20 Jun 2011, 19:45
ރާއްޖޭގެ މަތީ ތައުލީމުގެ ދާއިރާ އިތުރަށް ހަރުދަނާ ކުރަން ކިޔަވައިދިނުމުގެ ފެންވަރު ރަނގަޅުކޮށް މަސައްކަތުގެ ވެއްޓާ ގުޅޭގޮތަށް ތައުލީމު ހާސިލުކުރުމުގެ ފުރުސަތުތައް ހޯދައިދިނުމަކީ މުހިންމު ކަމެއް ކަމުގައި ނާއިބު ރައީސް ޑރ. މުހައްމަދު ވަހީދު ވިދާޅުވެއްޖެ އެވެ.
ނައިބް ރައީސް ޑރ. ވަހީދު މިހެން ވިދާޅުވީ ރާއްޖޭގެ މަތީ ތައުލީމާބެހޭ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުގެ މެދުގައި ވޯލްޑް ބޭންކުގެ އެހީގައި މިއަދު ބޭއްވެވި މަސައްކަތު ބައްދަލުވުން ނިންމުން ފާހަގަ ކުރުމަށް ވާހަކަފުޅު ދައްކަވަމުން ކަމަށެވެ.
ޑރ، ވަހީދު ވިދާޅުވީ ރާއްޖޭގެ މަތީ ތައުލީމުގެ ދާއިރާ ހަރުދަނާ ކުރުމަށް، ޕަބްލިކް އިންސްޓިޓިއުޝަންތަކާއި އަމިއްލަ ފަރާތްތަކުގެ އެއްބާރުލުން ވަރަށް ބޮޑަށް ބޭނުންވާ ކަމަށެވެ. އަދި ރާއްޖޭގެ މަތީ ތައުލީމުގެ ދާއިރާ ހަރުދަނާ ކުރުމަށް ދިވެހި ސަރުކާރުން ކުރާ މަސައްކަތްތަކުގެ މައްޗަށްވެސް ބައްލަވާލެއްވި އެވެ.
ރާއްޖޭގައި މަތީ ތައުލީމުގެ ފުރުސަތުތައް އިތުރުކުރެވިދާނެ ދާއިރާތަކާއި ރާއްޖެއާ ބޮޑަށް ގުޅުންހުރި ގައުމުތަކުގެ ތައުލީމީ ނިޒާމަށް ބައްލަވާލައްވައި، އެ ގައުމުތަކުން ރާއްޖެ ތަޖުރިބާ ހާސިލު ކުރުމުގެ މުހިންމުކަން ނައިބު ރައީސް ފާހަގަކުރެއްވި އެވެ.