01 Jan 2017, 09:47
ނިމިދިޔަ 2016 ވަނަ އަހަރު ޗައިނާގެ ސަރުކާރުގައި މަސައްކަތް ކުރާ އިސް ފަރާތްތަކުގެ ތެރެއިން 122 މީހަކު، ކޮރަޕްޝަނާ ގުޅުންހުރި މައްސަލަތަކުގައި މަގާމުން ވަކިކޮށްފައިވާ ކަމަށް އެގައުމުން ބުނެފި އެވެ.
ޗައިނާގެ ސެންޓްރަލް ކޮމިޝަން ފޯ ޑިސިޕްލިން އިންސްޕެކްޝަން އިން އެކަނިވެސް، މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް، ކޮރަޕްޝަން ފައިސާގެ ގޮތުގައި ބޭނުން ކުރި ކަމަށް ބެލެވޭ2.3 ބިލިއަން ޔުއާން (268 މިލިއަން ޑޮލަރު) އަތުލާފައިވެ އެވެ.
އެގައުމުން ހާމަ ކުރި ގޮތުގައި މިދިޔަ އަހަރު ކޮރަޕްޝަންގެ ތުހުމަތުގައި ޖުމްލަ 900 މީހަކު ހައްޔަރުކޮށްފައިވެ އެވެ. އޭގެ ތެރެއިން 122 މީހުންނަކީ ސަރުކާރުގެ އިސް މަގާމުތަކުގައި ތިބި މީހުންނެވެ.
ކޮރަޕްޝަން ނައްތާލުމަކީ އެގައުމުގެ މިހާރުގެ ރައީސް، ޒީ ޖިންޕިންގް ވެރިކަމަށް ވަޑައިގެން، ވެވަޑައިގެންނެވި އެއް ވައުދެވެ. އެގޮތުން މިދިޔަ އަހަރުގެ ތެރޭގައި ކޮރަޕްޝަންގެ ތުހުމަތުގައި ހޯދަމުން ދިޔަ އެގައުމުގެ ބޮޑެތި ބައެއް ވިޔަފާރިވެރިންވެސް ވަނީ ހައްޔަރުކޮށްފަ އެވެ.
އޭގެ ތެރޭގައި، ޗައިނާ ވެންޒައުގެ ކޮންސްޓްރަކްޝަން ބިއުރޯގައި ޑިރެކްޓަރެއްގެ މަގާމުގައި ހުރުމަށް ފަހު އެމެރިކާއަށް ދިރިއުޅުން ބަދަލު ކުރި ޔޭންގް ޒިއުޒޫ އާއި ހެނާން ޕްރޮވިންސްގައި އިންޖިނޭރެއްގެ މަގާމުގައި ހުރުމަށް ފަހު ކެނެޑާއަށް ދިރިއުޅުން ބަދަލު ކުރި ޒެންގް ޒިހެންގް ވެސް ވަނީ ހައްޔަރުކޮށްފައެވެ.
އެމެރިކާއަށް ދިރިއުޅުން ބަދަލުކޮށްގެން އުޅުނު ޔޭންގް ޒިއުޒޫ ހައްޔަރުކުރީ، އެމެރިކާ އިން އޭނާ ޗައިނާއަށް ޑީޕޯޓުކޮށްލުމާ ގުޅިގެންނެވެ. ކެނެޑާއަށް ދިރިއުޅުން ބަދަލުކުރި ޒެންގް ޒިހެންގް ހައްޔަރު ކުރީ ގައުމަށް އެނބުރި ގޮސް އޭނާ އަމިއްލައަށް ފުލުހުންނާ ހަވާލުވުމުންނެވެ.