31 Dec 2016, 10:03
މި އަހަރުގެ ދިރާސީ އާއަހަރު ފެށޭއިރު ޓީޗަރުންނާއި ދަރިވަރުންގެ ފޮތްތައް ލިބިގެންގޮސް ދައްޗެއްނެތި ކިޔެވުން ފެށިގެންދާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.
ދިރާސީ އާ އަހަރު ފެށޭއިރު ސްކޫލުތަކަށް ޓީޗަރުން ހަމަނުވުމާއި ކުދިންނަށް ބޭނުންވާ ފޮތްތައް ނުލިބުމަކީ އެހެން އަހަރުތަކުގައި ދިމާވާ މައްސަލަތަކެވެ. އެކަމުގެ ސަބަބުން ބެލެނިވެރިންގެ ހިތްހަމަނުޖެހުން ފާޅުކުރުމަކީ ދިރާސީ އާ އަހަރު ފެށޭއިރު އާންމުކޮށް ދިމާވާ މައްސަލައެކެވެ.
ޗުއްޓީއަށް ފަހު ކިޔެވުން ފެށެން އަށް ވަރަކަށް ދުވަހަށް ވެފައިވާއިރު އެޑިއުކޭޝަން މިނިސްޓްރީގެ ސުޓޭޓް މިނިސްޓަރު އަހުމަދު ޝަފީއު ސަން އަށް ވިދާޅުވީ ރާއްޖެ އިން ބޭރުން ގެންނަން ޖެހޭ ޓީޗަރުންނާއި އިތުރަށް ނަގަން ޖެހޭ ޓީޗަރުންގެ ކަންކަން ކުރިއަށްދާއިރު ކިޔަވައިދިނުން ފަށާއިރު ޓީޗަރުންގެ ކަންކަން ހަމަޖެހޭނެ ކަމަށެވެ.
އަންނަ އަހަރަށް ޓީޗަރުން ކަނޑައެޅުމުގައި އަމަލުކުރާ އުސޫލުގެ ގޮތުން އެހެން އަހަރުތަކާ ހިލާފަށް ސުކޫލުތަކުގައި ޓީޗަރުންގެ އަދަދު މަދުވާނެކަމަށް ބުނެ ބައެއް ޓީޗަރުންނާއި ޕުރިންސިޕަލުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ސްޓޭޓް މިނިސްޓަރު ޝަފީއު ވިދާޅުވީ ޓީޗާސް ރިކުއާމަންޓްގެ ދަށުން ސްކޫލުތަކަށް ބޭނުންވާ ވަރަށް ޓީޗަރުން ހަމަވާނެ ކަމަށެވެ.
އަންނަ އަހަރުން ފެށިގެން ގްރޭޑް ހަތަކީ ސެކަންޑްރީ ގުރޭޑޭއްގެ ގޮތަށް ހަމަޖައްސާފައިވާ އިރު އެކަމަށް ވާންޖެހޭ ތައްޔާރީތައް ވެސްވެފައިވާ ކަމަށް ޝަފީއު ވިދާޅުވި އެވެ.
ކުދިންނަށް ފޮތްތައް ވެސް ދަނީ ބަހަމުން ކަމަށާއި މިއަހަރު އަލަށް ތައްޔާރު ކުރި ފޮތްތައް މާލޭގެ ހުރިހާ ސްކޫލުތަކަކަށް ބަހާފައިވާ އިރު ސްކޫލު ހުޅުވެން ވާއިރަށް އަތޮޅުތެރެއަށް ލިބޭނެ ކަމަށް ވެސް ޝަފީއު ވިދާޅުވި އެވެ.
އަންނަ އަހަރަށް ގުރޭޑް 3،2،1ގެ ގުރުއާނާއި އިސްލާމް ފޮތް ވަނީ ބަދަލުތަކާ އެކު އަލުން އެކުލަވާލާފަ އެވެ.
ސެކަންޑްރީ ގުރޭޑްތަކުގެ ފޮތްތައް ދޫކުރާނީ ސްކޫލު ހުޅުވުމުން ކަމަށާއި އެފޮތްތަކަކީ ސްކޫލު ނިންމާފަ އަނބުރާ ހަވާލުކުރާ ފޮތްތައް ކަމަށް ވެސް ޝަފީއު ވިދާޅުވި އެވެ.
"އެނޫން ފޮތްތައް ހުންނާނީ ސްކޫލު ނިމުނު އިރު ކުދިންނަށް ހަވާލުކުރެވިފައި، ދެން މިދެންނެވި ފޮތްތައް ލިބުނު ސްކޫލުތަކުން ބަހަމުން ގެންދަވާ، އެހެން ކުދިންނަށް ސްކޫލުގެ ފުރަތަމަ ދުވަހު އެދާއިރު އެފޮތްތައް ލިބޭނެ،" ޝަފީއު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކިޔެވުން ފެށުމަށް ޓަކައި ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ސްކޫލުތަކުން ވަމުން އަންނައިރު ސްކޫލުތައް ޒީނަތްތެރިކުރުން ފަދަ ކަންކަން ހިނގަމުން އަންނަ ކަމަށެވެ.