01 Jan 2017, 09:13
ގޫގުލްގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި 2015 ވަނަ އަހަރުގެ ނޮވެމްބަރުން ފެށިގެން މިދިޔަ އަހަރުގެ ޖެނުއަރީއާ ހަމައަށް އެންމެ ގިނައިން ސާޗްކޮށްފައިވާ ސްޕައިސްއަކާ ގުޅުން ހުރި ބުއިންތަކުގެ ތެރޭގައި ރީނދުލާއި ކިރު އަޅައިގެން ހަދާ، ގޯލްޑެން މިލްކް ކިޔާ ބުއިމެއް ހިމެނެ އެވެ. ގޯލްޑެން މިލްކް ނުވަތަ ރީނދޫ ކިރު އެހާވަރަށް މަޝްހޫރުވި ސަބަބުތަކަކީ ކޮބައިބާ އެވެ؟
ރޯނގާއާއި ކެއްސުމަށް ރަނގަޅު ބުއިމެއް
ރީނދުލަކީ ނޭވާލާ ނިޒާމުން ބެކްޓީރިއާ ފަދަ ހަށިގަނޑަށް ނުރައްކާތެރި ތަކެތި ބޭރުކުރާ މިއުކަސް، ހަށިގަނޑުގައި އުފެދުން އިތުރު ކުރާ އެއްޗެކެވެ. ވީމާ ރޭގަނޑު ނިދުމުގެ ކުރިން ރީނދޫ ކިރުތައްޓެއް ބުއިމުން ހަށިގަނޑު އިންފެކްޝަނުން ރައްކާތެރިކުރުމުގެ މަސައްކަތް ރީނދުލުން ކުރަމުންދާނެ އެވެ.
ހަޖަމުކުރުމުގައި ދިމާވާ މައްސަލަތަކަށް ރަނގަޅު ފަރުވާއެއް
ކުޑަ ގޮހޮރުގައި ފެޓްސް ހަޖަމު ކުރުމަށް އެހީތެރިވެދޭ ބައިލް، ފުރަމެއިން ކުޑަ ގޮހޮރަށް ގެންދިޔުމުގައި ރީނދުލުން އެހީތެރިވެދެ އެވެ. އެހެންކަމުން ރީނދޫ ކިރުން ހަޖަމުކުރުން ފަސޭހަކޮށްދީ، ގޭސް އުފެދުމާއި ބަނޑު ފުއްޕުމުން ރައްކާތެރިކޮށްދެ އެވެ.
ލޭ ސާފުކޮށްދިނުން
ހަށިގަނޑުގައިވާ ވިހަތައް ބޭރުކުރުމުގެ ޒިންމާ އަދާ ކުރާ ފުރަމޭގެ މަސައްކަތް ރީނދުލުން ފަސޭހަކޮށްދެ އެވެ. މީގެ އިތުރުން ރީނދުލަކީ ފާރުތައް އަވަހަށް ފަސޭހަކޮށްދޭ މާއްދާތައް ހިމެނޭ އެއްޗެއް ކަމުން، ތަފާތު ވިހައިގެ ސަބަބުން ފުރަމެއަށް ލިބޭ ގެއްލުމުން ވެސް ރީނދޫ ކިރުން މީހާ ރައްކާތެރިކޮށްދެ އެވެ.
ހުޅުތަކަށް ވަރަށް ރަނގަޅު
އިނގުރަކީ ހުޅުތަކުގައި ރިއްސުން ފަސޭހަކޮށްދޭ އެއްޗެކެވެ. އަދި ކިރަކީ ހުޅުތަކާއި ކަށި ވަރުގަދަކޮށް ދެމެހެއްޓުމަށް ބޭނުންވާ ކެލްސިއަމާއި ޕްރޮޓީން ހިމެނޭ އެއްޗެއް ކަމުން، އެތެރެހަށި ވަރުގަދަ ކުރުމަށް ރީނދޫ ކިރު ބޮޑު ދައުރެއް އަދާކޮށްދޭނެ އެވެ.
ގޯލްޑެން މިލްކަށް ބޭނުންވާ ތަކެތި:
- ދެ ތަށި ދިޔާ ކިރު
- 1 ސައިސަމުސާ ރީނދޫ
- 1 ސައިސަމުސާ އިނގުރު (ގާނާފައި)
- މާމުއި (ރަހަ ހެޔޮވަރަށް)
ތައްޔާރު ކުރާނެ ގޮތް:
ކުޑަ ތެއްޔެއްގައި ކިރު ހޫނު ކުރަން ޖެއްސުމަށް ފަހު ރީނދުލާއި، އިނގުރު އަޅާށެވެ. ތެލީގައި ހުރި އެއްޗެހި ކެކެން ފެށުމުން ދެ މިނިޓު ވަންދެން މެދު މިނުގެ ހޫނުމިނެއްގައި ކައްކަމުން ދާށެވެ. އޭގެ ފަހުން އުނދުން ނިއްވާލުމަށް ފަހު ފަސް މިނިޓުވަންދެން ބަހައްޓާށެވެ. ދެން ކިރު ފުރޭނުމަށް ފަހު ބޭނުންކުރާށެވެ.
މައުލޫމާތު: ހެލްތު ޑައިޖެސްޓް