މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އިންޑިއާގެ ސަރުކާރުން އުވާލި، އެގައުމުގެ 500 ރުޕީސް އަދި 1،000 ރުޕީސްގެ ނޫޓު، މި އަހަރުގެ އޭޕްރިލް މަހުގެ އެއްވަނަ ދުވަހުން ފެށިގެން ގެންގުޅޭ ފަރާތްތައް ކުށްވެރިވާ ގޮތަށް ހެދުމަށް މަސައްކަތް ކުރަން ނިންމައިފި އެވެ.

ކޮރަޕްޝަނުގެ އަމަލުތަކާއި ވަގު ފައިސާ ދައުރުވުން ހުއްޓުވުމަށް ކަމަށް ބުނެ، އިންޑިއާގެ ސަރުކާރުން އެގައުމުގެ 500 ރުޕީސް އަދި 1،000 ރުޕީސްގެ ފައިސާ ނޫޓު އުވާލީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ކުރީކޮޅު، ވަރަށް ކުއްލި ގޮތަކަށެވެ. އިންޑިއާގައި ދައުރުވާ ފައިސާގެ 86 ޕަސަންޓު ހިއްސާކުރަނީ މި ދެ ނޫޓެވެ.

އެހެން ނަމަވެސް ކުއްލި ގޮތަކަށް ބޮޑުވަޒީރު ނަރެންދްރާ މޯދީ، ނޮވެމްބަރު އަށްވަނަ ދުވަހުގެ ރޭ ގައުމާ މުޚާތަބު ކުރައްވައި ދެއްކެވި ވާހަކަފުޅާ އެކު، އެ ދެ ނޫޓު އުވާލެއްވީ އެވެ. އެއާ އެކު، އިންޑިއާގެ ގިނަ ރައްޔިތުންގެ އަތުގައި ހުރި ގިނަ އަދަދެއްގެ ފައިސާގެ ބޭނުން ކެނޑި، އެމީހުންނަށް ބޮޑެތި ދަތިތަކާ ކުރިމަތިވި އެވެ.

އުވާލި ދެ ނޫޓުގެ ބަދަލުގައި، 2،000 ރުޕީސްގެ ނޫޓެއް އަލަށް ވަނީ ތައާރަފު ކޮށް، ދައުރު ކުރުވާން ފަށައިފަ އެވެ. އަދި 500 ރުފިޔާގެ އާ ނޫޓެއްވެސް ވަނީ ތައާރަފު ކޮށްފަ އެވެ. އެހެން ނަމަވެސް ޑިނޯމިނޭޝަނަށް ގެނައި ބަދަލުގެ ސަބަބުން އިންޑިއާގައި ވިޔަފާރިކުރުން ވަނީ އުނދަގޫ ވެފަ އެވެ.

މި ބަދަލު ގެނައުމާ އެކު، އުވާލެވުނު ފައިސާ އެއްކުރުމުގެ މަސައްކަތް އިންޑިއާ ސަރުކާރުން ކުރި ނަމަވެސް، ކުރީގެ ފައިސާއަށް އާ ފައިސާ ބަދަލުކުރުމުގެ ސުންގަޑި މިހާރު ވަނީ ހަމަވެފަ އެވެ.

އިންޑިއާއިން ބޭރުގައި ދިރިއުޅޭ ފަރާތްތަކަށް، އިންޑިއާ ރުޕީސްގެ ކުރީގެ ނޫޓުތައް އާ ނޫޓަށް ބަދަލުކުރުމުގެ ކަންކަން، 2017 މާޗު 31ގެ ނިޔަލަށް އިންޑިއާގެ މަރުކަޒީ ބޭންކު، ރިޒާވް ބޭންކް އޮފް އިންޑިއާއިން ކޮށްދޭނެ އެވެ.

އެހެން ނަމަވެސް 2017 އޭޕްރިލް އެއްވަނަ ދުވަހަށް ފަހު، ކުރީގެ ފައިސާ ގެންގުޅުމަކީ ކުށަކަށް ހެދުމުގެ މަސައްކަތް އިންޑިއާ ސަރުކާރުން ދަނީ ކުރަމުންނެވެ.

ރިޕޯޓު ކުރެވިފައިވާ ގޮތުން، އުވާލެވިފައިވާ ކުރީގެ ފައިސާ ގެންގުޅުމަކީ ކުށަކަށް ހެދުމަށްޓަކައި ހަދަން ޖެހޭ ގާނޫނުތައް އެކުލަވާލުމުގެ މަސައްކަތް، އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުން ދަނީ ކުރަމުންނެވެ.

އިންޑިއާގެ މަނިޓަރީ ޕޮލިސީތަކަށް ގެނައި މި ކުއްލި، ބޮޑު ބަދަލުގެ ލޮޅުމުގެ ނޭދެވޭ އަސަރުތައް އެގައުމުގެ އާބާދީގެ ބޮޑު އިންސައްތައެއް ހިއްސާވާ ރައްޔިތުން އަދިވެސް ދަނީ ތަހައްމަލު ކުރަމުންނެވެ. މީގެ އިތުރުން، 2017 އޭޕްރިލް މަހު މުޅި އިންޑިއާއަށް ޖީއެސްޓީ އަލަށް ތައާރަފު ކުރާ އިރު، މިކަން ކުރެވޭނެކަމާ މެދު ސަރުކާރާއި އިދިކޮޅު ފަރާތްތަކުން ދަނީ ސުވާލު އުފައްދަމުންނެވެ.