ރާއްޖޭގެ ޖުމްހޫރިއްޔަތުގެ ފުރަތަމަ ރައީސް ސުމުއްވުލް އަމީރު މުހައްމަދު އަމީން ދޮށިމޭނާ ކިލެގެފާނުގެ ހަނދާނުގައި އަމީނިއްޔާ ސްކޫލުން ކޮންމެ އަހަރަކު ވެސް ދެމުން އަންނަ މުހައްމަދު އަމީން ސްކޮލަޝިޕަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފިއެވެ.

އަމީނިއްޔާ ސްކޫލުން ބުނީ، އެ ސްކޮލަޝިޕަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކުރީ އެ ސްކޮލަޝިޕަށް މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ކުރި އިއުލާނަށް އެއްވެސް ފަރާތަކުން ކުރިމަތިލާފައިނުވާތީ ކަމަށެވެ.

މުހަައްމަދު އަމީން އެވޯޑަކީ އަމީނިއްޔާ ސްކޫލްގެ ރަންޔޫބިލް ހަރަކާތާ ގުޅިގެން އުފެދިފައިވާ ޓްރަސްޓް ފަންޑްގެ ދަށުން 1995 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް ދެމުން އަންނަ އެވޯޑެކެވެ.

އެ އެވޯޑް ދޭނީ ކޮންމެ އަހަރަކުވެސް އަތޮޅުތަކުގެ ސްކޫލްތަކުން ގްރޭޑް ހަތެއް ނިންމުމަށް ފަހު ސާނަވީ ތައުލީމު ހާސިލްކުރުމަށް އަމީނިއްޔާ ސްކޫލަށް ވަންނަ ދަރިވަރުންގެ ތެރެއިން އެ ސްކޮލާޝިޕްގައި ބައިވެރިވާ ދަރިވަރުންގެ މެދުގައި ނަގާ ޓެސްޓަކުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ދަރިވަރަށްދޭ ސްކޮލޮޝިޕެކެވެ.

އަދި ސްކޮލޮޝިޕްގެ ދަށުން ކުއްޖެއްގެ އޯލެވެލް އިމްތިހާނު ނިމެންދެން ކިޔެވުމުގެ ހުރިހާ ހަރަދެއް އަމީނިއްޔާ ސްކޫލުން ބަލަހައްޓާނެ އެވެ. އަދި އެ ދަރިވަރަކަށް ސްކޫލް ނިމެންދެން ކޮންމެ މަހަކު ޕޮކެޓް މަނީ އެއްވެސް ދެއެވެ.

އަމީން ދީދީ އެވޯޑުގެ ޝަރުތުތައް:

  1. 2016 ޖަނަވަރީ އެކަކަށް 14 އަހަރު ނުފުރޭ ކުއްޖެއް ކަމުގައިވުން.

  2. 2016 ވަނަ އަހަރު މާލެ/ ވިލިނގިލި /ހުޅުމާލެ ފިޔަވައި އެހެން ރަށެއްގެ ސްކޫލެއްގައި ދިރާސީ އަހަރު ގްރޭޑް ހަތެއް ނިންމި ކުއްޖަކަށްވުން.
  3. އަހުލާގު ރަނގަޅު ކުއްޖެއް ކަމުގައިވުން.
  4. 2016 ވަނަ އަހަރުގެ ފަހު ޓާމްގެ ފައިނަލް އެވްރެޖް 75 ޕަސެންޓް ނުވަތަ އެއަށްވުރެ މަތިން ފާސްވެފައިވުން.

އަމީނިއްޔާ ސްކޫލުން ބުނީ، އެ އެވޯޑަށް ކުރިމަތިލުމުގެ އެންމެ ފަހު މުއްދަތަކީ އަންނަ ހަފްތާގެ އާދީއްތަ ދުވަހުގެ 13:00 ކަމަށެވެ. އަދި ހަމަ އެދުވަހު ޝަރުތު ހަމަވާ ދަރިވަރުންގެ ލިސްޓެއް ސްކޫލް ނޯޓިސް ބޯޑުގައި ޝާއިއުކުރާނެ ކަމަށް އެ ސްކޫލުން ބުނެއެވެ.

އެވޯޑަށް ކުރިމަތިލާ ދަރިވަރުންގެ މެދުގައި ނަގާ އިމްތިހާން އޮންނާނީ އަންނަ ހަފްތާގެ ހޯމަ ދުވަހު ހެނދުނާއި މެންދުރުަ ފަހުއެވެ. އަދި އިމްތިހާންގެ ނަތީޖާ ދޫކުރާނީ މިމަހުގެ 11 ވަނަ ދުވަސް ވާ ބުދަ ދުވަހުގެ 12:00 ގެ ފަހުންނެވެ.