ދިވެހިން އެންމެ ގިނައިން ދަތުރުކުރާ އެއް މަންޒިލް ކަމަށްވާ އިންޑިއާގެ ޓްރިވެންޑްރަމްގެ އެއާޕޯޓު މިއަދުން ފެށިގެން މި އަހަރުގެ މާޗް މަހުގެ ނިޔަލަށް ކޮންމެ ދުވަހަކު ވަކި ވަގުތެއްގައި ބަންދު ކުރުމަށް ނިންމައިފި އެވެ.

އެ އެއާޕޯޓު ބަންދުކުރާނީ މާޗް މަހުގެ ނިޔަލަށް ކޮންމެ ދުވަހަކު ހެނދުނު 10:00 އިން ފެށިގެން ހަވީރު 17:15 އާ ހަމައަށެވެ. އެ މުއްދަތުގައި އެއާޕޯޓް ބަންދުކުރުމަށް ނިންމާފައި ވަނީ އެ އެއާޕޯޓުގެ ރަންވޭ މަރާމާތު ކުރުމުގެ ބޭނުމުގައި އެވެ.

އިންޑިއާގެ ޓްރިވެންޑްރަމް އަކީ ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅެމުންދާ، އަދި ބޭސް ފަރުވާއަށާއި އެހެނިހެން ބޭނުމަށް ދަތުރު ކުރާ ދިވެހިންގެ މެދުގައި މަގުބޫލު މަންޒިލެކެވެ.

ދިވެހިންގެ ގައުމީ އެއާލައިން ހިންގާ ކުންފުނި ކަމަށްވާ "މޯލްޑިވިއަން"ގެ ބެލެނިވެރި ކުންފުނި، އައިލޭންޑް އޭވިއޭޝަންގެ މެނޭޖިންގް ޑިރެކްޓަރު، އަބްދުﷲ ހާރިސް މިއަދު "ސަން" އަށް ވިދާޅުވީ، ޓްރިވެންޑްރަމްގެ އެއާޕޯޓު ބަންދު ކުރި ނަމަވެސް ކުރިއެކޭ ވެސް އެއްގޮތަށް ކޮންމެ ދުވަހަކު މޯލްޑިވިއަންގެ ފްލައިޓެއް ޓްރިވެންޑްރަމްއަށް ދަތުރު ކުރާނެ ކަމަށެވެ.

"އަޅުގަނޑުމެން މިބަލަނީ އެއާޕޯޓް ހުޅުވޭ ގަޑިއަށް ފްލައިޓު ބޭއްވުމަށް. ކޮންމެ ދުވަހަކު ވެސް އަޅުގަނޑުމެންގެ ފްލައިޓު އޮންނާނީ ހަވީރު 18:30 ގައި،" ހާރިސް ވިދާޅުވި އެވެ.

ޓްރިވެންޑްރަމްގެ އިތުރުން ދިވެހިން އާންމުކޮށް ދަތުރުކުރާ ސްރީލަންކާގެ ބަންޑާރަނަޔަކަ އިންޓަނޭޝަނަލް އެއާޕޯޓުގެ ރަންވޭ މަރާމާތު ކުރުމަށް ޓަކައި ބަންދު ކުރުމަށް ވަނީ ނިންމައިފަ އެވެ.

ބަންޑާރަނަޔަކަ އިންޓަނޭޝަނަލް އެއާޕޯޓުގެ ރަންވޭގެ ރީސާފޭސިންގް މަސައްކަތް ކުރުމަށް ޓަކައި، މި މަހުގެ ހަ ވަނަ ދުވަހުން ފެށިގެން އޭޕްރިލް މަހުގެ ހަވަނަ ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހަކު ދުވާލު ރާއްޖެ ގަޑިން 8:30 އިން 16:30 އަށް އެ އެއާޕޯޓުގެ ރަންވޭ ބަންދުކުރާނެ އެވެ.