02 Jan 2017, 14:55
އދ. މަޖިލިސް (ޖަނަވަނީ 2): މީލާދީ އައު އަހަރުކަމަށްވާ 2017 ވަނަ އަހަރަކީ ސުލްޙައިގެ އަހަރެއް ކަމުގައި ހެދޭތޯ މަސައްކަތް ކުރައްވާނެ ކަމަށް އދ.ގެ އައު ސެކްރެޓަރީ ޖެނެރަލް އެންޓޯނިޔޯ ގުޓޭރަސް ވިދާޅުވެއްޖެ އެވެ.
އދ.ގެ ސެކްރެޓަރީ ޖެނެރަލް ކަމުގެ މަގާމާ ހަވާލުވެވަޑައިގެން ނެރުއްވި ބަޔާނެއްގައި ގުޓޭރަސް ވިދާޅުވީ ދުނިޔޭގެ އެތައް ގައުމެއްގައި ހަނގުރާމައާއި ލޭއޮހޮރުވުންތައް ހިނގަމުންދާ ކަމަށާއި ދެ ވަނަ ބޮޑުހަނގުރާމައަށް ފަހު ރެފިއުޖީންގެ މައްސަލަ ބޮޑުނުވާ މިންވަރަށް މިހާރު އެ މައްސަލަ ބޮޑުވެފައިވާކަމުގަ އެވެ. މީގެ އިތުރުން ޓެރަރިޒަމްގެ ނުރައްކާ ވެސް އާދަޔާޚިލާފަށް ބޮޑުވެފައިވާ ކަމަށާއި ޓެރަރިޒަމާއި ރެފިއުޖީންގެ މައްސަލައަކީ ހަނގުރާމައާއި ތަޅާފޮޅުމުގެ ނަތީޖާއެއްގެ ގޮތުން އުފަންވާ މައްސަލަތަކެއް ކަމަށް އޭނާ ސިފަކުރެއްވި އެވެ. އެހެންކަމުން 2017 ވަނަ އަހަރަކީ ހަނގުރާމަތައް ހުއްޓުވައި ސުލްޙައިގެ އަހަރެއް ކަމުގައި ހެދުމަށް އިސްކަން ދެއްވާނެ ކަމަށް ގުޓޭރަސް ވިދާޅުވި އެވެ.
އެންޓޯނިޔޯ ގުޓޭރަސްއަކީ އިންސާނީ އެހީގެ ކަންތައްތަކާ ބެހޭ އދ.ގެ ހައިކޮމިޝަނަރުކަމުގެ މަގާމު އެތައް އަހަރެއްވަންދެން ފުރުއްވާފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ. އދ.ގެ މަގާމު އަދާކުރުމުގެ ކުރިން އޭނާ ވަނީ އޭނާގެ ގައުމު ކަމަށްވާ ޕޯޗްގަލްގެ ބޮޑުވަޒީރުކަން ވެސް ކުރައްވާފަ އެވެ.
ނަވާރަ ސަތޭކަ ސާޅީސް ފަސް ވަނަ އަހަރުގައި އދ. މަޖިލިސް އުފެދުނު ފަހުން އެޖަމްއިއްޔާގެ ސެކްރެޓަރީ ޖެނެރަލް ކަމުގެ މަގާމު މިހާތަނަށް ނުވަ ބޭފުޅަކު އަދާކުރައްވާފައިވެ އެވެ. އދ. ގެ އެންމެ ފުރަތަމަ ސެކްރެޓަރީ ޖެނެރަލް އަކީ އިނގިރޭސި ރައްޔިތެއްކަމަށްވާ ގްލަޑްވިން ޖެން އެވެ. އެއީ 1945 ން 1946 އަށެވެ. ދެވަނަ ސެކްރެޓަރީ ޖެނެރަލްއަކީ ނޯވޭގެ ބޭފުޅެއްކަމަށްވާ ޓްރައިގްވް ލީ އެވެ. އެއީ 1046 ން 1952 އަށެވެ.
ތިންވަނަ ސެކްރެޓަރީ ޖެނެރަލް އަކީ ސްވިޑްންގެ ރައްޔިތެއްކަމަށްވާ ޑެގް ހެމާޝޯލްޑް އެވެ. އެއީ 1953 ން 1961 އަށެވެ. ހަތަރުވަނަ ސެކްރެޓަރީ ޖެނެރަލް އަކީ ބަރުމާގެ ރައްޔިތެއްކަމަށްވާ ޔޫ ތަންޓް އެވެ. އެއީ 1061 ން 1971 އަށެވެ. ފަސްވަނަ ސެކްރެޓަރީ ޖެނެރަލް އަކީ އޮސްޓްރިޔާގެ ރައްޔިތެއްކަމަށްވާ ކޯޓް ވޯލްޑްހެއިމް އެވެ. އެއީ 1972 ން 1981 އަށެވެ.
ހަވަނަ ސެކްރެޓަރީ ޖެނެރަލް އަކީ ޕެރޫގެ ރައްޔިތެއްކަމަށްވާ ހަވިއެޒް ޕެރޭޒް ޑިކުލާ އެވެ. އެއީ 1982 ން 1991 އަށެވެ. ހަތްވަނަ ސެކްރެޓަރީ ޖެނެރަލް އަކީ މިސްރުގެ ރައްޔިތެއްކަމަށްވާ ބުތްރުސް ބުތްރުސް ޣާލީއެވެ. އެއީ 1992 ން 1996 އަށެވެ. އަށްވަނަ ސެކްރެޓަރީ ޖެނެރަލް އަކީ ގާނާގެ ރައްޔިތެއްކަމަށްވާ ކޯފީ އަނާން އެވެ. އެއީ 1997 ން 2005 އަށެވެ.
މިހާތަނަށް ހުންނެވި އދ.ގެ ސެކްރެޓަރީ ޖެނެރަލް ބާންކީ މޫންއަކީ ދެކުނު ކޮރެޔާގެ ބޭފުޅެކެވެ. އޭނާ އެމަގާމަށް އައްޔަންކުރީ 2007 ވަނަ އަހަރުގަ އެވެ. މިދިޔަ ޑިސެމްބަރު މަހުގެ 31ގައި އޭނާގެ ދެވަނަ ދައުރުގެ މުއްދަތު ހަމަވުމުން އޭނާ ވަނީ މަގާމުން ވަކިވެ ވަޑައިގެންފަ އެވެ. (ނޫސްއެޖެންސީތައް)