ސާފް ވިމެންސް ޗެމްޕިއަންޝިޕްގައި ބޫޓާން ބަލިކޮށް، ރާއްޖެއިން ސެމީ ފައިނަލުގެ ޖާގައެއް ހޯދައިފި އެވެ.

ބަންގްލަދޭޝްގައި ކުރިއަށްދާ އެ މުބާރާތުގެ 'ގްރޫޕް އޭ'ގައި މިއަދު ކުޅުނު މެޗުގައި ބޫޓާންގެ މައްޗަށް ރާއްޖެ ކުރި ހޯދީ 3-1 ލަނޑުގެ ނަތީޖާއަކުންނެވެ.

އެ މެޗުގެ ފުރަތަމަ ހާފުގައި ރާއްޖެއިން ވަނީ ދެ ލަނޑުގެ ލީޑެއް ހޯދައިފަ އެވެ. މެޗުގެ 18 ވަނަ މިނެޓުގައި ކެޕްޓަން ފަދުވާ ޒާހިރު ރާއްޖެ އަށް ލީޑު ހޯދައިދިން އިރު، މެޗުގެ 36 ވަނަ މިނެޓުގައި ރާއްޖެ އަށް ލީޑު ފުޅާކޮށްދިނީ އައިމިނަތު ޝާމިލާ އެވެ.

މެޗުގެ ދެ ވަނަ ހާފުގައި ބޫޓާން އަށް ލަނޑު ޖަހާނެ ފުރުސަތުތަކެއް ލިބުނު ނަމަވެސް، އެ ޓީމަށް ރާއްޖޭގެ ކޮޅަށް ލަނޑެއް ކާމިޔާބުކުރެވުނީ މެޗު ނިމެން ނުވަ މިނެޓަށް ވެފައިވަނިކޮށެވެ. އެ ލަނޑު ބޫޓާން އަށް ކާމިޔާބުކޮށްދިނީ ޓަންކާ މަޔާ ގަލޭ އެވެ. މެޗުގައި ރާއްޖެއިން ކާމިޔާބުކުރި ފަހު ލަނޑު، ދެ ވަނަ ހާފުގެ އިތުރު ވަގުތުކޮޅު ތެރޭގައި ކާމިޔާބުކޮށްދިނީ ފުރަތަމަ ލަނޑު ވެސް ކާމިޔާބުކޮށްދިން ފަދުވާ އެވެ.

'ގްރޫޕް އޭ' އިން ސެމީގެ ޖާގަތައް ހޯދީ އެއް ވަނަ ހޯދި ނޭޕާލް އާއި ދެ ވަނަ ހޯދި ރާއްޖެ އެވެ. ނޭޕާލަށް ނުވަ ޕޮއިންޓް ލިބުނު އިރު، ރާއްޖެ އަށް ލިބިފައި ވަނީ ހަ ޕޮއިންޓެވެ. ތިން ވަނައިގައި އޮތް ސްރީ ލަންކާ އަށް ތިން ޕޮއިންޓް ލިބުނު އިރު، ގްރޫޕްގެ ފުލުގައި އޮތް ބޫޓާން އަށް އެއްވެސް ޕޮއިންޓެއް ލިބިފައެއް ނުވެ އެވެ.

ރާއްޖެއިން ސެމީގައި ނުކުންނަން ޖެހޭނީ 'ގްރޫޕް ބީ'ގެ އެއް ވަނަ ހޯދާ ޓީމާ ދެކޮޅަށެވެ. އަދި ސެމީގައި ނޭޕާލް ނުކުންނަން ޖެހޭނީ 'ގްރޫޕް ބީ'ގެ ދެ ވަނަ ހޯދާ ޓީމަކާ ދެކޮޅަށެވެ. 'ގްރޫޕް ބީ'ގެ އެއް ވަނަ އަދި ދެ ވަނަ ހޯދާ ޓީމު ކަށަވަރުވާނީ މާދަމާ ހަވީރު އިންޑިއާ އާއި ބަންގްލަދޭޝް ކުޅޭ މެޗަށްފަހު އެވެ.

'ގްރޫޕް ބީ'ގެ އެންމެ ކުރީގައި އޮތް އިންޑިއާ އާއި ބަންގްލަދޭޝް އަށް ލިބިފައި ވަނީ ތިން ޕޮއިންޓެވެ. އެ ދެ ޓީމަށް ސެމީގެ ޖާގައެއް ކަށަވަރުވެފައިވާ އިރު، ފުލުގައި އޮތް އަފްޣާނިސްތާނަށް އެއްވެސް ޕޮއިންޓެއް ލިބިފައެއް ނުވެ އެވެ. އެ ގްރޫޕްގައި ހިމެނެނީ ވެސް އެ ތިން ޓީމެވެ. އިންޑިއާ އަކީ ސާފް ވިމެންސް ޗެމްޕިއަންޝިޕްގެ ތިން އަހަރުގެ ޗެމްޕިއަނުންނެވެ.