ކީރިތި ގުރުއާނާ ބެހޭ މަރުކަޒުގައި ދިރާގުން މެގަ އެކްސެސް ގާއިމްކޮށްދީ ހަތަރު އަތޮޅެއް މާލެއާއި ގުޅާލަ ދީފި އެވެ.

ދިރާގުން ހިލޭ ދިން އެހިދުމަތުގެ ދަށުން މާލެއާއި ގުޅާލަދީފައިވަނީ، ރ. އަލިފުއްޓާއި، އދ. މާމިގިއްޔާ ފ. ނިލަންދޫ އަދި ޏ. ފުވައްމުލަކެވެ.

ރާއްޖެ އިސްލާމްވި ދުވަހާއި ގުޅިގެން ދިރާގުން ފޯރުކޮށްދިން އެ ހިދުމަތުގެ ސަބަބުން ވީޑިއޯ ކޮންފަރެންސިން މެދުވެރިކޮށް ވަގުތުން ގުރުއާން ކްލާސްތައް ނަގައިދިނުމުގެ ފުރުސަތު ހުޅުވިގެންދާނެ ކަމަށް ދިރާގުން ބުނެ އެވެ. އަދި އެ ހަތަރު އަތޮޅުން ތައުލީމު ހާސިލް ކުރަން ބޭނުންވާ ދަރިވަރުންނަށް ރަށުގައި ތިބެގެން ކްލާހުގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ދިރާގުން ބުނެ އެވެ. އޭގެ އިތުރުން 'އިންޓަރެކްޓިކް ރިމޯޓު ކްލާސް' ތަކުގެ ސަބަބުން މާލޭގައި ތިއްބަވައިގެން މުދައްރިިސުންނަށް ފިލާވަޅު ނަންގަވައިދެއްވާ ދަރިވަރުންގެ ސުވާލުތަކަށް ވަގުތުން ޖަވާބު ދެވޭނެ އެވެ.

އެކަމުގެ އެއްބަސްވުމުގައި ދިރާގާއި ކީރިތި ގުރުއާނާ ބެހޭ މަރުކަޒާ ދެމެދު މިދިޔަ ހޮނިހިރު ދުވަހު ސޮއިކޮށްފައިވާއިރު، ކީރިތި ގުރުއާނާ ބެހޭ މަރުކަޒުގެ ރައީސް އަލް އުސްތާޒް އިބްރާހީމް ރަޝީދު މޫސާ ވިދާޅުވީ، އެ މަރުކަޒުންދޭ ހިދުމަތްތައް ދިނުމަށް އިތުރު ލުއި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.

ދިރާގުގެ ފަރާތުން ވާހަކަފުޅު ދައްކަވަމުން ދިރާގުގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު، އިމްޖާދު ޖަލީލް ވިދާޅުވީ، ދިރާގުން ހަދިޔާކުރި މެގަ އެކްސެސްގެ ސަބަބުން ކީރިތި ގުރުއާނާއި ބެހޭ މަޒުކަޒުގެ މަސައްކަތްތަކަށް އިތުރު ލުއި ފަސޭހަކަމެއް ލިބިގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

"މި ހަދިޔާ ކުރި މެގަ އެކްސެސް ގެ ސަބަބުން ކީރިތި ޤުރުއާނާއި ބެހޭ މަރުކަޒުގެ މަސައްކަތްކަތަށް އިތުރު ލުއި ފަސޭހަކަމެއް ލިބިގެން ދާނެ ކަމަށް އުންމީދު ކުރަން. އަދި ކީރިތި ޤުރުއާނާއި ބެހޭ މަރުކަޒުގައި ނެގޭ ކިލާސްތަކުގައިވެސް އެއްވެސް ދަތިކަމެއްނެތި އަތޮޅު ތެރޭގެ ރައްރަށުގައި ތިބެގެންވެސް ދަރިވަރުންނަށް ބައިވެރިވުމުގެ ފުރުސަތު މިހާރު އިރާދަކުރެއްވިޔާ ހުޅުވިގެންދިޔައީ. އެގޮތުން ކީރިތި ޤުރާނާއި ބެހޭ ކިލާސްތައްވެސް ޑިސްޓަންޓް ލާރނިންގެ ޑިޖިޓަލް ޕްލެޓްފޯމަކަށް ޤެނައުމުގައި އައުޅުގަނޑުމެންނަށްވެސް އިސް ރޯލެއް އަދާކުރަން ލިބިގެން ދިއުމަކީ ވަރަށް ބޮޑު އުފަލެއް ލިބިގެންދާކަމެއް،" އިމްޖާދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ދިރާގުގެ އަމާޒަކީ ކުރިއަށް އޮތްތަނުގައިވެސް ރާއްޖޭގެ ވީހާވެސް ގިނަ ހިސާބަކަށް އެފަދަ ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދިނުން ކަމަށެެވެ.

ދިރާގުން ބުނީ، އެ ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން ޒަމާނީ ޑިޖިޓަކް ހިދުމަތްތައް މެދުވެރިކޯށް އެފަދަ ތައުލީމާއި ގުޅުން ހުރި ހިދުމަތްތައް ފޯރުކޮށްދީ ކުރިއެރުވުމަށް މަސައްކަތް ކުރުމަކީ ދިރާގުގެ އެންމެ ބޮޑު އެއް އަމާޒު ކަމަށެވެ. ނިމިދިޔަ އަހަރު ދިރާގުން އެފަދަ އެތައް އެހީއެއް ފޯރުކޮށްދީފައިވާ ކަމަށް ދިރާގުން ބުނެ އެވެ. އެގޮތު ރާއްޖޭގެ ހަތަރު ރީޖަނަލް ހޮސްޕިޓަލަށް އޮސްސިޖަން ކޮންސެންޓްރޭޓަރ ހަދިޔާ ކޮށް، ލ. އަތޮޅާއި ބ. އަތޮޅުގެ ސްޕެޝަލް އެޑިއުކޭޝަން ނީޑްސް ކްލާސް ކުރިއެރުވުމަށް ބޭނުން ވާ ތަފާތު ވަސީލަތްތައް ވަނީ ހަދިޔާ ކޮށްފައިވާކަމަށް ދިރާގުން ބުނެއެވެ. އަދި ފުވައްމުލަކުގައި ގާއިމު ކުރަން އުޅޭ ސެޕެޝަލް އެޑިއުކޭޝަން ނީޑްސް ކްލާހަށް އެހީ ތެރިކަން ފޯރުކޮށްދިނުމަށް ވަނީ ދިރާގުން ނިންމާފައިވާ ކަމަށް އެކުންފުނިން ބުނެ އެވެ.