01 Jan 2017, 09:38
އިސްތަންބޫލް (ޖަނަވަރީ 1 ) : ތުރުކީގެ އެންމެ ބޮޑު ސިޓީ ކަމަށްވާ އިސްތަންބޫލްގެ ނައިޓް ކްލަބަކަށް ދިން ޓެރަރިސްޓް ހަމަލާތަކެއްގައި 35 މީހުން މަރުވެ 42 މީހުން ޒަޚަމްވެއްޖެ އެވެ.
މިހަމަލާދިނީ ރޭގެ ބާރައިގެ ފަހުން މީލާދީ އައު އަހަރު ފާހަގަކުރުމަށް އެކްލަބްގައި ކުރިޔަށްދިޔަ ހަފްލާ އަކަށެވެ. ހަމަލާތައްދިން ހަތިޔާރުއެޅި މީހާ ހުރީ ސެންޓާ ކްލައުޒްގެ ހެދުމެއް ލައިގެން އެހަފްލާގެ ތެރޭގައި ކަމަށާއި ޓެރަރިސްޓް ހަމަލާތަކަށް ފަހު އެމީހާއާއި ތުރުކީގެ ސަލާމަތީ ބާރުތަކާ ދެމެދު ބަދަލުކުރި ހަމަލާތަކުގެ ތެރޭގައި ހަތިޔާރުއެޅި މީހާ މަރުވިކަމަށް ބައެއް ޚަބަރުތައް ބުނެ އެވެ. ނަމަވެސް އަނެއްބައި ޚަބަރުތައް ބުނަނީ ހަތިޔާރުއެޅި މީހާ ފިލައިގެން ގޮސްފައިވާ ކަމުގަ އެވެ.
މިޖަރީމާއާ ގުޅިގެން ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ވަނީ މިޓެރަރިސްޓް ހަމަލާތަކުގެ ފަހަތުގައިވާ ފަރާތްތައް ހޯދައި އެފަރާތްތައް ޗިސްޗިސް ކޮށްލައްވާނެ ކަމަށް ވިދާޅުވެ ވަރަށް ހަރުކަށި އިންޒާރެއް ދެއްވާފަ އެވެ. އަދި މިފަދަ ޓެރަރިސްޓުންނަކީ މާތްވެގެންވާ އިސްލާމް ދީނާ އެއްވެސް ގުޅުމެއްނެތް އަދި ދީނުގެ ނަން ހުތުރުކޮށް މުސްލިމުންގެ އަގު ވައްޓާލުމަށް މަސައްކަތްކުރާ ޓެރަރިސްޓު ގޭންގް ތަކެއްކަމަށް ވެސް އުރުދުޣާން ވަނީ ސިފަކުރައްވާފަ އެވެ.

މިހަމަލާއަށް ފަހު ތުރުކީގެ ސަލާމަތީ ބާރުތަކުންވަނީ އިސްތަންބޫލްގެ ނައިޓް ކްލަބްތަކާއި އެނޫން ވެސް އައު އަހަރުގެ އިފްތިފާލްތައް ކުރިޔަށްގެންދިޔަ ކެފޭ ރެސްޓޯރެންޓްތައް ކުއްލި ހާލަތުގައި ބަންދުކޮށްފަ އެވެ. އެއީ އެހެން ތަނަކަށް މިފަދަ ޓެރަރިސްޓް ހަމަލާތަކެއް ދީފާނެ ކަމުގެ ބިރު އޮތުމުންނެވެ.
ތުރުކީއަކީ މިފަހަކަށް އައިސް މިބާވަތުގެ ޓެރަރިސްޓް ހަމަލާތަކުގެ ޝިކާރައަކަށް ވަރަން ގިނައިން ވަމުންދާ ގައުމެކެވެ. މިދިޔަ އަހަރު ތުރުކީއަށް އަމިއްލައަށް މަރުވެގެންނާއި ބޮންގޮއްވައިގެންނާއި ހަތިޔާރުން ހަމަލާތައް ދީގެން މިބާވަތުގެ އަށް ޓެރަރިސްޓް ހަމަލާތައް ދީފައިވެ އެވެ. މިގޮތުން މިދިޔަ ޑިސެމްބަރު 11 ވަނަ ދުވަހު ވެސް އިސްތަންބޫލްގެ ސްޓޭޑިޔަމް އަކަށް ދިން ޓެރަރިސްޓް ހަމަލާތަކެއްގައި 38 މީހުން މަރުވެ 50 އެއްހާ މީހުން ޒަޚަމްވެފައިވެ އެވެ.

ތުރުކީއަށް މިބާވަތުގެ ޓެރަރިސްޓް ހަމަލާތައް ދެނީ އެގައުމުގެ ބައިމަދު ކުރިދީ ދަރިކޮޅަށް ނިސްބަތްވާ ހަނގުރާމަވެރި ޖަމާއަތްތަކުންނާއި އިރާގާއި ސޫރިޔާގައި ހަރަކާތްތެރިވާ އައިއެސް ޖަމާއަތުންނެވެ. ތުރުކީގައި ހިންގާފައިވާ މިބާވަތުގެ ޓެރަރިސްޓް ހަމަލާތަކުގެ ޒިންމާ އުފުލާފައިވަނީ ވެސް މިޖަމާއަތްތަކުންނެވެ. ރޭގެ ހަމަލާގެ ޒިންމާ އަދި އެއްވެސް ފަރާތަކުން ފުލާފައެއް ނުވެއެވެ.
ރޭގެ ހަމަލާއަކީ ކޮންމެހެން ބަޔަކު މީލާދީ އައު އަހަރު ފާހަގަކުރާތީ އެކަމަށް ހުރަސްއެޅުމުގެ ގޮތުން ދިން ހަމަލާއެއް ނޫންކަމަށާ މިބާވަތުގެ ޓެރަރިސްޓް ހަމަލާތައްދޭ ހަތިޔާރުއެޅި މީހުންނާއި އެމީހުން ނިސްބަތްވާ ޖަމާއަތްތަކަކީ ދީނެއް މިއްލަތެއްނެތް މަގުފޭރޭ ގާތިލުންތަކެއް ކަމަށް ތުރުކީގެ މަސްއޫލުވެރިން ވަނީ ސިފަކުރައްވާފަ އެވެ.
މީލާދީ އައު އަހަރުގެ އިހްތިފާލް ތަކަކީ ގިނަބަޔަކު އެއްތަނަކަށް އެއްވެގެން ހިންގާ ހަލްފާތަކަކަށްވާތީ މިއީ ކުށެއްނެތް މީހުން މަރަންބޭނުންވާ ޓެރަރިސްޓް ޖަމާއަތްތަކަށް ލިބޭ ރަނުގެ ފުރްސަތުތަކަށްވެގެންދާނެތީ ޔޫރަޕްގެ ގައުމުތަކުގައިވަނީ ސަލާމަތީ ފިޔަވަޅުތައް ވަރަށް ވަރުގަދަކޮށްފަ އެވެ. (އަނަތޯލިޔާ)