ސްރީލަންކާގެ ބަންޑާރަނަޔަކަ އިންޓަނޭޝަނަލް އެއާޕޯޓް މަރާމާތަށް ބަންދުކުރާތީ، މާލެއާއި ކޮލޮމްބޯއާ ދެމެދު އެންމެ ފުޅާ ދާއިރާއެއްގައި ފްލައިޓު އޮޕަރޭޝަންސް ހިންގާ ސްރީލަންކަން އެއާލައިންސްއިން އެ އެއާލައިންގެ މާލެ - ކޮލޮމްބޯ އޮޕަރޭޝަންތަކަށް ގެންނަ ބަދަލުތައް އިއުލާން ކޮށްފި އެވެ.

ބަންޑާރަނަޔަކަ އިންޓަނޭޝަނަލް އެއާޕޯޓުގެ ރަންވޭގެ ރީސާފޭސިންގް މަސައްކަތް ކުރުމަށް ޓަކައި، އަންނަ ޖެނުއަރީ މަހުގެ ހަވަނަ ދުވަހުން ފެށިގެން އޭޕްރިލް މަހުގެ ހަވަނަ ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހަކު ދުވާލު ރާއްޖެ ގަޑިން 8:30 އިން 16:30 އަށް އެ އެއާޕޯޓުގެ ރަންވޭ ބަންދުކުރާނެ އެވެ.

ފްލައިޓުތައް މަދުވަނީ

މާލެ އާއި ކޮލޮމްބޯއާ ދެމެދު އަންމުކޮށް، ދުވާލަކު ހަތަރު ފްލައިޓު ބާއްވާ އިރު، އެއާޕޯޓު ބަންދުކުރާތީ ފްލައިޓުތަކުގެ އަދަދު ވަނީ މަދުވެފަ އެވެ.

ޖެނުއަރީ ހަ ވަނަ ދުވަހުން ފެށިގެން އޭޕްރިލް ހައެއްގެ ނިޔަލަށް ސްރީލަންކަން އެއާލައިންސްގެ ފުރަތަމަ ފްލައިޓު (ޔޫއެލް 101) ކޮލޮމްބޯއިން މާލެއަށް، ހެނދުނު 8.55 ގައި ޖައްސާނެ އެވެ. އަދި އެ ފްލައިޓު އަނބުރާ ކޮލޮމްބޯއަށް ދިއުމަށް (ޔޫއެލް 116) މާލެއިން ނައްޓާލާނީ މެންދުރު ފަހު 3:25 ގައެވެ.

ދެވަނަ ފްލައިޓު (ޔޫއެލް 103) ކޮލޮމްބޯއިން މަލެއަށް އަންނާނީ ރޭގަނޑު 7:25 ގައެވެ. އެ ފްލައިޓު އެނބުރި ކޮލޮމްބޯއަށް (ޔޫއެލް 104) ދާނީ ރޭގަނޑު 10:30 ގައެވެ.

ލަންޑަނުން އަންނަ ފްލައިޓު މާލޭގައި ޓްރާންސިޓު

ލަންޑަނަކީ ވިލާތުގެ ގައުމުތަކުގެ ތެރެއިން، ސްރީލަންކަންއިން ދަތުރުކުރާ ހަމައެކަނި މަންޒިލެވެ. ލަންޑަނާއި ކޮލޮމްބޯއާ ދެމެދު ކޮންމެ ދުވަހަކުވެސް ސްރީލަންކަންއިން އުދުހޭ އިރު، ލަންޑަނުން އެނބުރި ކޮލޮމްބޯއަށް ފްލައިޓު އަންނަ ގަޑި ދިމާވަނީ ކޮލޮމްބޯ އެއާޕޯޓު ބަންދުކޮށްފައި އޮންނަ ގަޑިއަކަށެވެ.

އެހެންކަމުން، ސްރީލަންކަންއިން ނިންމާފައި ވަނީ އެ ފްލައިޓު މާލޭގައި ޓްރާންސިޓުކޮށް، މަޑުކުރުމަށެވެ. ޔޫއެލް 504 ލަންޑަނުން މާލެ އަންނާނީ މެންދުރު 2:40 ގައެވެ. މާލެ އެއާޕޯޓުގައި އެ ފްލައިޓު މަޑުކުރުމަށް ފަހު، ޔޫއެލް 1504ގެ ގޮތުގައި މާލެއިން ކޮލޮމްބޯއަށް ދިއުމަށް ނައްޓާލާނީ ހަވީރު 4:35 ގައެވެ.

ފަސް ގަޑިއިރު ކުރިން އެއާޕޯޓަށް ދާންޖެހޭނެ

ކޮލޮމްބޯގެ ބަންޑާރަނަޔަކަ އިންޓަނޭޝަނަލް އެއާޕޯޓު ބަންދުކުރާތީ، އެ އެއަޕޯޓުގެ ގިނަ އޮޕަރޭޝަންތަކަކަށް ދަތިވާނެ އެވެ. އެހެންކަމުން، ސްރީލަންކަން އެއާލައިންސްއިން އިލްތިމަސްކުރަނީ ދައްޗެއް ދިމާވެދާނެތީ، ފްލައިޓު ފުރުމުގެ ފަސް ގަޑިއިރު ކުރިން އެއާޕޯޓަށް ފަސިންޖަރުން އައުމަށެވެ. އަދި ޗެކްއިން ކައުންޓަރުތައް ފްލައިޓުގެ ހަތަރު ގަޑިއިރު ކުރިން ހުޅުވާނެ ކަމަށާއި، ވީހާވެސް އަވަހަށް ފަސިންޖަރުން ޗެކްއިން ވުމަށް އެ އެއާލައިނުން އިލްތިމާސް ކުރެއެވެ.

މީގެ އިތުރުން، ބިޒްނަސް ކްލާސް ފަސިންޖަރުން "ސިލްކް ރޫޓު" ފެސިލިޓީ ބޭނުންކުރުމަށް އެ އެއާލައިނުން އެދެއެވެ.

ބަންޑާރަނަޔަކަ އިންޓަނޭޝަނަލް އެއާޕޯޓު ބަންދުކުރާ ކުރުމާ ގުޅިގެން، ކޮލޮމްބޯއާއި އައްޑޫ ސިޓީއާ ދެމެދުގެ އުދުހުންތަކަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށް ސްރީލަންކަން އެއާލައިންސް އިން މައުލޫމާތު ދެ އެވެ.