31 Dec 2016, 10:52
އދ. މަޖިލިސް (ޑިސެމްބަރު 29) : ސޫރިޔާގެ ހުރިހާ ކަންކޮޅުތަކެއްގައި ހަމަލާތައް ހުއްޓާލުމަށް ރަޝިޔާއާއި ތުރުކީ އިސްނަގައިގެން ސޫރިޔާގެ ހަނގުރާމަވެރި ޖަމާއަތްތަކާ ދެމެދު ސޮއިކުރި އެއްބަސްވުން އދ.ގެ ސަލާމަތީ މަޖިލީހުން ފާސްކުރުމުގެ ކުރިން އެއަށް އިސްލާޙްތަކެއް ގެންނަން ބޭނުންވާކަން އެމެރިކާއާއި ޔޫރަޕްގެ ގައުމުތަކުން ހާމަކޮށްފި އެވެ.
އދ.ގައި ތިއްބަވާ ހުޅަނގުގެ ގައުމުތަކުގެ ޑިޕްލޮމޭޓުން ވިދާޅުވީ ސޫރިޔާގެ ހަނގުރަމައިގެ ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމަށް ގެންނަން ބޭނުންވާ މައިގަނޑު ތިން އިސްލާޙެއް ހިމެނޭކަމުގަ އެވެ. މީގައި ހިމެނެނީ ހިސާރުގެ ދަށުގައިވާ ސޫރިޔާގެ ރަށްތަކާއި އަވަށްތަކަށް އިންސާނީ އެހީ ފޯރުކޮށްދިނުމުގެ ކަންތައް މިހާރަށް ވުރެ ހަރުދަނާގޮތެއްގައި ކުރިޔަށްގެންދިޔުމާ ބެހޭ އިސްލާޙަކާއި ކަޒަޚިސްތާނުގައި ބޭއްވުމަށް ހަމަޖެހިފައިވާ ސޫރިޔާގެ ސުލްހައިގެ ވާހަކަތައް އދ.ގެ ބެލުމުގެ ދަށުން ކުރިޔަށްގެންދިޔުމާއި ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުން ދެމެހެއްޓެނިވި ގޮތެއްގައި ކުރިޔަށްގެންދިޔުމާ ބެހޭ އިސްލާހެކެވެ.
މީގެ އިތުރުން ވެސް މިއެއްބަސްވުމަށް ކުދިކުދި އިސްލާހްތަކެއް ގެނައުމަށް ހުޅަނގުގެ ގައުމުތަކުން ވަނީ އެދިފަ އެވެ. ސޫރިޔާގެ ހުރިހާ ކަންކޮޅުތަކެއްގައި ހަމަލާތައް ހުއްޓާލުމަށް ރަޝިޔާއާއި ތުރުކީ އިސްނަގައިގެން ސޫރިޔާގެ ހަނގުރާމަވެރި ޖަމާއަތްތަކާ ދެމެދު ސޮއިކުރި އެއްބަސްވުން މިދިޔަ ބުރާސްފަތި ދުވަހު ވުޖޫދަށް އައިސްފައިވާ އިރު އެދުވަހުން ފެށިގެން އެއެއްބަސްވުން ގެންދަނީ ތަންފީޒު ކުރަމުންނެވެ.
މިއާ އެކު ސޫރިޔާގެ ހުރިހާ ކަންކޮޅުތަކަކަށް ވަނީ އާންމުގޮތެއްގައި ހިމޭންކަންވެރިވެފަ އެވެ. ނަމަވެސް އެ އެއްބަސްވުމާ ޚިލާފަށް ސޫރިޔާގެ ބައެއް ސަރަހައްދުތަކުގައި ސަރުކާރު ސިފައިންނާ އިދިކޮޅު ބައެއް ޖަމާއަތްތަކާ ދެމެދު ވަރަށްމަދުން ހަމަލާތައް ބަދަލުކުރެ އެވެ. އަދި އިދިކޮޅު ޖަމާއަތްތަކުގެ ތެރޭގައި ހިމެނޭ ވާދަވެރި ބައެއް ޖަމާއަތްތަކުން ވެސް ޙަމަލާތައް ބަދަލުކޮށްފައިވެ އެވެ. ނަމަވެސް މިކަމުގެ ސަބަބުން އެއްބަސްވުން ރޫޅޭ ހިސާބަށް ކަންތައް ގޮސްފައެއް ނުވެ އެވެ. މި އެއްބަސްވުން އދ.ގެ ސަލާމަތީ މަޖިލީހުން ފާސްކުރުމުގެ ބޭނުމަކީ ވެސް މިއީ ބައިނަލްއަގްވާމީ އެއްބަސްވުމަކަށް ހެދުމާއި މިއެއްބަސްވުން ހަރުދަނާ ކުރުމުގެ ބޭނުމުގައި ކަމަށް ރަޝިޔާއާއި ތުރުކީ ބުނެ އެވެ.
ސޫރިޔާގައި 2011 ވަނަ އަހަރު ދާޚިލީ ހަނގުރާމަ ފެށުނީ ގަދަބާރުން ރައީސް ބައްޝާރުގެ ވެރިކަން ގަދަބާރުން ވައްޓާލުމަށް ޓަކައި ސޫރިޔާގެ އިދިކޮޅު ފަރާތްތަކުން ހަތިޔާރާއެކު ނުކުތުމުގެ ނަތީޖާއެއްގެ ގޮތުންނެވެ. މިކަމަށްޓަކައި ސޫރިޔާގެ އިދިކޮޅު ފަރާތްތަކަށް މާލީ ގޮތުންނާއި އަސްކަރީ ގޮތުން ވާގިވެރިވަމުން ގެންދަނީ ތުރުކީއާއި ސައޫދީ އާއި ގަތަރާއި އެމެރިކާ މިހަތަރު ގައުމުންނެވެ. ނަތީޖާއެއްގެ ގޮތުން ސޫރިޔާގެ ދާޚިލީ ހަނގުރާމައަކީ ބޭރުގެ ފަރާތްތަކެއް އަޑީގައި ތިބެގެން ހިންގާ ހަނގުރާމައަކަށްވަނީ ވެފަ އެވެ.
ސޫރިޔާގެ ހަނގުރާމައިގާ ރައީސް ބައްޝާރުލްއަސަދުގެ ސަރުކާރު ވައްޓާލުމަށް ހަނގުރާމަކުރާ ގިނަ ޖަމާއަތްތަކުގެ ކޮންޓްރޯލް އޮންނަނީ ތުރުކީއާއި ސައޫދީ އާއި ގަތަރާއި އެމެރިކާ އަށެވެ. މިހަތަރު ގައުމުގެ ތެރޭން ވެސް ސޫރިޔާގެ އިދިކޮޅު ހަނގުރާމަވެރި ޖަމާއަތްތަކުގެ މައްޗަށް އެންމެ ބޮޑު ބާރަކާއި އެންމެ ވަރުގަދަ ނުފޫޒެއް ފޯރުވުމުގެ ގާބިލްކަން ލިބިފައިވާ ގައުމަކީ ތުރުކީ އެވެ.
ސޫރިޔާގެ ސަރުކާރުގެ ފަޅިއަށް ބަލާނަމަ ރައީސް ބައްޝާރުލްއަސަދުގެ ވެރިކަން ވެއްޓުނަ ނުދީ ހިމާޔަތް ކުރުމުގައި އިސްކޮށް ހަރަކާތްތެރިވަނީ ރަޝިޔާއާއި އީރާންއާއި ލުބްނާނުގެ ހިޒްބުﷲ ޖަމާއަތެވެ. ހިޒްބުﷲ އަކީވެސް އީރާނުގެ ނުފޫޒު ހިނގާ ޖަމާއަތެކެވެ. އެހެންކަމުން ސޫރިޔާގެ ހަނގުރާމަ ހުއްޓުވަން ބޭނުންނަމަ ރަޝިޔާއާއި އީރާނާއި ތުރުކީއާއި ސައޫދީ އާއި ގަތަރާއި އެމެރިކާ މިހަގައުމަށް އެކަން ކުރެވޭނެ އެވެ. ރަޝިޔާއާއި އީރާން އެދޭކަމަކަށް ދެކޮޅު ހެދުމަކީ ބައްޝާރުގެ ސަރުކާރަށް ކުރަން ފަސޭހަ ކަމަކަށްނުވާނެއެވެ. ރަޝިޔާއާއި ތުރުކީ ގުޅިގެން އެކުލަވާލި ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމަށް އީރާނުގެ ތާއީދުވެސް ލިބިފައިވެ އެވެ.
ތުރުކީއާއި އެމެރިކާ މިހާރު ވަނީ ބައްޝާރުގެ ވެރިކަން ގަދަބާރުން ވައްޓާލުމުގެ ހަނގުރާމަ ދިގުލައިގެންގޮސް އެހަނގުރާމައިގެ ސަބަބުން ތުރުކީގެ ގައުމީ މަސްލަހަތަށް ގެއްލުންވާންފެށުމުން ތުރުކީވަނީ މިކަމުގައި ގަތަރާއި ސައޫދީ އާ ޚިޔާލު ތަފާތުވެފަ އެވެ. އަދި ތުރުކީ މިހާރުވަނީ ބައްޝާރަށް ވާގިވެރިވާ ރަޝިޔާއާ އީރާނާއެކު ސޫރިޔާގެ މައްސަލަ ސުލްޙަވެރި ގޮތުގައި ހައްލުކުރުމަށް އިސްކަންދޭ ސިޔާސަތެއް ފާޅުގައި ގެންގުޅެން ފަށާފަ އެވެ. މިމައްސަލާގައި ސައޫދީ އާއި ގަތަރުވަނީ ތުރުކީދެކެ ހިތްހަމަނުޖެހިފަ އެވެ.
ސޫރިޔާގެ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ދަށުން ސިޔާސީ ގޮތުން ވެސް ސޫރިޔާގެ މައްސަލަ ހައްލުކުރުމަށް ޓަކައި އިދިކޮޅު ބައެއް ޖަމާއަތްތަކާ އެކު ކަޒަޚިސްތާނުގެ އާސްތާނާގައި ސުލްހައިގެ ވާހަކަތައް ފެށުމަށް ވެސް ރަޝިޔާއާއި ތުރުކީގެންދަނީ ތައްޔާރުވަމުންނެވެ. މިވާހަކަތަކުގައި އީރާނުގެ އިތުރުން ގަތަރާއި ސައޫދީވެސް ބައިވެރި ކުރުވުމަށް ތުރުކީއާއި ރަޝިޔާ ގެންދަނީ މަސައްކަތް ކުރަމުންނެވެ.
މިދިޔަ ހަފްތާގައި ރަޝިޔާއާއި އީރާނާއި ތުރުކީގެ ޚާރިޖީ ވަޒީރުންވަނީ މޮސްކޯ ގައި ބައްދަލުކުރައްވައި، ސޫރިޔާގެ ހުރިހާ ކަންކޮޅުތަކެއްގައި ހަމަލާތައް ބަދަލުކުރުން ހުއްޓާލެވޭނެ ގޮތްތަކާބެހޭ ގޮތުން މަޝްވަރާތަކެއް ކުރައްވި އެވެ. ހަލަބްގައި ހިނގަމުންދިޔަ ދިގުލީ ހަނގުރާމަ ނިމުމަކަށް ގެނައުމުގައި ވެސް އެންމެ މުހިއްމު ދައުރެއް އަދާކުރީ ރަޝިޔާއާއި އީރާނާއި ތުރުކީއެވެ.
ރަޝިޔާގެ ބޮމުގެ ހަމަލާތަކުގެ ސަބަބުން ސޫރިޔާގެ އިދިކޮޅު ހަނގުރާމަވެރި ޖަމާއަތްތައް ހަލަބްގައި ބަލިވުމުން އެޖަމާއަތްތައް ވަނީ ރަޝިޔާއާއި ތުރުކީގެ ބެލުމުގެ ދަށުން އެޖަމާއަތްތަކުގެ ހަނގުރާމަވެރިންނާއި އެމީހުންގެ އަނބިދަރިންނާއި އެމީހުންނަށް ތާއީދުކުރާ ފަރާތްތައް ހަލަބުން ބޭރުވުމަށް އެއްބަސްވެފަ އެވެ. މިއެއްބަސްވުމާ އެކު އދ.ގެ އެހީތެރިކަމާ އެކު ހަނގުރާމަވެރިންނާއި އެމީހުންގެ އަނބިދަރިންނާއި އެމީހުންނަށް ތާއީދުކުރާ ފަރާތްތައް ފާއިތުވި ދެހަފްތާތެރޭފައި ވަނީ ހަލަބުން ބާލައި ކައިރީގައިވާ ބައެއް ސަރަހައްދުތަކަށް ގެންދެވިފަ އެވެ.
މިއާއެކު ހަލަބްގެ ހަނގުރާމަވަނީ ހުއްޓުމަކަށް އައިސްފައިވާއިރު ސޫރިޔާގެ ހުރިހާ ކަންކޮޅުތަކެއްގައި ހަމަލާތައް ހުއްޓާލުމަށް އިދިކޮޅު ޖަމާއަތްތަކާއެކު އެއްބަސްވުމަކަށް އައުމަށް ތުރުކީއާއި ރަޝިޔާއަށް މަގުފަހިވެގެން ދިޔައީ ރަޝިޔާއިން ހަލަބަށް ދިން ވައިގެ ހަމަލާތަކުގައި ހަލަބްގައި ތިބި ސޫރިޔާގެ އިދިކޮޅު ހަނގުރާމަވެރިން ބަލިވެގެން ދިޔުމެވެ. ނަމަވެސް ގަތަރާއި ސައޫދީ އަށް ތާއީދުކުރާ ހަނގުރާމަވެރި ޖަމާއަތްތައް ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމާ ދެކޮޅެވެ. އަދި އެޖަމާއަތްތަކުން ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުން ރޫޅޭނެ ގޮތްތަކެއް ވޭތޯ މަސައްކަތް ކުރާނެކަމަށްވަނީ ބެލެވިފައެވެ. (ނޫސްއެޖެންސީތައް)