02 Jan 2017, 13:17
ޓޫރިޒަމް ނޫން ހުރިހާ ދާއިރާއެއްގެ ޖީއެސްޓީ އޮންލައިންކޮށް ހުށަހެޅުމަށް ލާޒިމް ކުރާ ރޫލިންއެއް މީރާ އިން ނެރެފި އެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރު 29 ވަނަ ދުވަހު ގެޒެޓުކޮށް އަމަލު ކުރަން ފަށާފައިވާ އެ ރޫލިންގައިވާ ގޮތުން މި އަހަރުގެ ޖެނުއަރީ މަހުގެ އެއް ވަނަ ދުވަހުގެ ފަހުން ފެށޭ ޓެކްސް ނެގޭ މުއްދަތުތަކަށް ހުށަހަޅާ ޓޫރިޒަމް ދާއިރާ ނޫން ދައިރާތަކުގެ ޖީއެސްޓީ ބަޔާން ހުށަހަޅަން ޖެހޭނީ މީރާކަނެކްޓް މެދުވެރިކޮށެވެ. މި ރޫލިންގެ ދަށުން ޖީއެސްޓީ ދައްކަން ޖެހެނީ އެ ކުންފުންޏަކަށް މަހެއްގެ މައްޗަށް ލިބޭ އާމްދަނީ 20 މިލިއަނަށް ވުރެ އިތުރުވާ ނަމަ އެވެ.
މިއީ ޓެކްސް ނެގުމާ ބެހޭ އިދާރީ ޤާނޫނުގެ 84 ވަނަ މާއްދާގެ ދަށުން ނެރެފައިވާ ރޫލިންއެކެވެ.
އެ އިދާރާގެ އޮންލައިން ޕްލެޓްފޯމް މެދުވެރިކޮށް ޖީއެސްޓީ ހުށަހެޅުން ލާޒިމްކޮށްފައިވާ އިރު، އިލެކްޓްރޯނިކް ޒަރިއްޔާ މެދުވެރިކޮށް ޓެކްސް ބަޔާން ހުށަހެޅުމާއި ފައިސާ ދެއްކުމުގެ ގަވާއިދުގެ 17 ވަނަ މާއްދާގައި ބުނެފައި ވަނީ މީރާ އިން ކަނޑައަޅާ ޝަރުތުތަކެއް ހަމަވާ ޓެކްސް ދައްކާ ފަރާތްތަކުން މީރާއަށް ހުށަހަޅަން ޖެހޭ ޓެކްސް ބަޔާންތައް މީރާ ކަނެކްޓު މެދުވެރިކޮށް ހުށަހެޅުމާއި ދައްކަން ޖެހޭ ފައިސާ އެމްއާރުޓީޖީއެސް މެދުވެރިކޮށް ނުވަތަ އޮންލައިންކޮށް ދެއްކުމަށް ލާޒިމް ކުރުމުގެ އިޚްތިޔާރު ކޮމިޝަނަރު ޖެނެރަލްއަށް ލިބިގެންވާ ކަމަށެވެ.
މިފަދަ ރޫލިންއެއް ނެރެފައިވާ އިރު، މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި، މީރާ އިން ވަނީ ޓޫރިޒަމް މިނިސްޓްރީ އިން އެ ދާއިރާގެ ބައެއް ކަންކަމުން ނަގާ ފީތައް މީރާ މެދުވެރިކޮށް ނެގުމަށް އޮންލައިން ޕޯޓަލްއެއް ތައާރަފްކޮށް އެކަން އެގޮތަށް ކުރަން ފަށައިފަ އެވެ.