21 Jun 2011, 08:02
ބެއިޖިންގ : ލީބިޔާގެ ޒަޢީމް މުޢައްމަރުލްޤައްޒާފީގެ ވެރިކަން ވައްޓާލުމަށް މަސައްކަތްކުރާ އެ ޤައުމުގެ އިދިކޮޅު އިންތިޤާލީ މަޖިލީހުގެ ރައީސް މުސްތަފާ ޢަބްދުލް ޖަލީލު މިއަދު ޗައިނާއަށް ވަޑައިގަންނަވާނެ އެވެ.
ޗައިނާގެ ޚާރިޖިއްޔާއިން ބުނިގޮތުގައި މިއީ ލީބިޔާގެ ސަރުކާރާއި އެ ޤައުމުގެ އިދިކޮޅު ފަރާތްތަކާ ދެމެދު ހިނގަމުންދާ އަހްލީ ހަނގުރާމަ ނިމުމަކަށް ގެނައުމަށް ޗައިނާ ކުރަމުން ގެންދާ ސުލްޙައިގެ މަސައްކަތްތަކާ ގުޅިފައިވާ ދަތުރުފުޅެކެވެ.
ޗައިނާއަކީ ލީބިޔާގެ މައްސަލާގައި ވަކިކޮޅަކަށް ނުޖެހޭ އަދި ލީބިޔާއާއެކު އިޤްތިސާދީ ބޮޑެތި ގުޅުންތަކެއް ޤާއިމް ކޮށްފައިވާ ޤައުމެކެވެ. އެމެރިކާއާއި ޔޫރަޕްގެ ޤައުމުތަކާ ޚިލާފަށް ޗައިނާއަކީ އެހެން ޤައުމެއްގެ ދާޚިލީ ކަންކަމާ ބެހޭ ޤައުމެއް ނޫނެވެ.
ލީބިޔާގެ ގައްޒާފީގެ ސަރުކާރުގެ ޚާރިޖީ ވަޒީރު ޢަބްދުލްޢާތީ އަލް ޢުބައިދީ މިދިޔަ ހަފްތާގައި ވަނީ ޗައިނާއަށް ޒިޔާރަތް ކުރައްވާފަ އެވެ. ލީބިޔާއާ ދެކޮޅަށް ބާރުބޭނުން ކުރުން ހުއްދަވާގޮތަށް އދ. ގެ ސަލާމަތީ މަޖިލީހުން ފާސްކުރި ޤަރާރަށް ރަޝިޔާއެކޭ އެއްގޮތަށް ޗައިނާވެސް ވޯޓު ދީފައެއް ނުވެއެވެ. -- އަލްޖަޒީރާ