02 Jan 2017, 12:52
ޖަކާޓާ (ޑިސެމްބަރު 2): އިންޑޮނޭޝިއާގައި ގިނަ އަދަދެއްގެ މީހުންނާ އެކު ދަތުރު ކުރަމުން ދިޔަ ފެރީއެއްގައި ރޯވުމުގެ ސަބަބުން 23 މީހަކު މަރުވެއްޖެ އެވެ.
އިންޑޮނޭޝިއާގެ ވެރިރަށް ޖަކާޓާގެ އުތުރުގައި އޮންނަ ރަށަކަށް 230ށް ވުރެ ގިނަ މީހުންނާ އެކު ދަތުރު ކުރަމުންދިޔަ ޒަހުރޯ އެކްސްޕްރެސް ފެރީގައި ރޯވީ ދަތުރު ފެށިތާ މާގިނަ އިރު ނުވަނީސް ކަމަށް އޮފިޝަލުން ބުންޏެވެ.
އެހާދިސާގައި 23 މީހަކު މަރުވުމުގެ އިތުރުން ނުވަ މީހަކަށް ވަނީ އަނިޔާވެފަ އެވެ. އަދި 17 މީހަކަށް ވީގޮތް ޔަގީންވެފައި ނުވުމުގެ ސަބަބުން ޑައިވަރުން ދަނީ މީހުން ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.
ފެރީގައި ރޯވި ހާދިސާއާ ގުޅިގެން އޭގެ ކެޕްޓަން އާއި ތިން ކުރޫ މެމްބަރުންނާއި ޕޯޓް އޮތޯރިޓީގެ ދެމުވައްޒަފުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. ބައެއް ރިޕޯޓުތަކުގައިވާ ގޮތުން ފެރީގައި ރޯވުމުން އޭގެއިން އެންމެ ފުރަތަމަ ފުއްމާލީ ބޯޓުގެ ކެޕްޓަން އެވެ.
އިންޑޮނޭޝިއާގެ މިނިސްޓްރީ އޮފް ޓްރާންސްޕޮޓޭޝަނުން ބޭއްވި ޕްރެސް ކޮންފަރެންސެއްގައި އެމިނިސްޓްރީން ވަނީ ބޯޓުގައި ތިބި ހުރިހާ ފަސިންޖަރުންގެ ސަލާމަތަށް ނުބަލައި ފެރީން ކެޕްޓަން ފުއްމާލިކަން ސާބިތުވެއްޖެ ނަމަ އޭނާއާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ބުނެފަ އެވެ.
އެފެރީގައި ރޯވާން މެދުވެރިވި ސަބަބު އަދި ހޯދިފައި ނުވެ އެވެ. (ސީއެންއެން)