01 Jan 2017, 19:07
ޓީސީ ސްޕޯޓްސް ކްލަބާއެކު ހަދާފައިވާ އެއްބަސްވުން އެ ކްލަބްގެ ކޯޗު މުހައްމަދު ނިޒާމް(ނިޒާމްބެ) އާކޮށް ކުރިއަށް އޮތް ސީޒަނުގައި ވެސް އެ ކަލްބްގައި މަޑުކުރުމަށް އެއްބަސްވެެއްޖެ އެވެ.
'ސަން ސްޕޯޓްސް' ޓީމަށް މައުލޫމާތުދެމުން ނިޒާމްބެ ބުނީ އަންނަ ސީޒަނުގައި ވެސް އޭނާ ފެނިގެންދާނީ ޓީސީން ކަމަށާއި އެކަމަށް އެއްބަސްވެ އެއް އަހަރު ދުަވަހުގެ ކޮންޓްރެކްޓެއްގައި ސޮއިކޮށްފައިވާ ކަމަށެވެ.
ދެހާސް ފަނަރަ ވަނަ އަހަރު ފުރަތަމަ ޑިވިޝަންގައި ވާދަކުރަން ފެށި ޓީސީގެ ކޯޗުގެ މަގާމް މިދިޔަ ދެ ސީޒަނުގައި ވެސް އަދާކޮށްފައިވާ ނިޒާމްބެ އެވެ. އޭނާގެ އިރުޝާދުގެ ދަށުން ގައުމީ ދަނޑަށް ޒުވާން ހުނަރުވެރި ގިނަ މޫނުތަކެއް ފެނިފައިވާއިރު މިދިޔަ ދެ ސީޒަނުގައި ވެސް ޓީސީން ވަނީ ހުރިހާ މުބާރާތެއްގެ ދެ ވަނަ ހޯދައިފަ އެވެ. އޭގެ ތެރޭގައި ދިވެހި ޕްރިމިއާ ލީގު ވެސް ހިމެނެ އެވެ.
އެފްއޭ ކަޕުގެ ފައިނަލުން ކްލަބް ވެލެންސިއާ އަތުން ބަލިވިއިރު ޔޫތު ޗެމްޕިއަންޝިޕުގެ ފައިނަލުން އީގަލްސް އަތުން ވަނީ ބަލިވެފަ އެވެ. އަދި ޕްރެޒިޑެންޓްސް ކްޕްގެ ފައިނަލުގައި އީގަލްސް އަތުން ބަލިވެ، ޓީސީން ނިމިގެންދިޔަ އަހަރުގެ ސީޒަން ނިންމާލީ ހުސްއަތާ އެވެ. އެއާއެކު ނިމިގެންދިޔަ ސީޒަނުގައި ޓީސީއަށް ކުޅުނު ތަޖުރިބާކާރު ގިނަ ކުޅުންތެރިތަކެއް ޓީސީ ދޫކޮށްލި ނަމަވެސް ނިޒާމްބެ ބުނީ، އަންނަ ސީޒަނުގައި އެ ޓީމު ފެނިގެންދާނީ ފާއިތުވެދިޔަ ސީޒަނަށްވުރެ ވަރުގަދަކޮށް ކަމަށެވެ.
"ޓީސީން ބޭނުންވާ ވަރަށް ގިނަ ކުޅުންތެރިންނާއެކު އެއްބަސްވުމަކަށް އާދެވިފަ ވަނީ. ކުރިއަށް އޮތް ދެ ދުވަހެއްގެ ތެރޭގައި ޓީސީއާ ގުޅޭނެ ކުޅުންތެރިންތައް ދައްކާލާނަން،" ނިޒާމްބެ ބުންޏެވެ.
އޭނާ ބުނީ، ޓީސީއަށް ރުފިޔާއަކަށް ކުޅުންތެރިން ނުގެންނާނެ ކަމަށާއި އޭގެ މާނައަކީ ކުޅުންތެރިންނަށް މުސާރު ނުދޭ ވާހަކަ ނޫން ކަމަށެވެ. އަދި ޓީސީއަށް ކުޅޭނީ ފުޓްބޯޅަ ކުޅޭ ހިތުން ކުޅޭ ކުޅުންތެރިން ކަމަށް ވެސް އޭނާ ބުންޏެވެ.
ޓީސީއަށް މިދިޔަ ސީޒަނުގައި ކުޅުނު މުހިންމު ތިން ކުޅުންތެރިޔަކު އެ ޓީމު ދޫކޮށްލާފައިވާއިރު މިހާތަނަށް ޓީސީއަށް ގެނެސްފައި ވަނީ މިދިޔަ ދެ ސީޒަންގައި ޓީސީގެ ގޯލް ބެލެހެއްޓި މުހައްމަދު އިމްރާން (ކުޑަ އިމްރާން)ގެ ބަދަލުގައި ނޭޕާލްގެ ގައުމީ ޓީމުގެ އެއް ވަނަ ކީޕަރު ކިރަން ކެމްޖޮންގްއެވެ.