ހުޅުމާލެ އިން ގަނެފައިވާ ގޯޗެއްގެ މައްސަލާގައި އެއްބަސްވުމާ ޚިލާފުވި ކަމަށް ބުނެ، ދައުވާ އުފުލުމުން ހައިރާންވެވަޑައިގަންނަވާ ކަމަށާއި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލުގެ ހައްގަކަށް އަރައިގެންފައި ނުވާނެ ކަމަށް ކުރީގެ ބަންޑާރަނައިބު ޑރ. ހަސަން ސައީދު ވިދާޅުވެއްޖެ އެވެ.

އެއްބަސްވުމާ ޚިލާފު އުފެދިގެން އުޅޭ ކަމަށް ބުނެ، ޑރ. ހަސަން ސައީދުގެ މައްޗަށް ޑރ. ޖަމީލް ވަނީ ދައުވާ ކުރައްވައިފަ އެވެ.

މި ފެށޭ 2017 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ދެވަނަ ދުވަހު ސިވިލް ކޯޓުގައި އެ މައްސަލަ ވަނީ ތާވަލު ކޮށްފަ އެވެ.

ދައުވާގައި ބުނެފައި ވަނީ ހުޅުމާލޭގައި ޑރ. ހަސަން ސައީދުގެ ނަމުގައި ރެޖިސްޓްރީކޮށްފައިވާ ގޯއްޗަކީ ޑރ. ޖަމީލުގެ ވެސް ބައިވެރިވުމެއް އޮތް، އަދި އޭނާ ވެސް ފައިސާ ދައްކައިގެން ގަނެފައިވާ ގޯއްޗެއް ކަމަށާއި އެހެންކަމުން އެ ގޯއްޗަކީ އޭނާގެ ގޯއްޗެއް ކަމުގައި ކަނޑައަޅައި ދިނުމަށް އެދޭ ކަމަށެވެ.

އެކަމާ ގުޅިގެން މިއަދު ނެރުއްވި ބަޔާނެއްގައި، ޑރ. ހަސަން ސައީދު ވިދާޅުވީ ހުޅުމާލޭގެ އެ ގޯއްޗަކީ ޑރ. ޖަމީލްގެ އާއިލީ މެމްބަރެއްގެ ނަމުގައި ފުރަތަމަ ގަން ގޯއްޗެއް ކަމަށާއި އެތަނަށް ދައްކަން ޖެހޭ ފައިސާ ނުދެއްކި، އެއްބަސްވުން ބާތިލުކޮށް އެ ގޯތި އަނބުރާ ނެގުމުގެ މަސައްކަތް ކުރިޔަށް ދަނިކޮށް، އެ ގޯއްޗަށް ގުޅިގެން ފައިސާ ދެއްކުމަށް ޑރ. ޖަމީލް އޭނާގެ ގާތު އެދިވަޑައިގެންނެވި ކަމަށެވެ.

އެ އެދިވަޑައިގަތުން 2012 ވަނަ އަހަރު ގަބޫލުކުރައްވައި، އެހާތަނަށް ނުދެއްކި ހުރި ހުރިހާ ފައިސާއެއް، އަދި އިތުރަށް ދައްކަން ޖެހޭ ފައިސާ، ދެ ބޭފުޅުންގެ ހިއްސާ އޮތް "ރާއްޖެ ޗެމްބާސް"ގެ އިތުރުން، ޑރ. ހަސަން ވެސް ދެއްކެވި ކަމަށް އޭނާ ވިދާޅުވި އެވެ.

"އެ ބިމުގައި 10 ބުރީގެ ފައުންޑޭޝަނެއް އަޅައި ހަތަރު ބުރީގެ އިމާރާތެއްގެ އެންމެހާ މަސައްކަތް ކުރުވާ، އެކަމަށް ކުރަން ޖެހެނު ޚަރަދުގެ ވަރަށް ބޮޑުބައެއްމެ ކުރީ އަޅުގަނޑެވެ،" ޑރ. ހަސަން ސައީދު ވިދާޅުވި އެވެ.

އެ ގޯތީގެ އަގު އަދާކޮށް ނިމުމުން، ދެ ބޭފުޅުންގެ ނަމަށް، ނުވަތަ "ރާއްޖެ ޗެމްބާސް"ގެ ނަމަށް ބަދަލުކުރަން އެދުމުން، ގޯތީގެ ރަޖިސްޓްރީ ބަދަލުކުރެވޭނީ ކޮންމެ ވެސް އެކަކުގެ ނަމަށް ކަމަށާއި އަދި ގާނޫނީ ޝަޚުސެއްގެ ނަމަށް ބަދަލު ނުކުރެވޭނެ ކަމަށް ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކުން އެންގި ކަމަށް ހަސަން ސައީދު ވިދާޅުވި އެވެ. އެހެންކަމުން، އޭނާގެ ނަމަށް އެތަން ރަޖިސްޓްރީ ކުރީ ކަމަށް އޭނާ ވިދާޅުވި އެވެ.

އަދި އެ ގޯތީގައި ހަމަހަމަ ބައިވެރިއެއްގެ ގޮތުގައި ޑރ. ޖަމީލް ހިމެނުމަށް ޓަކައި 2014 ޖެނުއަރީ 14 ވަނަ ދުވަހު ޑރ. ޖަމީލަށް ޕަވާ އޮފް އެޓާނީއެއް ދީފައިވާ ކަމަށް ވެސް ޑރ. ހަސަން ވިދާޅުވެ އެވެ.

"އެ ޕަވާ އޮފް އެޓާނީއަކީ މިލްކުވެރިކަން ދެފަރާތުގެ ނަމަށް ބަދަލުވަންދެން އަނބުރާ ނުގެންދެވޭ ގޮތަށް އަޅުގަނޑުދިން ޕަވާ އޮފް އެޓާރނީއެކެވެ. ބިމުގެ މިލްކުވެރިކަން ހަމަޖެހިފައިވާ އުޞޫލުން ބަދަލުވަންދެން ވެސް، އަޅުގަނޑު ވަނީ ޑރ. މުޙައްމަދު ޖަމީލު އަޙްމަދަށް ތަނުގެ ފުރިހަމަ މަންފާ ޙާޞިލުކުރެވޭނޭ އިންތިޒާމް ހަމަޖައްސާދީފަ އެވެ،"

ޑރ. ހަސަން ވިދާޅުވީ، އެކަން ކުރުމަށް ޓަކައި، ޖަމީލްގެ އެދިލެއްވުމަކަށް އެ އިމާރާތުގެ ދެބައިކުޅަ އެއްބައިގައި ގެސްޓްހައުސެއް ހަދައި، ހިންގުމުގެ ހުއްދަ ޖަމީލަށް ދިން ކަމަށާއި ޖަމީލްގެ އާއިލާގެ ބޭފުޅުން މިހާރު ވެސް އެތަނުގައި ގެސްޓްހައުސް ހިންގަމުންދާ ކަމަށެވެ.

ޑރ. ހަސަން ވިދާޅުވީ އެތަނުގެ އިމާރާތާއިގޯތީގެ މެއިންޓެނަންސާއި، އިންޝުއަރެންސް އަދި އިމާރާތަށް ދެ ފްލޯ އިތުރުކުރުމުގެ ހުއްދަ އެޗްޑީސީ އިން ދިނުމުން، ބިމަށާއި އިމާރާތަށް ޖުމްލަކޮށް ހިނގި ޚަރަދާއި އެއް ފަރާތުން އަނެއް ފަރާތަށް ދޭން ޖެހޭ ފައިސާ ހުރި ނަމަ އެކަންކަން ނިންމުމުގެ މުހިންމުކަން ޑރ. ޖަމީލުގެ އާއިލާ ބޭފުޅުން މެދުވެރިކޮށް ޖަމީލަށް އެންގެވި ކަމަށެވެ.

"ނަމަވެސް އެއިން އެއްވެސް ކަމަކާ ނުއުޅުއްވައި، އެއްބަސްވުމާ ޚިލާފުވިކަމަށް ބުނެ އަޅުގަނޑުގެ މަށްޗަށް ދަޢުވާ އުފުލުމުން ވަރަށް ބޮޑަށް ހައިރާންވި އެވެ،"

ހަސަން ސައީދު ވިދާޅުވީ މީހެއްގެ ހައްގަށް އޭނާ އަރައިގެންފައި ނުވާނެ ކަމަށާއި އެފަދަ ކަމެއް ދޭހަވާ ގޮތަކަށް ޚަބަރު ފެތުރުމުން އޭނާއާ މެދު އެކި ފަރާތްތަކުން ކުރާ އިތުބާރު ގެއްލިދާނެތީ ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.

"މީހެއްގެ މުދަލަކަށް ވެރިވެ ޙައްޤަކަށް އަރައިގަތުމަކީ ދުވަހަކު ވެސް އަޅުގަނޑު ކުރި ކަމެއް ނޫނެވެ. އަދި އިރާދަކުރެއްވިއްޔާ ދުވަހަކު ވެސް އެފަދަ ކަމެއް ނުކުރާނަމެވެ،" ޑރ. ހަސަން ވިދާޅުވި އެވެ.