01 Jan 2017, 09:06
މީގެ 22 އަހަރު ކުރިން ގްރީކުގެ އާގު ބޯޓަކާއި ތެޔޮ ބޯޓެއް ޖެހި ބްލެކްސީގައި ހިނގާދިޔަ އަލިފާނުގެ ހާދިސާ ފަހަރެއްގައި ދިވެހިންނަށް ނޭނގިދާނެ އެވެ. އެ ހާދިސާގައި ގިނަ ބަޔަކު މަރުވެގެން ދިޔަކަން ދިވެހި މީޑިއާގައި ރިޕޯޓުކޮށްފައި ނެތުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. ނަމަވެސް އެއީ ދިވެހިންނާ ކިހާ ގުޅުމެއް އޮތް ހާދިސާއެއްކަން އެނގޭ ހެއްޔެވެ؟
ނަވާރަސަތޭކަ ނުވަދިހަ ހަތަރު ވަނަ އަހަރު މާޗު މަހު އިސްތަންބޫލުން ފުރައިގެން ބްލެކްސީން ދިޔަ "ސީ ބްރޯކަރު" ނަމަކަށް ކިޔާ ބޯޓުގައި 14 ދިވެހިން ތިއްބެވެ. އެެ ބޯޓު ބްލެކްސީގައި ދަތުރު ކުރަމުން ދަނިކޮށް "ނަސިއާ" ނަމަކަށް ކިޔާ ތެޔޮ ބޯޓެއްގައި ޖެހި ހިނގައި ދިޔަ ނުރައްކާތެރި އަލިފާނުގެ ހާދިސާގައި 30 އަށް ވުރެ ގިނަ މީހުން މަރުވި އެވެ.
މީގެ 22 އަހަރު ކުރިން ގްރީކުގެ ބޯޓަކާ ތެޔޮ ބޯޓެއް ޖެހި ބްލެކްސީގައި ހިނގާދިޔަ އަލިފާނުގެ ހާދިސާ ހިނގައި ދިޔަ ތަނާއި، ހާދިސާގެ މަންޒަރެއް ---
ހާދިސާގައި މަރުވެގެން ދިޔަ މީހުންގެ ތެރޭގައި 12 ދިވެހިން ވެސް ހިމެނެ އެވެ. ތެޔޮ ބޯޓު ނަސިއާގައި، ސީ ބްރޯކަރު ޖެހިގެން ބޯޓުގެ ތެޔޮތަކުގައި ރޯވެ، ކަނޑަަށް ތެޔޮތައް އެޅި ކަނޑުގައި ވެސް އަލިފާންގަނޑު ފެތުރިފައި އޮތް ކަމަށް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފަ އެވެ. އަލިފާންގަނޑު ނިވާލަން ފަސް ދުވަސް ނެގި އެވެ.
މިހާރު މިވާހަކަ މުހިންމުވީ ކީއްވެ؟
އެ ހާދިސާގައި މަރުވެގެން ދިޔަ ދިވެހިންގެ ހަނދާންތައް އަނެއްކާ ވެސް މިވަނީ އާ ކުރަން ޖެހިފަ އެވެ. ތަފާތު ގޮތަކަށެވެ. ދިވެހިންގެ މީހުން ދަތުރުކުރި ސީ ބްރޯކަރުގެ އިންޝުއަރެންސް ކޮމްޕެނީން އެމީހުންގެ އާއިލާތައް ހޯދަން ފެށުމުންނެވެ.
ގްރީކްގެ އެ އިންޝުއަރެންސް ކޮމްޕެނީން ދިވެހި ލޯ ފާމަކާ ގުޅިގެން އެމީހުންގެ އާއިލާތައް ހޯދުމުގެ މަސައްކަތް މިހާރު މިވަނީ ފަށައިފަ އެވެ. އެއީ އިންޝުއަރެންސަށްވާ ފައިސާ އާއިލާތަކާ ހަވާލު ކުރުމަށެވެ. ކޮންމެ އާއިލާއަކަށް ވެސް ވަރަށް ބޮޑު އަދަދެއްގެ ފައިސާ ލިބޭނެ ކަމަށް ބެލެވެ އެވެ.
މީގެ 22 އަހަރު ކުރިން ގްރީކުގެ ބޯޓަކާ ތެޔޮ ބޯޓެއް ޖެހި ބްލެކްސީގައި ހިނގައި ދިޔަ އަލިފާނުގެ ހާދިސާގައި ދެ ބޯޓުގައި ރޯވެފައިވާ މަންޒަރު ---
އެފައިސާއާ ބެހޭ ގޮތުން ލޯ ފާމުން މައުލޫމާތެއް ހާމައެއް ނުކުރި އެވެ. ނަމަވެސް މިހާރު އޭގެތެރެއިން ގިނަ މީހުންގެ އާއިލާތައް ފެނިފައިވާ ކަމަށް ލޯ ފާމުން ބުންޏެވެ.
ހާދިސާގައި މަރުވި މީހުނ
ް
- ހާރޫން މޫސާ، އަތިރީގެ، ހއ. މުރައިދޫ
- މުހައްމަދު ހުސައިން ، ކ. މާލެ
- އަހުމަދު ސައީދު ގުލްހަޒާރުގެ، ރ. ކަނދޮޅުދޫ
- އަބްދުއް ސައްތާރު މުހައްމަދު، އުޖާލާގެ، ގދ. ތިނަދޫ
- އަބްދުލް އަޒީޒު މުހައްމަދު، ޏ. ފުވައްމުލައް
- އަބްދުﷲ މުހައްމަދު، ހދ. ކުޅުދުއްފުށި
- އާދަމް މުހައްމަދު، ގދ ( ރަށް ނޭނގޭ )
- އަޒީމް ހަސަން، ގދ ( ރަށް ނޭނގޭ )
- މުހައްމަދު ފައުޒީ ގދ ( ރަށް ނޭނގޭ )
ހާދިސާގައި މަރުވެގެން ދިޔަ މީހުންގެ ތެރެއިން ގްރީކްގެ އިންޝުއަރެންސް ކުންފުނިން ހޯދަން ބޭނުންވަނީ މިމީހުންގެ އާއިލާތަކެވެ.
މީގެ 22 އަހަރު ކުރިން ގްރީކުގެ ބޯޓަކާ ތެޔޮ ބޯޓެއް ޖެހި ބްލެކްސީގައި ހިނގައި ދިޔަ އަލިފާނުގެ ހާދިސާގެތެރެއިން ---
ހާދިސާގައި ސަލާމަތްވި އަދުނާނުގެ ވާހަކަތައް
އެ ނުރައްކާތެރި ބިރުވެރި ހާދިސާގައި އެ ބޯޓުގައި ދަތުރުކުރަން ގޮސް އުޅުނު ދިވެއްސެއް ސަލާމަތްވި އެވެ. އެއީ ހދ. ނޮޅިވަރަން އަދުނާނު އަލީ އެވެ. އެއީ ހަޔާތުގައި އައި އެންމެ ނުރައްކާތެރި ބިރުވެރި ދުވަސްކަން ފާހަގަކުރަމުން އަދުނާނު "ސަން"އަށް ބުނީ "އަދި ވެސް މީހުންގެ ގައިގައި ރޯވެ މަރުވެގެން ވެއްޓޭ މަންޒަރު ސިފަވާ" ކަމަށެވެ.
އެއީ ބޭރު ދަތުރުކުރަން އަދުނާނު އެންމެ ފުރަތަމަ ދިޔަ ދަތުރެވެ. އޭރު އުމުރުން އެންމެ 19 އަހަރެވެ. އެ ހަނދާންތައް 'ސަން' އާ ހިއްސާކުރަމުން އަދުނާނު ބުނީ އެ ހާދިސާ ހިނގީ އިސްތަންބޫލުން ފުރައިގެން ދަތުރުކުރަމުން ދަނިކޮށް ކަމަށެވެ. ބޯޓުގައި ރޯވީ އޭނާ ބޯޓުގެ އެންމެ އަޑީގައި ހުއްޓައި ކަމަށް އަދުނާނު ބުންޏެވެ.
މީގެ 22 އަހަރު ކުރިން ގްރީކުގެ ބޯޓަކާ ތެޔޮ ބޯޓެއް ޖެހި ބްލެކްސީގައި ހިނގައި ދިޔަ އަލިފާނުގެ ހާދިސާގައި އަލިފާންގަނޑު ނިއްވަން ފެންޖަހަނީ ---
އަލިފާނުގައި ނުޖެހި ސަލާތުން އަރަން އޭނާ މައްޗަށް އެރީ "ދުން ހޮޅިން ލާފައި" ކަމަށް އަދުނާނު ބުންޏެވެ. އެއީ 14 ސިޑި ހުރަސްކޮށްފައި ކަމަށް ވެސް އޭނާ ބުންޏެވެ.
"އޭރުވެސް ބޯޓު ދުވަމުން ދަނީ. އެކަކު އަނެކަކަށް ނުވެސް ފެނޭ. ކަނޑުގައި ވެސް އަލިފާން އޮތީ. އަލިފާނަށް ފިލަންވެގެން ބޭބެ އެރީ ދުންހޮޅިން. އެއީ 14 ސިޑި ހުރަސްކޮށްފައި،" އަދުނާން ކިޔައިދިނެވެ.
އޭނާ މައްޗަށް އަރަން ދިޔަ އިރު ބެޓެރީ ރޫމުގައި ދިވެއްސަކު ފިހިފައި އިން ކަމަށް އަދުނާނު ބުންޏެވެ. "އޭނާ އިނީ ވެސް ވަރަށް ހާލުގައި ލޮޑުވެފައި" ކަމަށް އަދުނާނު ބުންޏެވެ. އެ ދިވެހި މީހާ ގޮވައިގެން މައްޗަށް އަރައި ކަނޑަށް ފުންމާލައިގެން އަދުނާނާއި އެމީހާ އޮތީ ބޮއެއްގެ މަތީގަ އެވެ.
"ހެނދުނު އަލިވިލުނު ފަހުން ހޮސްޕިޓަލުގައި އޮއްވައި ދެން އެނގުނީ، އެ ވަރުގެ ބިރުވެރި ހާދިސާއެއް ހަޔާތުގައި ދިމައެއް ނުވޭ. އެ ދިވެހި މީހާ ވެސް ސަލާމަތްވި އެއީ އައްޑޫ މީހެއް،" އަދުނާނު ބުންޏެވެ.
މިހާރު އަދުނާނުގެ އުމުރުން 43 އަހަރެވެ. އެ ހާދިސާގެ ފަހުން ވެސް އޭނާ ބޯޓުދަތުރުކުރަން އުޅުނެވެ. ނަމަވެސް އެފަދަ ބިރުވެރި ހާދިސާއަކާ އޭގެ ފަހުން ދިމާނުވާ ކަމަށް އަދުނާނު ބުންޏެވެ.