02 Jan 2017, 00:02
މިއަހަރު އިނގިރޭސި ޕްރިމިއާ ލީގުގައި ކުޅުނު ފުރަތަމަ މެޗު ކާމިޔާބުކޮށްގެން ޓޮޓެންހަމް ހޮޓްސްޕާ ތާވަލުގެ ހަތަރު ވަނައަށް ޖެހިލައިފި އެވެ.
ރަށުން ބޭރުގައި މިރޭ ކުޅުނު ލީގު މެޗުގައި ވެޓްފޯޑްގެ މައްޗަށް ޓޮޓެންހަމް އިން ކުރި ހޯދާފައި ވަނީ 4-1 ލަނޑުގެ ނަތީޖާއަކުންނެވެ.
މެޗުގެ ފުރަތަމަ ހާފުގައި ޓޮޓެންހަމްގެ ފަރާތުން ނުރައްކާތެރި ކުޅުމެއް ފެނިގެންދިޔަ އިރު، މެޗުގެ 27 ވަނަ މިނެޓުގައި އެ ޓީމުގެ ފުރަތަމަ ލަނޑު ފެނިގެންދިޔަ އެވެ. ކިއެރެން ޓްރިޕިއާ ދިން ބޯޅައަކުން އަހަރުގެ ފުރަތަމަ ލަނޑު ކާމިޔާބުކުރީ ޓޮޓެންހަމްގެ އިނގިރޭސި ފޯވަޑް ހެރީ ކޭން އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ވެޓްފޯޑް ކޮޅަށް ލަނޑު ޖެހުމަށްފަހު، ޓޮޓެންހަމްގެ ހެރީ ކޭން އުފާފާޅުކުރަނީ: އެ މެޗުން ޓޮޓެންހަމް މޮޅުވީ 4-1 ލަނޑުން --- ފޮޓޯ/ ގެޓީ
އޭގެ ހަ މިނެޓް ފަހުން ޓޮޓެންހަމް އިން ވަނީ އިތުރު ލަނޑެއް ޖަހައި ލީޑު ފުޅާކޮށްފަ އެވެ. ޓްރިޕިއާ ދިން އިތުރު ބޯޅައަކުން އެ ލަނޑު ވެސް ޓޮޓެންހަމް އަށް ކާމިޔާބުކޮށްދިނީ އެ ޓީމުގެ ފުރަތަމަ ލަނޑު ވެސް ކާމިޔާބުކޮށްދިން ކޭން އެވެ.
މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ޓޮޓެންހަމް އިން ވަނީ ތިން ލަނޑު ލީޑެއް ހޯދައިފަ އެވެ. މެޗުގެ 41 ވަނަ މިނެޓުގައި ކޭން ނަގައިދިން ހުރަހެއް ވެޓްފޯޑްގެ ޔޫނެސް ކާބޫލް އަށް ރަނގަޅަށް ދިފާއު ނުކުރެވުމުން ލިބުނު ބޯޅައިން ޓޮޓެންހަމް އަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ޑެލޭ އަލީ އެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 3-0 ލަނޑުން ޓޮޓެންހަމް ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެ ވަނަ ހާފު ފެށިތާ މިނެޓެއް ފަހުން ޓޮޓެންހަމް އިން ވަނީ އެ ޓީމުގެ ހަތަރު ވަނަ ލަނޑު ކާމިޔާބުކޮށްފަ އެވެ. ކޭން ނަގައިދިން ހުރަހަކުން ޓޮޓެންހަމް އަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެ ޓީމުގެ ތިން ވަނަ ލަނޑު ވެސް ކާމިޔާބުކޮށްދިން ޑެލޭ އަލީ އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ޓޮޓެންހަމް އާއި ވެޓްފޯޑް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ޓޮޓެންހަމް މޮޅުވީ 4-1 ލަނޑުން --- ފޮޓޯ/ ގެޓީ
މެޗުގައި ވެޓްފޯޑް އިން ކާމިޔާބުކުރި ލަނޑު ފެނިގެންދިޔައީ މެޗުގެ ދެ ވަނަ ހާފުގެ އިތުރު ވަގުތުކޮޅު ތެރޭގައެވެ. ވެޓްފޯޑަށް ލިބުނު ހިލޭ ޖެހުމެއްގެ ތެރެއިން ލިބުނު ބޯޅައަކުން އެ ލަނޑު ކާމިޔާބުކޮށްދިނީ އެ ޓީމުގެ ފްރާންސް ޑިފެންޑަރު ޔޫނެސް ކާބޫލް އެވެ.
އެ ނަތީޖާއާ އެކު ޓޮޓެންހަމް ވަނީ ތާވަލުގެ ހަތަރު ވަނައަށް ޖެހިލައިފަ އެވެ. ލީގު ތާވަލުގެ ހަތަރު ވަނައަށް ޖެހިލި ޓޮޓެންހަމް އާއި މެންޗެސްޓާ ސިޓީ އަށް ވެސް 19 މެޗުން ލިބިފައި ވަނީ 39 ޕޮއިންޓެވެ. ޓޮޓެންހަމް ކުރީގައި އޮތީ ގޯލުގެ ތަފާތުންނެވެ. ޓޮޓެންހަމް އަތުން ބަލިވި ވެޓްފޯޑް އޮތީ ކުޅުނު 19 މެޗުން ލިބުނު 22 ޕޮއިންޓާއެކު 13 ވަނައިގައެވެ.