02 Jan 2017, 00:27
އިނގިރޭސި ޕްރިމިއާ ލީގުގައި ފްރާންސް ފޯވަޑް އޮލިވިއާ ޖިރޫގެ މޮޅު ލަނޑަކާއެކު ކްރިސްޓަލް ޕެލަސް އަތުން އާސެނަލް މޮޅުވެއްޖެ އެވެ.
އަމިއްލަ ދަނޑުގައި މިއަދު ކުޅުނު އެ މެޗުގައި ކްރިސްޓަލް ޕެލަސްގެ މައްޗަށް އާސެނަލުން ކުރި ހޯދީ 2-0 ލަނޑުގެ ނަތީޖާއަކުންނެވެ.
މެޗުގައި ލަނޑު ޖަހާނެ ފުރަތަމަ ފުރުސަތު ވެސް ލިބުނީ އާސެނަލަށެވެ. އެލެކްސް އިވޯބީ ދިން ބޯޅައަކުން މުހައްމަދު އެލްނެނީ އުފެއްދި އެ ހަމަލާ، ކްރިސްޓަލް ޕެލަސްގެ ކުޅުންތެރިއެއް ގައިގައި ޖެހި ވަނީ ބްލޮކްވެފަ އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ކްރިސްޓަލް ޕެލަސް ކޮޅަށް ލަނޑު ޖެހުމަށްފަހު އާސެނަލްގެ ޖިރޫ އުފާފާޅުކުރަނީ: އެ މެޗުން އާސެނަލް މޮޅުވީ 4-1 ލަނޑުން --- ފޮޓޯ/ ގެޓީ
އެ ފުރުސަތަށްފަހު ވެސް އާސެނަލަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިފައިވެ އެވެ. އެގޮތުން އެލެކްސިސް ސަންޗޭޒް އާއި އިވޯބީ އަށް ލިބުނު ފުރުސަތު ފާހަގަކޮށްލެވެ އެވެ. ސަންޗޭޒް އުފެއްދި ހަމަލާ ގޯލަށް އަމާޒުވެފައި ނުވާ އިރު، އިވޯބީ އުފެއްދި ހަމަލާ ޕެލަސްގެ ކީޕަރު ވޭން ހެނެސީ ވަނީ މަތަކޮށްފަ އެވެ.
އާސެނަލްގެ ފުރަތަމަ ލަނޑު ފެނިގެންދިޔައީ މެޗުގެ 17 ވަނަ މިނެޓުގައެވެ. ސަންޗޭޒް ނަގައިދިން ހުރަހަކުން އާސެނަލަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ޖިރޫ އެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ޕެލަސްގެ ޕެނަލްޓީ އޭރިޔާ ތެރޭ ހުރެފައި، ފައިގެ ފުންނާބުން އުފެއްދި ހަމަލާއަކުންނެވެ.
މެޗުގައި އާސެނަލުން ކާމިޔާބުކުރި ދެ ވަނަ ލަނޑު ފެނިގެންދިޔައީ ދެ ވަނަ ހާފުގެ ތެރޭގައެވެ. އާސެނަލަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެ ޓީމުގެ ނައިޖީރިއާ ފޯވަޑް އެލެކްސް އިވޯބީ އެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ޕެލަސްގެ ޕެނަލްޓީ އޭރިޔާ ތެރޭ ހުރެފައި ބޮލުން އުފެއްދި ހަމަލާއަކުންނެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ކްރިސްޓަލް ޕެލަސް ކޮޅަށް ލަނޑު ޖެހުމަށްފަހު އާސެނަލްގެ އިވޯބީ އުފާފާޅުކުރަނީ: އެ މެޗުން އާސެނަލް މޮޅުވީ 4-1 ލަނޑުން --- ފޮޓޯ/ ރޮއިޓާސް
އެ ލަނޑުގެ އިތުރުން ވެސް ލަނޑެއް ކާމިޔާބުކުރުމަށް ދެ ވަނަ ހާފުގައި އާސެނަލަށް ފުރުސަތުތަކެއް ލިބިގެންދިޔަ އެވެ. އެގޮތުން އާސެނަލްގެ ޖިރޫ އަށް ލަނޑު ޖަހާނެ ދެ ފުރުސަތެއް ލިބިގެންދިޔަ އިރު، އެލެކްސް އޮކްސްލޭޑް ޗެމްބަލޭން އަށް ވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔަ އެވެ.
މިވަގުތު އާސެނަލް އޮތީ ކުޅުނު 19 މެޗުން ލިބުނު 40 ޕޮއިންޓާއެކު ލީގު ތާވަލުގެ ތިން ވަނައިގައެވެ. ތާވަލުގެ އެއް ވަނައިގައި އޮތް ޗެލްސީ އަށް 19 މެޗުން 49 ޕޮއިންޓް ލިބިފައިވާ އިރު، ދެ ވަނައިގައި އޮތް ލިވަޕޫލަށް ލިބިފައި ވަނީ 43 ޕޮއިންޓެވެ. މިރޭ އާސެނަލް އަތުން ބަލިވި ކްރިސްޓަލް ޕެލަސް އޮތީ ކުޅުނު 19 މެޗުން ލިބުނު 16 ޕޮއިންޓާއެކު ތާވަލުގެ 17 ވަނައިގައެވެ.