ޤާހިރާ: މަޤާމުން ދުރުކުރެވިފައިވާ މިސްރުގެ ކުރީގެ ރައީސް މުޙައްމަދު ޙުސްނީ މުބާރަކަށް ކެންސަރު ބަލި ޖެހިފައިވާކަން އޭނާގެ ޤާނޫނީ ވަކީލު ފަރީދުއްދީބް ހާމަކުރައްވައިފިއެވެ.

ފަރީދު ވިދާޅުވީ އޭނާގެ ކްލަޔަންޓް، މުބާރަކަށް ކެންސަރުބަލި ޖެހިފައި ކަން ޑޮކްޓަރުންގެ ރިޕޯޓްތަކުން ވަރަށް ރަނގަނޅަށް ހާމަވާކަމުގައެވެ. ނަމަވެސް މުބާރަކަށް ޖެހިފައިވަނީ ކޮންބާވަތެއްގެ ކެންސަރެއްކަން އޭނާގެ ޤާނޫނީ ވަކީލު ހާމައެއް ނުކުރައްވައެވެ.

އުމުރުން 83 އަހަރުގެ މުބާރަކުގެ ގޯލްބްލެޑާ ނެގުމުގެ އޮޕަރޭޝަނެއް ޖަރުމަނުގެ ހިޑްލްބާރގްގައި 2010 ވަނަ އަހަރު ކޮށްފައިވެއެވެ. އަދި މުބާރަކްގެ ޑިޔޯޑިނަމް ގައި އުފެދިފައިވާ ކުޑަވަރެއްގެ ޓިއުމަރެއް ވެސް އެއޮޕަރޭޝަންގައި ޖަރުމަނުގެ ޑޮކްޓަރުން ނަގާފައިވެއެވެ.

މުބާރަކްގެ ވެރިކަމާ ދެކޮޅަށް އުތުރިއެރި މިސްރުގެ ޢާންމު ރައްޔިތުންނާ ދެކޮޅަށް މުބާރަކްގެ އަމުރަށް ހަތިޔާރުގެ ބޭނުން ކުރައްވައި އެތަށް ސަތޭކަ ބަޔަކު މަރާލި މައްސަލާގައާއި ވެރިކަމުގެ ބާރާއި ނުފޫޒު ނަހަމަ ގޮތުގައި ބޭނުން ކުރެއްވުމާއި ކޮރަޕްޝަންގެ އެތަށް ތުހުމަތުތަކެއް މުބާރަކްގެ މައްޗަށްވަނީ ކުރެވިފައެވެ.

މުބާރަކްގެ ސިއްޙީ ޙާލުކޮޅު ދަށްކަމުން އޭނާ މިހާރުވެސް އޮންނެވީ ޝަރްމުއްޝައިޚްގެ ހޮސްޕިޓަލެއްގައި އެނދުމަތި ކުރެވިފައެވެ. އަދި މުބާރަކްގެ ދެދަރިންވަނީ ތަޙްޤީޤަށްޓަކައި ބަންދު ކުރެވިފައެވެ. މިތުހުމަތުތައް ސާބިތުވެއްޖެނަމަ އުމުރަށް ޖަލަށް ލުމުގެ ޙުކުމެއް މުބާރަކްގެ މައްޗަށް އަންނާނެ ކަމަށް ޤާނޫނީ ތަޖްރިބާކާރުން ބުނެއެވެ. -- އަލްޖަޒީރާ