ފްލައިޓެއްގެ ސިޑީގައި އެމްއެންޑީއެފްގެ ހެލިކޮޕްޓަރުގެ ފިޔަގަނޑުން ޖެހި ދެ މީހަކަށް އަނިޔާވެއްޖެ އެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު ކެޕްޓަން އިބްރާހީމް އާޒިމް މިރޭ ސަން އަށް ވިދާޅުވީ އެ ހާދިސާ ހިނގާފައި ވަނީ މިއަދު ހަވީރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ކަމަށެވެ.

އާޒިމް ވިދާޅުވީ ފްލައިޓުގެ ސިޑީގައި ހެލިކޮޕްޓަރުގެ ފިޔަގަނޑުން ޖެހުނީ އެ ހެލިކޮޕްޓަރުގައި ގއ. ވިލިނގިލިން ގެނައި ބަލިމީހާ ބާލަން އުޅުމުގެ ތެރޭގައި ކަމަށެވެ.

އެ ހާދިސާގައި ދެ މީހަކަށް އަނިޔާ ލިބިފައިވާ ކަމަށާއި އެ ދެ މީހުންނަށް ވެސް ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށް އާޒިމް ވިދާޅުވިއެވެ.

އާސަންދައިގެ އޮފިޝަލަކު ސަން އަށް ވިދާޅުވީ އެ ހާދިސާއާ ގުޅިގެން އެކަކު އެ ހޮސްޕިޓަލުން ފަރުވާ ހޯދާފައިވާ ކަމަށެވެ.

އެ މީހާގެ ބަނޑުގައި ކުޑަވަރެއްގެ ޒަޚަމެއް ހުރުމުން އޭޑީކޭ ހޮސްޕިޓަލަށް ދިޔުމަށް ލަފާދީފައިވާނެ ކަމަށާއި އޭނާގެ ހާލު ސީރިއަސް ނޫން ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.