30 Dec 2016, 22:35
ޓެކްސީތަކުގެ ބޯޑު 50،000 ރުފިޔާއަށް ވިއްކަން ފަށަން ޓްރާންސްޕޯޓް އޮތޯރިޓީން ފަށައިފިއެވެ.
ޓެކްސީ ބޯޑު އެއަގުގައި ވިއްކަން ފެށިކަން އެ އޮތޯރިޓީން ހާމަކުރީ ޓެކްސީ ގަވާއިދަށް ބަދަލު ގެނެސް ގެޒެޓްގައި އިއްޔެ ޝާއިއުކުރި އާ ގަވާއިދުގަ އެވެ.
އެ އޮތޯރިޓީން ނެރުނު ގަވާއިދުގައި ބުނެފައިވާ ގޮތުން އަލަށް ޓެކްސީކުރުމަށް ބޭނުންވާ މީހަކު 50،000 ރުފިޔާ ގެ ޓެކްސީ ލައިސަންސް ފީއެއް ދެއްކުމުން ބޯޑު ދޫކުރާނެ އެވެ.
ލައިސަންސް ހޯދުމަށް ހުށަހަޅާއިރު، ރަޖިސްޓްރީ ވެފައިވާ ޓެކްސީ ސެންޓަރުގެ ލިޔުމަކާއި ވެހިކަލްގެ ރަޖިސްޓްރީގެ އަސްލާއި އަހަރީ ފީ ދެއްކި ކަމުގެ ލިޔުމާއި އިންޝުއަ ކުރި ކަމުގެ ލިޔުން އަދި 100 ރުފިޔާގެ ގެ ރެވެނިއު ސްޓޭމްޕެއް ހުށަހަޅަން ޖެހެ އެވެ.
ލައިސަންސް ދޫކުރަނީ ފަސް އަހަރު ދުވަހުގެ މުއްދަތަކަށެވެ. އަދި ފަސް އަހަރު ފަހުން ލައިސަންސް އާކޮށްދެނީ 5،000 ރުފިޔާ ގެ ފީއެއް ނެގުމަށް ފަހު ކަމަށް ވެސް ގަވާއިދުގައި ބުނެފައިވެ އެވެ.
ގަވާއިދުގައިވާ ގޮތުން މާލޭ ޒޯންގައި ރަޖިސްޓްރީކޮށްފައިވާ ޓެކްސީއެއް ނަމަ ޓެކްސީ ސެންޓަރުގެ ބެލުމުގެ ދަށުން ދުވާލަކު މަދުވެގެން 20 ދަތުރުކުރަން ޖެހެ އެވެ. އަދި ޓެކްސީ ކުރުމުގެ ދާއިރާ އަށް އަލަށް ވަންނަ މީހަކަށް ލައިސަންސް ދޫކުރާނީ ޓްރާންސްޕޯޓް އޮތޯރިޓީން ކަނޑައަޅާ ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ފުރިހަމަކުރުމުން ކަމަށް ވެސް އެ ގަވާއިދުގައި ބުނެފައިވެ އެވެ.
އަލަށް އެކުލަވާލި ގަވާއިދުގެ ދަށުން ޓެކްސީގައި މީޓަރެއް ހަރުކޮށް، ރާއްޖޭގެ ބޭންކްތަކުން ދޫކުރާ ކޭޝްކާޑުތައް މެދުވެރިކޮށް ފައިސާ ދެއްކޭނެ އިންތިޒާމު ހަމަޖެއްސުމަށް ވެސް ވަނީ ލާޒިމުކޮށްފަ އެވެ.
އިއްޔެއިން ފެށިގެން ގަވާއިދަށް އަމަލުކުރަން ފަށާފައިވާ އިރު، މީޓަރު ހަރުކޮށް ކާޑު މެޝިން ބެހެއްޓުން ލާޒިމުވަނީ 180 ދުވަހުގެ މުއްދަތަކަށްފަހު އެވެ.