01 Jan 2017, 09:27
ގްރީސް އިން ބްރެޒިލްއަށް ކަނޑައަޅާފައި ހުންނަ ސަފީރު، ކައިރިއާކޮސް އަމިރިދިސް މަރާލީ އޭނާގެ އަނބިކަނބަލުން ލޯބީގެ ގޮތުން ގުޅިގެން އުޅުނު މީހާ ކަމަށް އެގައުމުގެ ފުލުހުން ބުނެފި އެވެ.
އަމިރިދިސް މަރުވެފައިވާކަން އެނގިފައި ވަނީ މިދިޔަ ހޯމަ ދުވަހު އޭނާ ގެއްލިގެން އެގައުމުގެ ފުލުހުން، އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް، ބްރެޒިލްގެ ރިއޯގެ ގެއެއްގެ ތެރޭގައި މަރުވެފައި އޮއްވައި ފެނުމުންނެވެ.
އެ މައްސަލަ ތަހުގީގު ކުރާ ފަރާތްކަމުގައިވާ އެވަރިސްޓޯ ޕޮންތޭ މަޣާޅައިސް މިދިޔަ ހުކުރު ދުވަހު ވިދާޅުވީ، އަމިރިދިސް މަރާލި ކަމަށް، އެގައުމުގެ ފުލުހެއް ކަމަށްވާ އުމުރުން 29 އަހަރުގެ ސާޖިއޯ ގޮމޭޒް މޮރެއިރާ ފިއެޅޯ އެއްބަސް ވެފައިވާ ކަމަށެވެ. ނަމަވެސް އަމިރިދިސް މަރާލީ ސެލްފް ޑިފެންސް ކުރުމުގެ ގޮތުން ކަމަށް އޭނާ ބުނެފައިވާ ކަމަށް ވެސް އެވަރިސްޓޯ ޕޮންތޭ މަޣާޅައިސް ވިދާޅުވި އެވެ.
އެވަރިސްޓޯ ޕޮންތޭ މަޣާޅައިސް ވިދާޅުވި ގޮތުގައި، ސާޖިއޯ ގޮމޭޒް އަކީ، ގްރީސް އިން އެގައުމަށް ކަނޑައަޅާފައި ހުރި ސަފީރުގެ އަނބިކަނބަލުން، ފްރާންކޮއިސްގެ ލޯބިވެރިއާ އެވެ. އަދި އެ ގަތުލު ހިންގާފައި ވަނީ ދުރާލައި ރާވައިގެން ކަމަށާއި، އެކަމުގައި ބައިވެރިވުމަށް، ގޮމޭޒް އޭނާގެ އާއިލާ މީހަކަށް 25،000 ޑޮލަރު ދިން ކަމަށް ތަހުގީގަށް އެނގިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ގްރީސް ސަފީރުގެ އަނބިކަނބަލުންނާއި، އޭނާގެ ލޯބިވެރިޔާ ސާޖިއޯ ގޮމޭޒްއާއި އޭނާގެ ތިމާގެ ކޮއްކޮ މިހާރު ހައްޔަރުކޮށް ބަންދުގައި ބަހައްޓާފައިވާ އިރު އެ މައްސަލައިގެ ހެކިތަކުން ދޭހަވާ ގޮތުގައި، ގަތުލުގެ ފަހަތުގައި ވަނީ ގްރީސް ސަފީރުގެ އަނބިކަނބަލުން ކަމަށް ފުލުހުން ވަނީ ހާމަކޮށްފަ އެވެ.
ސަފީރަށް ހަމަލާދީ މަރާލާފައި ވަނީ ބްރެޒިލްގެ ރިއޯގެ ނޮވާ އިގުއާކޫގައި ޗުއްޓީ ހޭދަކުރަމުން ދަނިކޮށެވެ.