30 Dec 2016, 16:17
ދުނިޔޭގެ އެންމެ ދުވަސްވީ ފިރިހެން ޕެންޑާ، "ޕޭން ޕޭން" އުމުރުން 31 އަހަރުގައި މަރުވެއްޖެއެވެ. ޕޭން ޕޭން މަރުވެފައިވަނީ ކެންސަރަށް ޑައިގްނޯސްވިތާ ހަ މަސް ފަހުންނެވެ.
ޗައިނާގެ ސިޗުއާންގެ ޖަންގަލި ތެރެއަށް އުފަންވި ޕޭން ޕޭން، ހައްޔަރުކޮށް އިންސާނުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ އުފަންވިތާ މަދު މަސްތަކެއްގެ ތެރޭގައެވެ.
އޭގެ ފަހުން އެ ޕެންޑާ އުޅެމުންދިޔައީ ޕެންޑާ އާލާކުރާ، ސިޗުއާން ގައި ހުންނަ ޗައިނާ ކޮންސަވޭޝަން އެންޑް ރިސާޗް ސެންޓަރު ފޯ ޖަޔަންޓް ޕެންޑާގައެވެ.
އެ ސެންޓަރުން ބުނީ، ޕޭން ޕޭން މަރުވެފައިވަނީ މިދިޔަ ބުދަ ދުވަހުގެ ހެނދުނު ކަމަށެވެ. މަރުވުމުގެ ތިން ދުވަސް ކުރިން ޕޭން ޕޭންގެ ސިއްހަތު ވަރަށް ބޮޑަށް ގޯސްވެ، ހަރަކާތްތެރިވެ އުޅުމާއި ކެއުން ހުއްޓާލައި ހޭނެތުނު ކަމަށެވެ.
ދުނިޔެގައި މިހާރު ދިރިހުރި އެންމެ އުމުރުން ދުވަސްވީ އަންހެން ޕެންޑާ، "ބާސީ"ގެ އުމުރަކީ 36 އަހަރެވެ.
ބާސީ އުޅެމުންދަނީ ޗައިނާގައެވެ. ބަސީގެ ކުރިން އެ މަގާމް އޮތީ މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައި މަރުވި، ހޮންގް ކޮންގް ގައި އުޅެމުންދިޔަ "ޖިއާ ޖިއާ"ގެ އަތުގައެވެ. ޖިއާ ޖިއާ މަރުވި އިރު އުމުރަކީ 38 އަހަރެވެ.
ވައިލް ޕެންޑާ އާއްމުކޮށް ދުނިޔޭގައި ހުންނަނީ އުމުރުން 20 އަހަރު ވަންދެންނެވެ.