ޓޫރިސްޓު ވިޒާގައި ބިދޭސީން ރާއްޖެ އައުމަށްފަހު އިންޓާންޝިޕްގެ ގޮތުގައި ސްޕެޝަލް ވިޒާއަށް ބަދަލު ނުކުރެވޭގޮތަށް މޯލްޑިވްސް އިމިގްރޭޝަނުން ހަމަޖައްސައިފި އެވެ.

އިމިގްރޭޝަނުން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ، އިންޓާންޝިޕްގެ ގޮތުގައި ރާއްޖެ އަންނަ ބިދޭސީން ސްޕެޝަލް ވިޒާ ފޯމް ފުރިހަމަކޮށް ރާއްޖެ އައުމުގެ ތިން ދުވަސް ކުރިން އިމިގްރޭޝަނަށް ހުށަހަޅަން ޖެހޭނެ ކަމަށެވެ. އަދި އެ ތިން ދުވަސް ގުނާނީ ބަންދު ދުވަސްތައް ނުހިމަނައި ކަމަށްވެސް އިމިގްރޭޝަނުން ބުނެ އެވެ.

އިމިގްރޭޝަނުން ބުނީ ފަހަކަށް އައިސް ގިނަ އަދަދެއްގެ ބިދޭސީން ޓޫރިސްޓް ވިޒާގައި ރާއްޖެއަށް އެތެރެވުމަށްފަހު އިންޓާންސްގެ ގޮތުގައި ސްޕެޝަލް ވިޒާއަށް ބަދަލުކޮށްދިނުމަށް އެދި އެ މުއައްސަސާއަށް ހުށަހަޅަމުންދާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.

އިމިގްރޭޝަނުން ބުނީ އިއްޔެއިން ފެށިގެން ޓޫރިސްޓު ވިޒާގައި އެތެރެވެފައިވާ ބިދޭސީއެއްގެ ވިޒާ އިންޓާންޝިޕްގެ ގޮތުގައި ސްޕެޝަލް ވިޒާއަށް ބަދަލު ނުކުރެވޭނެ ކަމަށެވެ.