ރޭ މާލެއަށް ކުރި ވިއްސާރައިގައި ހެންވޭރު އާޓިފިޝަލް ބީޗް ސަރަހައްދުގައި ހުރި ގަހެއް ވެއްޓި ވެހިކަލްތަކަކަށް ގެއްލުންވެއްޖެ އެވެ.

އެ ގަސް ވެއްޓިފައި ވަނީ ސީދާ ކިހާއިރަކު ކަމެއް ނޭންނެ އެވެ.

ނަމަވެސް ގަސް ވެއްޓުމުގެ ސަބަބުން އެ ސަރަހައްދުގައި ޕާކްކޮށްފައި ހުރި ތިން ސައިކަލެއް ވަނީ ގަސް ދަށުވެފަ އެވެ.

ތިން ސައިކަލުގެ އިތުރުން އެ ސަރަހައްދުގައި ޕާކުކޮށްފައި ހުރި ސައިކަލަކަށް ވެސް ވަނީ އޭގެ ސަބަބުން ގެއްލުންވެފަ އެވެ.

ފުލުހުންނާއި ހައުސިން މިނިސްޓްރީގެ މުވައްޒަފުން ގުޅިގެން މިހާރު ވަނީ އެ ގަސް ނަގައި އެ ސަރަހައްދު ސާފުކޮށްފަ އެވެ.

ރާއްޖޭގެ ގިނަ ހިސާބުތަކަކަށް ވިއްސާރަ ކުރާއިރު، މެޓް އޮފީހުން ބުނެފައި ވަނީ މިއީ އިރުވައި މޫސުމުގެ ވިއްސާރަ ކަމަށާއި ކުރިއަށް އޮތް 24 ގަޑިއިރު ވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ބޯކޮށް ވިއްސާރަވެހޭނެ ކަމަށެވެ.