23:50
ގިނަ އަދަދެއްގެ ފައިސާ އާއި މަސްތުވާތަކެތިކަމަށް ޝައްކު ކުރެވޭ އެއްޗެހިތަކަކާއެކު ގދ. ތިނަދޫން ތިން މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ އޮފިޝަލަކު ވިދާޅުވީ ތިނަދޫން ތިން މީހުން ހައްޔަރުކޮށްފައި ވަނީ ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ތިނަދޫގައި މިއަދު ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.

ހައްޔަރުކުރި ތިން މީހުންނަކީ ވެސް ތިނަދޫ މީހުން ކަމަށާއި އެ މީހުން އެ ރަށުގެ ގެއެއްގެ ތެރޭގައި ތިއްބާ ހައްޔަރުކޮށް ދިރިއުޅޭ ތަންތަން ބަލައި ފާސް ކުރި އިރު ގިނަ އަދަދެއްގެ ފައިސާ އާއި މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ 57 ހޮޅިކޮޅު ފެނިފައިވާ ކަމަށެވެ.

ހައްޔަރު ކުރި މީހުންގެ އަތުން ފެނުނީ ފައިސާ އާއި މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެހިތަކެއް ކަމަށް ފުލުހުން ބުނި ނަމަވެސް ތިނަދޫގައި ހިންގާ "ހުވަދޫ އޮންލައިން" އިން ސަންއާ ހިއްސާކުރި، އެ ރަށުން ހައްޔަރު ކުރި މީހުންގެ އަތުން ފެނުނު ތަކެތީގެ ފޮޓޯގައި ގިނަ އަދަދެއްގެ ފޯނާއި އެހެނިހެން ސާމާނު ވެސް ފެންނަން ހުއްޓެވެ.

ތިނަދޫން ހައްޔަރު ކުރީ އެރަށު ކޮން ބައެއް ކަމެއް ފުލުހުން ނުބުނެ އެވެ. ނަމަވެސް އެއީ 46 އަހަރުގެ މީހަކާ 22 އަހަރުގެ ދެ މީހުން ކަމަށް ފުލުހުން ބުންޏެވެ. އަދި ބުނީ މައްސަލައިގެ ތަހުގީގު މިހާރު ފަށާފާފައިވާ ކަމަށެވެ.

މިރޭ ގާތްގަނޑަކަށް 7:30 އެހާކަންހާއިރު ހައްޔަރު ކުރި ތިން މީހުންނަކީ ވެސް ކުށުގެ ރިކޯޑްތައް އޮތް ތިން މީހުނެވެ.