01 Jan 2017, 09:24
އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ސިޓީ އަތުން ލިވަޕޫލް މޮޅުވި އިރު، ސްޓޯކް ސިޓީ އަތުން ޗެލްސީ މޮޅުވެއްޖެ އެވެ.
އަމިއްލަ ދަނޑުގައި ރޭ ކުޅުނު މެޗުގައި މެންޗެސްޓާ ސިޓީ އަތުން ލިވަޕޫލް މޮޅުވީ 1-0 ލަނޑުގެ ނަތީޖާއަކުންނެވެ.
އެ މެޗުގެ އަށް ވަނަ މިނެޓުގައި ލިވަޕޫލުން ވަނީ ލަނޑެއް ޖަހައި ލީޑު ހޯދައިފަ އެވެ. އެޑަމް ލަލާނާ ނަގައިދިން ހުރަހަކުން ލިވަޕޫލަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެ ޓީމުގެ ނެދަލެންޑްސް މިޑްފީލްޑަރު ޖޯޖީނިއޯ ވައިނަލްޑަމް އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އާއި މެންޗެސްޓާ ސިޓީ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ލިވަޕޫލް މޮޅުވީ 1-0 ލަނޑުން --- ފޮޓޯ/ ގެޓީ
ލިވަޕޫލަށް ފުރަތަމަ ހާފުގައި އިތުރު ލަނޑެއް ކާމިޔާބުކުރުމަށް ވެސް ފުރުސަތުތަކެއް ލިބިގެންދިޔަ އެވެ. އެގޮތުން އެ ޓީމުގެ ވައިނަލްޑަމް އާއި ރޮބާޓޯ ފާމީނޯ އަށް ލިބުނު ފުރުސަތު ފާހަގަކޮށްލެވެ އެވެ. އެ ދެ ހަމަލާ ވެސް ސިޓީގެ ގޯލާ އަމާޒުވެފައެއް ނުވެ އެވެ.
މެޗުގެ ދެ ވަނަ ހާފު ފެށިތާ ދިހަ މިނެޓް ފަހުން ސިޓީ އަށް ނަތީޖާ ހަމަހަމަކޮށްލުމަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔަ އެވެ. ލިވަޕޫލްގެ ޑިފެންޑަރުން ކައިރިން ނައްޓާލުމަށް ފަހު، ސިޓީގެ ސްޕެއިން މިޑްފީލްޑަރު އުފެއްދި އެ ހަމަލާ ގޯލާ އަމާޒުވެފައެއް ނުވެ އެވެ.
އަމިއްލަ ދަނޑުގައި ރޭ ސްޓޯކް ސިޓީއާ ދެކޮޅަށް ކުޅުނު ލީގު މެޗުން ޗެލްސީ ވަނީ 4-2 ލަނޑުގެ ނަތީޖާއަކުން މޮޅުވެފަ އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ސްޓޯކް ކޮޅަށް ލަނޑު ޖެހުމަށްފަހު، ޗެލްސީގެ ވިލިއަން އުފާފާޅުކުރަނީ: އެ މެޗުން ޗެލްސީ މޮޅުވީ 4-2 ލަނޑުން --- ފޮޓޯ/ ގެޓީ
އެ މެޗުގެ 34 ވަނަ މިނެޓުގައި ޗެލްސީން ވަނީ ލަނޑެއް ޖަހައި ލީޑު ހޯދައިފަ އެވެ. ސެސް ފެބްރިގާސް ނަގައިދިން ކޯނަރަކުން ޗެލްސީ އަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެ ޓީމުގެ އިނގިރޭސި ޑިފެންޑަރު ގޭރީ ކޭހިލް އެވެ. މެޗުގެ ފުރަތަމަ ހާފު ނިމުނީ 1-0 ލަނޑުން ޗެލްސީ ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެ ވަނަ ހާފު ފެށިތާ މިނެޓެއް ފަހުން ސްޓޯކް އިން ވަނީ ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފަ އެވެ. ޕީޓާ ކްރައުޗް ދިން ބޯޅައަކުން ސްޓޯކް އަށް އެ ލަނޑު ކާމިޔާބުކޮށްދިނީ މާޓިންސް އިންޑި އެވެ.
މެޗުގެ 57 ވަނަ މިނެޓުގައި އެޑެން ހަޒާޑް ދިން ބޯޅައަކުން ޗެލްސީ އަށް ވިލިއަން އަލުން ލީޑު ހޯދައިދިން ނަމަވެސް، މެޗުގެ 64 ވަނަ މިނެޓުގައި މާމޭ ބިއާމް ޑިއޯފް ދިން ބޯޅައަކުން ކްރައުޗް ވަނީ އަލުން ސްޓޯކް އަށް ނަތީޖާ ހަމަހަމަކޮށްދީފަ އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އާއި ސްޓޯކް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ޗެލްސީ މޮޅުވީ 4-2 ލަނޑުން --- ފޮޓޯ/ ގެޓީ
ދެ ވަނަ ފަހަރަށް ސްޓޯކް އިން ލީޑު ހޯދިތާ މިނެޓެއް ފަހުން ފެބްރިގާސް ދިން ބޯޅައަކުން ތިން ވަނަ ފަހަރަށް ޗެލްސީ އަށް ލީޑު ހޯދައިދިނީ އެ ޓީމުގެ ދެ ވަނަ ލަނޑު ވެސް ކާމިޔާބުކޮށްދިން ވިލިއަން އެވެ. ޗެލްސީގެ ހަތަރު ވަނަ ލަނޑު މެޗު ނިމެން ފަސް މިނެޓަށް ވެފައި ވަނިކޮށް، ކާމިޔާބުކޮށްދިނީ ޑިއެގޯ ކޮސްޓާ އެވެ.
ޕްރިމިއާ ލީގުގެ ޕޮއިންޓް ތާވަލަށް ބަލައިލާއިރު، އެއް ވަނައިގައި ޗެލްސީ އޮތީ ކުޅުނު 19 މެޗުން ލިބުނު 49 ޕޮއިންޓާއެކު އެވެ. ދެ ވަނައިގައި އޮތް ލިވަޕޫލަށް 19 މެޗުން 43 ޕޮއިންޓް ލިބިފައިވާ އިރު، ތިން ވަނައިގައި އޮތް ސިޓީ އަށް 19 މެޗުން ލިބިފައި ވަނީ 39 ޕޮއިންޓެވެ. އަދި ތާވަލުގެ ހަތަރު ވަނައިގައި އޮތް އާސެނަލަށް 18 މެޗުން ލިބިފައި ވަނީ 37 ޕޮއިންޓެވެ.