01 Jan 2017, 00:50
"އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓު" (އައިއެންއައިއޭ)ގެ ނަން "ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް" ރަސްމީކޮށް މިރޭ ރީބްރޭންޑުކޮށްފި އެވެ.
ހުޅުލޭގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި އެއާޕޯޓުގެ ނަން ރީބްރޭންޑު ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ފުރަތަމަ ޖައްސާފައި ވަނީ މޯލްޑިވިއަންގެ އެއާބަސް މަރުކާގެ ބޯޓެވެ.
މޯލްޑިވިއަންގެ ބޯޓު އެއާޕޯޓުގައި ޖެއްސުމުން ވަނީ ހަވާވެސް އަރުވައި، ވޯޓާ ސެލިއުޓެއް ދީފަ އެވެ.
އިބްރާހީމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގެ ނަން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ބަދަލުކުރުމަށް ނިންމާފައިވަނީ، މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހު ބޭއްވި ވަޒީރުންގެ މަޖިލީހުގަ އެވެ.
ރައީސް އޮފީހުން ބުނެފައި ވަނީ އިބްރާހީމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގެ ނަން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ނަމަށް ބަދަލު ކުރަން ނިންމީ، އެ ނަމަކީ، ރާއްޖޭގެ ބްރޭންޑު އިމޭޖް ރަމްޒުކޮށް ދޭ، ފަސޭހަ އަދި ކުރިއެރުމާއި ތަރައްގީގެ ވިސްނުމަށް މަގުފަހިކޮށްދޭ ނަމަކަށް ވާތީ ކަމަށެވެ.
އެ އޮފީހުން ބުނި ގޮތުގައި އައިއެންއައިއޭގެ ނަން މިހާރު އެ ބޭފުޅަކަށް ނިސްބަތްވެވަޑައިގަންނަވާ ސުމުއްވުލް އަމީރު އިބްރާހީމް ނާސިރު ރަންނަބަނޑޭރި ކިލެގެފާނަކީ، ރާއްޖެއަށް ހާރިޖީ މިނިވަންކަން ހޯއްދަވައި ދެއްވުމަށް ބުރަ މަސައްކަތްޕުޅުތަކެއް ކުރައްވާފައިވާ، އަދި ރާއްޖޭގެ ތަރައްގީއަށް ވެސް ގިނަގުނަ ހިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅަކަށް ވާތީ އާއި، "ވެލާނާ"، އެ ނަމަކީ އެމަނިކުފާނަށް ނިސްބަތްވާ ނަމެއް ކަަމަށެވެ. އެހެންކަމުން އެމަނިކުފާނުގެ ނަންފުޅަށް ނިސްބަތްވާ ގޮތަށް އެއާޕޯޓުގެ ނަން ބޭއްވެވުމަކީ ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރުންގެ މަޖިލީހަށް ފެނިވަޑައިގަންނަވާ ކަމަކަށް ވާތީ އެ ނަން ކިޔުމަށް ނިންމެވީ ކަމަށެވެ.