ގާތުންދޭ ކިރުގެ ބަދަލުގައި ކުޑަކުދިންނަށްދޭ ބާވަތްތަކުގައި ދިވެހި ލޭބަލް ޖެހުން ފަސްކޮށްފައިވާކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބުނެފި އެވެ.

މިމަހުގެ 16 ވަނަ ދުވަހުން ފެށިގެން ގާތުންދޭ ކިރުގެ ބަދަލުގައި ކުޑަކުދިންނަށް ދޭ ބާވަތްތައް ދިވެހިރާއްޖެއަށް އެތެރެކުރުމާއި، އުފެއްދުމާއި، ވިޔަފާރީގައި ބޭނުންކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ގަވާއިދު ގެދަށުން ކަނޑައެޅިފައިވާ އުފެއްދުންތައް ރަޖިސްޓްރީނުކޮށް ދިވެހި ލޭބަލް ނެތި ވިއްކަން ބެހެއްޓުމަކީ މަނާކަމެއްކަމުގައި ކުރިން ވަނީ ކަނޑައަޅާފައެވެ.

ނަމަވެސް އެފަދަ އުފެއްދުންތަކުގައި ދިވެހި ބަހުން ލޭބަލް ޖެހުމަކީ، އެތަކެތި ރާއްޖެއަށް އެތެރެކުރާ ބައެއް ފަރާތްތަކަށް ދަތި ކަމަކަށްވާތީ، އެކަމަށް ހައްލެއް ހޯދައި، ގަވާއިދަށް ބަދަލެއް ގެންނަން ޖެހޭނަމަ އެކަން ކުރުމަށް އެ އޮތޯރިޓީއަށް ވަގުތު ބޭނުންވާތީ ދިވެހި ލޭބަލް ޖެހުން ފަސްކޮށްފައިވާ ކަމަށް އެއޮތޯރިޓީން ފަހުން ކޮށްފައިވާ އިއުލާނެއްގައި ވަނީ ބުނެފައެވެ.

އެ އޮތޯރިޓީން ބުނީ ދިވެހި ލޭބަލް ފިޔަވައި ރެޖިސްޓްރޭޝަނަށް ބޭނުންވާ އެހެނިހެން ލިޔެކިޔުންތައް ހުށަހެޅުމުން ޕްރޮޑަކްޓްގެ އޮރިޖިނަލް ލޭބަލް ގަވާއިދާ އެއްގޮތަށް ވާނަމަ، ޕްރޮޑަކްޓް ރަޖިސްޓްރީ ކޮށްދޭނެ ކަމަށެވެ.

އެއޮތޯރިޓީން ބުނެފައިވަނީ، ދިވެހިބަހުން ލޭބަލް ޖެހުމާމެދު ގޮތެއް ނިންމައި، ވަކިގޮތެއް އަންގަންދެން ދިވެހިބަހުން ލޭބަލްޖެހުން ފަސްކުރި ކަމުގައިވިޔަސް، ރަޖިސްޓްރީ ނުކޮށް ތުއްތު ކުދިންނަށް ހާއްސަ ކާނާއާއި، އެ ގަވާއިދުގައިވާ އެހެނިހެންތަކެތި ވިއްކަން ބެހެއްޓޭނެ އެންމެފަހު ތާރީހަކީ މިއަހަރުގެ މާޗު މަހުގެ 25 ވަނަ ދުވަސް ކަމަށެވެ.