ވޮޝިންޓަން (ޑިސެމްބަރު 31): ރަޝިއާއިން އެމެރިކާގެ ރިޔާސީ އިންތިހާބު ހެކް ކުރި ކަމަށް ބުނެ، އެމެރިކާއިން ރަޝިއާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅައި، އެގައުމުގެ ޑިޕްލޮމެޓުން ފޮނުވާލި މައްސަލައާ ގުޅިގެން ރަޝިއާއިން ބަދަލު ނުހިފާނެ ކަމަށް ބުނުމުން ޑޮނަލްޑް ޓްރަމްޕް އެގައުމުގެ ރައީސަށް ތައުރީފު ކުރައްވައިފި އެވެ.

އެމެރިކާ އިން ރަޝިއާގެ 35 ޑިޕްލޮމެޓުން އަނބުރާ ގައުމަށް ފޮނުވާލައި، އެގައުމުގައި ހުންނަ ރަޝިއާގެ މުއައްސަސާތަކާއި ބައެއް އާއްމުންނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅަން ނިންމާފައިވާކަން އިއްޔެ އިއުލާން ކުރުމުން ރަޝިއާގެ ފޮރިން މިނިސްޓްރީން ވަނީ އެގައުމުގައި ތިބި އެމެރިކާގެ ޑިޕްލޮމެޓުންތަކެއް ގައުމުން ފޮނުވާލަން އެގައުމުގެ ރައީސް ވްލަޑިމިއާ ޕުޓިންގެ ފަރާތުން އެދިފަ އެވެ.

ނަމަވެސް ރައީސް ޕުޓިން ވަނީ އެ ގައުމުން އެއްވެސް މީހަކު ބޭރުކޮށްނުލައްވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި އެމެރިކާ ފަދައިން ޒިންމާދާރުކަން ކުޑަ ޑިޕްލޮމެސީއެއް ނުގެންގުޅޭނެ ކަމަށާއި، އެމެރިކާ އަށް އަންނަން އޮތް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރާ އެކު ކުރިއަށް ދާނެ ކަމަށް ވިދާޅުވެފަ އެވެ.

ޕުޓިންގެ ބަސްފުޅަށް އިޝާރާތް ކުރައްވައި ޓްރަމްޕް ކުރެއްވި ޓުވީޓެއްގައި އޭނާ ވަނީ އެއީ ރަނގަޅު ނިންމުމެއް ކަމަށާއި، ޕުޓިން އަކީ ވަރަށް ވިސްނުންތޫނު ބޭފުޅެއްކަން އަބަދު ވެސް ދެނެވަޑައިގަންނަވާ ކަމަށް ވިދާޅުވެފަ އެވެ.

އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ނަތީޖާއަށް ނުފޫޒުފޯރުވައި، އިންތިހާބު ކާމިޔާބު ކުރާނީ ޓްރަމްޕްކަން ޔަގީން ކުރުމަށް ހިލަރީ ކްލިންޓަންގެ ކެމްޕެއިނާއި ޑިމޮކްރަޓިކް ޕާޓީގެ އީމެއިލްތައް ހެކް ކުރީ ރަޝިއާއިން ކަމަށް އެމެރިކާ ސަރުކާރުން ބުނި ނަމަވެސް ރަޝިއާ އިން ވަނީ އެތުހުމަތުތައް ދޮގުކޮށްފަ އެވެ. (ބީބީސީ)