02 Jan 2017, 13:47
ނައިޕީޑޯ (ޖެނުއަރީ 2): މިޔަންމާގެ ފުލުހުން ރޮހިންޔާ މުސްލިމުންނަށް އަނިޔާ ކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ތަހުގީގު ކުރާނެ ކަމަށް އެ ގައުމުގެ ސަރުކާރުން ބުނެފި އެވެ.
މިޔަންމާ ސަރުކާރުން ބުނި ގޮތުގައި ފުލުހަކު ނަގާފައިވާ އެ ވީޑިއޯއަކީ ގިނަ އަދަދެއްގެ ރޮހިންޔާ މުސްލިމުން ދިރިއުޅޭ ރަހީން ސްޓޭޓުގައި މިދިޔަ ނޮވެމްބަރު މަހު ނަގާފައިވާ ވީޑިއޯއެކެވެ. އެއީ މިޔަންމާ އަސްކަރިއްޔާ އިން ރަހީން ސްޓޭޓުގައި ހާއްސަ އޮޕަރޭޝަނެއް ފެށިތާ އެއް މަސް ފަހުންނެވެ.
އެވީޑިއޯ އިން ފެނިގެންދަނީ ފުލުހުންގެ ކުރިމަތީގައި އާއްމުންގެ ގިނަ ބަޔަކު ލައިނެއްގައި ތިއްބައި ދެ ފުލުހަކު މީހަކަށް އަނިޔާ ކުރާ މަންޒަރެވެ. އެއް ފުލުހަކު އޭނާގެ ގައިގައި ތަޅަމުންދާ އިރު އަނެއް ފުލުސް މީހާ އޭނާގެ މޫނުގައި ފައިން ޖަހާތަން ފެނެ އެވެ. އެލައިނުގައި ތިބި އިތުރު މީހުންނަށް ވެސް ފުލުހުން އަނިޔާ ކުރާ މަންޒަރު ވީޑިއޯ އިން ފެނެ އެވެ.
އެވީޑިއޯ ތަހުގީގު ކުރުމަށް ފަހު ފުލުހުންގެ ގަވާއިދުތަކާ ހިލާފުވި ފުލުހުންނާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމަށް މިޔަންމާ ސަރުކާރުން ބުންޏެވެ.
މިޔަންމާ އަސްކަރިއްޔާ އިން ރޮހިންޔާ މުސްލިމުންނަށް އަނިޔާ ކުރަމުންދާ ކަމަށް ގިނަ ބަޔަކު ވަނީ ތުހުމަތުކޮށްފަ އެވެ. ނަމަވެސް މިޔަންމާ ސަރުކާރުން ވަނީ އެތުހުމަތުތައް ދޮގުކޮށް، ރަހީން ސްޓޭޓުގައި އެގައުމުގެ އަސްކަރިއްޔާ އިން ކުރިއަށް ގެންދަނީ ޓެރަރިޒަމާ ދެކޮޅު އޮޕަރޭޝަނެއް ކަމަށް ބުނެފަ އެވެ.
މިދިޔަ އޮކްޓޯބަރު މަހު މިޔަންމާ އަސްކަރިއްޔާ އިން މުސްލިމުން ދިރިއުޅޭ ރަހީން ސްޓޭޓުގައި ހާއްސަ އޮޕަރޭޝަނެއް ފެށި ފަހުން އެސްޓޭޓަށް ނޫސްވެރިންނާއި އިންސާނީ އެހީ ފޯރުކޮށްދޭ ފަރާތްތައް ވަނުން މަނާކޮށްފައި ވުމުގެ ސަބަބުން އަސްކަރިއްޔާގެ އަމަލުތަކުގެ ސަބަބުން މަރުވެފައި ވަނީ ކިތައް ރޮހިންޔާ މުސްލިމުންކަން އަދި ޔަގީންވެފައި ނުވެ އެވެ.
ނަމަވެސް އެމްނެސްޓީން ލަފާ ކުރާ ގޮތުގައި މިޔަންމާ އަސްކަރިއްޔާ އިން ވަނީ ރޮހިންޔާ މުސްލިމުން ދިރިއުޅޭ އަވަށްތަކުގެ ގެތަކާއި، ސްކޫލުތަކާއި، މިސްކިތްތައް ހިމެނޭ ގޮތަށް 1،200 އިމާރާތްތަކުގައި ރޯކޮށްލާފަ އެވެ. އަދި އެއަނިޔާއިން ސަލާމަތްވުމަށް 27،000 ރޮހިންޔާ މުސްލިމުން ވަނީ މިޔަންމާ ބޯޑަރު ހުރަސްކޮށް، ބަންގުލަދޭޝްއަށް ގޮސްފައި ކަމަށް އެމްނެސްޓީން ލަފާ ކުރެ އެވެ. (ބީބީސީ)