"ކުށުން ދުރުހެލިވެގެން، މުޖުތަމަޢަށް އަނބުރާ އައުމަށް، ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ ފުރުޞަތުގެ ގަވާއިދު" ގެޒެޓްކޮށް އެ ގަވާއިދަށް އަމަލުކުރަން ފަށައިފި އެވެ.

އެ ގަވާއިދަކީ، ޖިނާއީ ކުށުގެ ހުކުމް ތަންފީޒުކުރަމުންދާ މީހުންގެ ތެރެއިން، އެ މީހުންގެ އުޅުމަށާއި އަހުލާގަށް ބެލުމަށްފަހު، އަދި މުޖުތަމައަށް އެނބުރި އައިސް، މުޖުތަމައަށް ފައިދާހުރި، ދިރިއުޅުމުގެ ފުރުސަތެއް އޮތް މީހުންނަށް، އެފަދަ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން، އެ މީހަކު ކޮށްފައިވާ ކުށަށް މައާފުދިނުމާބެހޭ އުސޫލުތައް ބަޔާންކުރާ ގަވާއިދެވެ.

އެ ގަވާއިދުގެ ދަށުން މައާފު ލިބުމުގެ ފުރުސަތު ލިބިދީފައިވާ މީހަކު، އެ މީހަކަށް ކަނޑައަޅާފައިވާ ޕްރޮގްރާމް ކާމިޔާބުކަމާއެކު ފުރިހަމަ ކޮށްފިނަމަ، އެ މީހެއްގެ ކުށަށް "މަޢާފުދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ޤާނޫނު" ގެ 29 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާ މައާފު ދޭނެއެވެ.

ގެޒެޓްގައި އިއްޔެ ޝާއިއުކޮށް އަމަލުކުރަން ފަށާފައިވާ ގަވާއިދުގައި ބުނެފައި ވަނީ، އެ ގަވާއިދުގެ ދަށުން، ޖިނާއީ ކުށުގެ ހުކުމް ތަންފީޒު ކުރަމުންދާ މީހުންގެ ތެރެއިން، އެ ގަވާއިދުގައި ބަޔާންކޮށްފައިވާ ބޮޑެތި ކުށްތައް ކޮށްފައިވާ މީހުން އިސްތިސްނާ ކުރެވޭނެ ކަމަށެވެ.

އެގޮތުން ބޮޑެތި ކުއްތައް ކޮށްފައިވާ މީހުންގެ ގޮތުގައި އެ ގަވާއިދުގައި ބަޔާންކޮށްފައި ވަނީ، ގަސްތުގައި މީހަކު މެރުމުގެ ކުށެއް ސާބިތުވެފައިވާ މީހަކުކަމުގައި ނުވުމާއި، ޓެރަރިޒަމްގެ ކުށެއް ސާބިތުވެފައިވާ މީހެއްކަމުގައި ނުވުމާއި، ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ ކުށެއް ސާބިތުވެފައިވާ މީހަކުކަމުގައި ނުވުމާއި، މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ކުށެއް ސާބިތުވެފައިވާ މީހަކުކަމުގައި ނުވުމާއި، ގަދަކަމުން ޖިންސީގުޅުން ހިންގުމުގެ ކުށެއް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުމެވެ.

އެ ގަވާއިދުގެ ދަށުން މައާފު ލިބެނީ އެ މީހެއްގެ މައްޗަށް އެންމެ ހުކުމެއް ކޮށްފައިވާނަމަ، އެ ހުކުމުގެ ހަތަރުބައިކުޅަ އެއްބައި ތަންފީޒުކޮށްފައިވާނަމަ އެވެ. އަދި ވަކި ޝަރުތުތަކެއްގެ ދަށުން ކުއްވެރިޔާ މިނިވަންކުރާ އިރު، މި ގަވާއިދުގެ ދަށުން އެ މީހަކަށް ދީފައިވާ ފުރުޞަތު ބާޠިލުކޮށްފިނަމަ، އެ މީހަކަށް ފުރުޞަތު ލިބިދިނުމުގެ ކުރިން، އެ މީހަކު ހުރި ހާލަތަށް އެ މީހަކު ރުޖޫޢަވެގެންދާނެ ކަމަށް ގަވާއިދުގައި ބުންޏެވެ.

އެގޮތުން އޭނާއަށް މައާފުދިނުމަށް ފުރުސަތުދިންއިރު، އޭނާ ތަންފީޒުކުރަމުންދިޔަ ހުކުމުގެ ނުނިމި އޮތް މިންވަރު އޭނާގެ މައްޗަށް ތަންފީޒުކުރަން ފަށާނެ ކަމަށް ވެސް ގަވާއިދުގައި ބުންޏެވެ.

އެ ގަވާއިދުގެ ދަށުން މައާފު ލިބޭ މީހުން ކަނޑައެޅުމަށް ރައީސުލްޖުމްހޫރިއްޔާގެ އެއްގެވުމުގެ ދަށުން ހޯމް މިނިސްޓަރު ހާއްސަ ކޮމިޓީއެއް އެކުލަވާލައްވާނެ އެވެ. އަދި މައާފުދިނުމަށް ފުރުސަތުދޭން ކޮމިޓީއަށް ފެންނަ މީހުންނާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ވަކި ގޮތެއް ނިންމަވައި، މިނިސްޓަރ އޮފް ހޯމް އެފެއާޒަށް އެންގެވުމުން، އެ ނިންމެވުން މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ތަންފީޒު ކުރާނެ އެވެ.

އެ ގަވާއިދުގައި ބުނެފައި ވަނީ މައާފު ލިބުމުގެ ފުރުސަތު ދީފައިވަނީ ކޮން ޝަރުތުތަކެއްގެ މަތިންކަމާއި، އޭނާ ފުރިހަމަކުރަންޖެހޭ ރީހެބިލިޓޭޝަން ޕްރޮގްރާމުގެ މަގުސަދާއި ތަފުސީލާއި، ރީހެބިލިޓޭޝަން ޕްރޮގްރާމާ ހިލާފުވެއްޖެނަމަ އެ މީހަކާމެދު އަމަލުކުރެވޭނެ ގޮތް އެ މީހަކަށް ރަނގަޅަށް ދޭހަވާނެ ބަހަކުން، ލިޔުމުންނާއި އަނގަބަހުން އެ މީހަކަށް އަންގާނެ ކަމަށެވެ.

އެ ގަވާއިދުގެ ދަށުން ފުރުސަތު ދީފައިވާ މީހަކު، ކާމިޔާބުކަމާއެކު، އެ ޕްރޮގްރާމްވެސް ފުރިހަމަކޮށްފިނަމަ، އެ މީހެއްގެ ހުރިހާ ކުށަކަށް ރައީސުލްޖުމްހޫރިއްޔާ މައާފު ދެއްވާނެކަމަށް ގަވާއިދުގައި ބުނެފައިވެ އެވެ.