޑެއް ކާމިޔާބު ނުކުރެވުނު އިރު، މެޗްގެ ދެވަނަ ހާފްގައި މާޒިޔާއިން ވަނީ ލަނޑެއް ކާމިޔާބު ކޮށް މެޗްގެ ފުރަތަމަ ލީޑް ނަގާފަ އެވެ. ދެވަނަ ހާފްގެ 51 ވަނަ މިނެޓްގައި މާޒިއާއަށް ލީޑް ނަގައި ދިނީ ރޭގެ މެޗްގައި މޮޅު ކުޅުމެއް ދެއްކި އެ ޓީމްގެ އަލީ ނާފިއު (ކަޅޭ) އެވެ. އަދި މާޒިޔާގެ ދެ ވަނަ ލަނޑު ވެސް މެޗްގެ 61 ވަނަ މިނެޓްގައި ހަދިޔާ ކޮށްދިނީ ކަޅޭ އެވެ. މެޗްގެ 66 ވަނަ މިނެޓާއި 77 ވަނަ މިނެޓްގައި ހެޓްރިކް ހަދާނެ ރަނުގެ ފުރުޞަތު ކަޅޭއަށް ލިބުނު ނަމަވެސް އޭނާ ވަނީ ފުރުސަތުތައް ނަގާލާފަ އެވެ. އޭގެ ތެރެއިން އެއް ފުރުސަތު، ދެ ވަނަ ހާފުގެ 77 ވަނަ މިނެޓްގައި އޭރިއާ ތެރެއިން ކަޅޭ ވިޔަންސާގެ ގޯލަށް ތިރި ތިރިން ފޮނުވާލި ބޯޅަ އަމާޒުވީ ގޯލްގެ ދަނޑިއަށެވެ.
މިމެޗްގައި ވިޔަންސާއިން ޖެހި އެޓީމްގެ ހަމައެކަނި ލަނޑު މެޗްގެ އެންމެ ފަހު މިނެޓްގައި ކާމިޔާބު ކޮށްދިނީ އިބްރާހިިމް ހަމީސް އެވެ.
މެޗަށްފަހު މާޒިޔާގެ ކޯޗް އިސްމާއިލް މަހުފޫޒް )އިންމަ( ބުނީ، މެޗަށް ނިކުތީ ތިން ޕޮއިންޓް ހޯދުމުގެ އުންމީދުގައި ކަމަށާއި އެ އުންމީދު ހާސިލް ވެއްޖެ ކަމަށެވެ. އޭނާގެ ކުޅުން ތެރިން ދެއްކި ކުޅުމަކީ މޮޅު ކުޅުމެއް ކަމަށާއި ދެ ވަނަ ބުރުގައި ޓީމްގެ ކުޅުމާ މެދު ހިތް ހަމަޖެހެ ކަމަށް ވެސް އިންމަ ބުންޏެވެ.
ވިޔަންސާގެ މެނޭޖަރު މުޙައްމަދު އަމްޖަދު ބުނީ، މެޗަށް ނިކުތީ ޓީމްގެ މުހިންމު ކުޅުން ތެރިންތަކެއް ނުލައި ކަމަށާއި ބެއް ކުޅުން ތެރިން އަނިޔާގައި ތިބި ކަމަށެވެ.
"އިތުރު ކުޅުންތެރިޔަކު ހޯދުމުގެ މަސައްކަތް ޓީމުން ދަނީ ކުރަމުން. ސަބަބުތަކެއް ހުރެގެން މިހާރުން މިހާރަށް ނުހޯދިގެން މިއުޅެނީ. ފައިސާގެ މައްސަލަ ޓީމަށް ވެސް ވަނީ ކުރިމަތިވެފަ،" އަމްޖަދު ބުންޏެވެ.
ލީގުގައި ކޮންމެ ޓީމެއް ވެސް މިހާރު ޖުމްލަ 11 މެޗް ކުޅެފައި ވާއިރު، 28 ޕޮއިންޓާއެކު ލީގުގެ ކުރީގައި އޮތީ ވީބީ އެވެ. ދެ ވަނާގައި އޮތް ވިކްޓަރީއަށް ލިބިފައި އޮތީ 23 ޕޮއިންޓެވެ. އަދި 21 ޕޮއިންޓާއެކު ތިންވަނާގައި އޮތީ ނިއުރޭޑިއަންޓެވެ.