30 Dec 2016, 16:27
ގއ. ނިލަންދޫ ސްކޫލުގެ ތިޖޫރި ފަޅާލައި ވަގަށް ނަގާފައިވާ އެއްލައްކައަށްވުރެ ގިނަ ފައިސާތައް ހޯދައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 19 އަހަރުގެ ފިރިހެނަކާއި 28 އަހަރުގެ ފިރިހެނެއް ކަމަށެވެ.
އެ ދެމީހުންވެސް ހައްޔަރުކޮށްފައިވަނީ ނިލަންދޫ ސްކޫލުން ގިނަ އަދަދެއްގެ ފައިސާ ވަގަށް ނަގާފައިވާކަމަށްބުނެ މިއަދު ހެނދުނު 7:15 ހާއިރު ގއ. ނިލަންދޫ ޕޮލިސް ޑެސްކަށް ހުށަހެޅުނު މައްސަލައާ ގުޅިގެން ގއ. ވިލިނގިލި ޕޮލިސް ސްޓޭޝަނާއި ނިލަންދޫ ޕޮލިސް ޑެސްކު ގުޅިގެން ކުރި މަސައްކަތުން ކޯޓު އަމުރެއްގެ ދަށުން މިއަދުގެ ވަގުތެއްގައެވެ.
އެ މައްސަލަ ފުލުހުންނަށް ހުށަހެޅުމާއި ގުޅިގެން ފުލުހުން ކުރަމުންދިޔަ މަސައްކަތުން، ނިލަންދޫ ސްކޫލުން ވަގަށް ނަގާފައިވާ 199000 ރުފިޔާއަށްވުރެ ގިނަ ފައިސާ ހޯދާފައިވާއިރު އެ ފައިސާތައް ފެނިފައިވަނީ ގއ. ނިލަންދޫ ވަލުތެރޭގައި ހުރި މަގޫގަހެއްގެ ބުޑުގައި ވަޅުލާފައިވަނިކޮށް ކަމަށް ފުލުހުން ބުންޏެވެ.
އެ މައްސަލަ ގއ. ވިލިނގިލި ޕޮލިސް ސްޓޭޝަނާއި ނިލަންދޫ ޕޮލިސް ޑެސްކު ގުޅިގެން ދަނީ ތަހުގީގު ކުރަމުން ކަމަށް ފުލުހުން ބުންޏެވެ.