ލަކްނޯ (ޑިސެމްބަރު 31): އިންޑިއާގެ ސަމަޖްވާދީ ޕާޓީ (އެސްޕީ)ގެ ރައީސް މުލާޔަމް ޔާދަވް، އޭނާގެ ދަރިފުޅު، އުއްތަރަ ޕްރެދޭޝްގެ ޗީފް މިނިސްޓަރު އަކިލޭޝް ޔާދަވް ޕާޓީންނާއި މަގާމުން ވަކިކޮށްފި އެވެ.

އިންޑިއާގެ އެންމެ އާބާދީ ބޮޑު އުއްތަރަ ޕްރެދޭޝްގެ ޗީފް މިނިސްޓަރު އަކިލޭޝް ޕާޓީން ވަކިކުރުމަށް ފަހު، އެސްޓޭޓުގެ ވެރިކަން ކުރާ އެސްފީން އާ ޗީފް މިނިސްޓަރަކު އައްޔަން ކުރާނެ ކަމަށް އެޕާޓީން ވަނީ ބުނެފަ އެވެ.

މުލާޔަމް ޔާދަވް ވިދާޅުވި ގޮތުގައި އޭނާގެ ދަރިފުޅު ޕާޓީން ވަކިކުރީ ޕާޓީ "ސަލާމަތް ކުރުމަށްޓަކައި" އެވެ. އަކިލޭޝްއަށް ދެން އެޕާޓީއަށް ސޮއި ކުރެވޭނީ ހަ އަހަރު ފަހުންނެވެ.

އަކިލޭޝް ޕާޓީން ވަކިކޮށްފައި ވަނީ އުއްތަރަ ޕްރެދޭޝްގެ މަޖިލިސް އިންތިހާބުގައި ވާދަ ކުރާން 235 ކެނޑިޑޭޓުންގެ ލިސްޓެއް އޭނާ އާއްމު ކުރެއްވިތާ އެއް ދުވަސް ފަހުންނެވެ. އޭނާ އެލިސްޓު އާއްމުކުރެއްވީ އެސްޕީން އެހެން ކެނޑިޑޭޓުންގެ ލިސްޓެއް އިއުލާންކޮށްފައި ވަނިކޮށެވެ.

އަކިލޭޝްގެ ލިސްޓުގައި އޭނާ ވަނީ އޭނާގެ ބައްޕައަށް ތާއިދު ކުރާ ބައެއް މީހުން ނުހިމަނައި، އޭނާއަށް ތާއިދު ކުރާ މީހުން ހިމަނާފައި ކަމަށް ރިޕޯޓުތަކުގައިވެ އެވެ.

އަކިލޭޝްގެ އިތުރުން މުލާޔަމް ވަނީ އޭނާއަށް ބޮޑުބޭބެ ކިޔާ، ޕާޓީގެ އިސް ލީޑަރެއް ކަމަށްވާ ރާމްގޯޕާލް ޔާދަވް ވެސް ޕާޓީން ވަކިކޮށްފަ އެވެ. އޭނާ ވަކިކޮށްފައި ވަނީ އަކިލޭޝް ޕާޓީން ވަކި ކުރުމާ ގުޅިގެން ޕާޓީގެ ކުއްލި ބައްދަލުވުމެއް މާދަމާ ބާއްވާނެ ކަމަށް އިއުލާން ކުރުމުންނެވެ. މުލާޔަމް ވަނީ އެފަދަ ނިންމުންތައް ނިންމުމުގެ ބާރު ލިބިގެންވަނީ ހަމައެކަނި އޭނާއަށް ކަމަށް ވިދާޅުވެފަ އެވެ.

އިންޑިއާގެ ސިޔާސީ މައިދާނުގައި ޔާދަވް އާއިލާގެ 20ށް ވުރެ ގިނަ މެމްބަރުން ހަރަކާތްތެރިވާ ކަމަށް ރިޕޯޓުތަކުގައިވެ އެވެ. އަދި ޕާޓީގެ ރައީސާއި އޭނާގެ ދަރިފުޅާ ދެމެދު ޖެހިފައިވާ ދެބަސްވުންތަކުގެ ސަބަބުން ޕާޓީ ވަނީ ބައިބައިވެފަ އެވެ. ބައެއް ސިޔާސީ މާހިރުން ބުނާ ގޮތުގައި މުލާޔަމް އަށް ވުރެ ބޮޑަށް ޕާޓީގައި ތާއިދު އޮތީ އަކިލޭޝްއަށެވެ. (ބީބީސީ)