ބަހްރައިގެ ޖަލަކަށް ހަތިޔާރުއެޅި ބަޔަކު ހަމަލާދީ، ޓެރަރިސްޓުންގެ ކުށުގައި ޖަލަށްލާފައި ތިބި ގައިދީންތަކަކާއެކު ނުރައްކާތެރި ކުށްވެރިން ތަކެއް މިނިވަންކޮށްފިއެވެ.

ބަހްރައިންގެ ހޯމް މިނިސްޓްރީން ބުނީ، ވެރިރަށް މަނާމާގެ ހުޅަނގުގައި ހުންނަ ޖައު ޕްރިޒަން ގައި ހައްޔަރު ކޮށްފައިތިބި ގައިދީންތަކެއް މިނިވަންކުރުމާ ގުޅިގެން އެމީހުން ހޯދުމަށް ހާއްސަ ސަލާމަތީ އޮޕަރޭޝަނެއް ފަށާފައިވާ ކަމަށެވެ.

މިނިވަންވި ބައެއް ގައިދީންގެ ތެރޭގައި ޓެރަރިޒަމްގެ ކުށް ސާބިތުވެ ޖަލައްލާފައިތިބި ބަޔަކު ވެސް ހިމެނޭ ކަމަށް މިނިސްޓްރީން ބުނެއެވެ.

ނަމަވެސް ޖަލުން މިނިވަން ވެފައިވަނީ ކިތައް ގައިދީންތަކެއް ބުނެފައެއްނުވެއެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ހަމަލާދީ ގިނަ ގައިދީންތަކެއް މިނިވަންކުރި އެ ޖަލަކީ ސަރުކާރާ ދެކޮޅު މުޒާހަރާތަކުގައި ބައިވެރިވުމުގެ ކުށުގައާއި ސަލާމަތީ ބާރުތަކާ ދެކޮޅަށް ހަމަލާދިން ކަމުގެ ކުށުގައި އެތައް ހާސް ޝިއައީ މުސްލިމުންތަކެއް ހައްޔަރުކޮށްފައި ތިބި ޖަލެކެވެ.

ސުންނީ ރަސްކަމެއް ހިނގަމުން އަންނަ ބަހްރައިންގައި ޝިއައީ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ތަފާތުކުރުންތައް ހުއްޓާލުމަށް ގޮވާލައި 2011 ވަނަ އަހަރުން ފެށިގެން އަންނަނީ ދޭތެރެ ދޭތެރެއިން މުޒާހަރާ ކުރަމުންނެވެ.

ބަހްރެއިންގެ ކޯޓަކުން ވަނީ މިދިޔަ އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި ޖައު ޕްރިޒަންގައި 2015 ވަނަ އަހަރު ހިންގި ހަމަނުޖެހުމުގައި ބައިވެރިވި 57 މީހަކަށް 15 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ.

އާއިލާތައް ޒިޔާރަތްކުރުމަށް ހާއްސަ ކޮށްފައިވާ ދުވަހެއްގައި ޖަލު ތެރޭ ހިނގި ހަމަނުޖެހުން ކޮންޓްރޯލް ކުރުމަށް ބަހްރައިންގެ ސަލާމަތީ ބާރުން ވަނީ ކަރުނަ ގޭސް ބޭނުންކޮށް ބައެއް ގައިދީންނަށް އަނިޔާކޮށްފައެވެ. (ރޮއިޓާސް)