30 Dec 2016, 14:47
މޮސްކޯ (ޑިސެމްބަރު 30) : އެމެރިކާ އިން ރަޝިޔާގެ އެތައް ޑިޕްލޮމޭޓުން ބޭރުކޮށްލައި ޑިޕްލޮމެޓިކް ގޮތުން ރަޝިޔާ ދެކޮޅަށްއެޅި ހަރުކަށި ފިޔަވަޅުތަކަށް އެއާއެކަށޭނަ ރައްދެއް ދޭނެކަމުގެ އިންޒާރު ރަޝިޔާއިން ދީފި އެވެ.
ރަޝިޔާގެ ރިޔާސީ ތަރްޖަމާން ޑިމިޓްރީ ބިސްކޯވް ވިދާޅުވީ އެމެރިކާއަށް ރައްދު ދިނުމަށް ރަޝިޔާ އަވަސްވެ ނުގަންނާނެ ކަމަށާ ނަމަވެސް ރަޝިޔާގައިވާ އެމެރިކާގެ އެންބަސީތަކާއި ކޮންސިއުލޭޓްތައް "ސާފުކޮށްލެވޭ ފަދަ ވަރުގަދަ ރައްދެއް" ރަޝިޔާ އިން އެމެރިކާއަށް ދޭނެ ކަމުގަ އެވެ.
އެމެރިކާގެ ރައީސް ބަރަކް އޮބާމާގެ ސަރުކާރުން އިއްޔެވަނީ އެގައުމުގައިވާ ރަޝިޔާގެ އެންބަސީތަކާއި ކޮންސިއުލޭޓްތަކުގެ ޑިޕްލޮމޭޓުންގެ ތެރެއިން 35 މީހުން އެމެރިކާ އިން ބޭރުކޮށްލުމަށް ނިންމައި އެކަން އިޢްލާންކޮށްފަ އެވެ. ބޭރުކޮށްލުމަށް ނިންމި 35 މީހުންނަކީ ޑިޕްލޮމޭޓުންގެ ގޮތުގައި ހަރަކާތްތެރިވާ ރަޝިޔާގެ ޖާސޫސުން ކަމަށް އެމެރިކާގެ ޚާރިޖީ ވުޒާރާ އިން ތުހުމަތުކޮށްފައިވެ އެވެ.
ރަޝިޔާއާދެކޮޅަށް މިފިޔަވަޅު އެމެރިކާ އިން އެޅީ އެންމެފަހުން ބޭއްވި އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ކަންތައްތަކުގެ ތެރެއަށް ރަޝިޔާވަދެ އިންތިޚާބުގެ ނަތީޖާއަށް ނުފޫޒުފޯރުވާވަރުގެ ވަރުގަދަ ސައިބަރ އޮޕަރޭޝަންތަކެއް ރަޝިޔާއިން ހިންގިކަން ސާބިތުވާތީ ކަމަށް އެމެރިކާ ބުނެފައިވެ އެވެ.
އެމެރިކާގެ އިންތިޚާބުގެ ދުވަސްވަރު ހިލަރީ ކްލިންޓަންގެ އީމެއިލްތަކުގައިވާ ހައްސާސް އެތައް މައުލޫމާތުތަކެއް ވިކިލީކްސްއިން ބޭޒާރުކޮށްލި ކޮށްލުމުގެ ފަހަތުގައި ވަނީ ރަޝިޔާގެ ސައިބަރ ލަޝްކަރުތައް ކަމަށް އެމެރިކާ ތުހުމަތުކުރެއެވެ. ވިކިލީކްސް އިން ބޭޒާރުކޮށްލި ސިއްރު މައުލޫމާތުތަކުގެ ތެރޭގައި އެމެރިކާ އިން އައިއެސް ޖަމާއަތަށް އެހީވުމާބެހޭ ގޮތުން އެމެރިކާގެ އިސް މަސްއޫލުވެރިންގެ މެދުގައި ހިނގާފައިވާ މުއާމަލާތްތަކާއި އެމެރިކާގެ ގާނޫނާ ޚިލާފު އެތައް ކަމެއް ހިލަރީ ޚާރިޖީ ވަޒީރަކަށް ހުންނެވި ދުވަސްވަރު އޭނާ ކުރެއްވިކަމުގެ ސާބިތު ހެކިތައް ހިމެނެ އެވެ.
ރިޔާސީ އިންތިޚާބުގައި ހިލަރީގެ ވާދަވެރިޔާ، ޑޮނަލްޑް ޓްރަމްޕްގެ ކުރިމަތީގައި ހިލަރީ ބަލިވުމުގެ މައިގަނޑު ސަބަބެއް ކަމުގައި ވިކިލީކްސް އިން ބޭޒާރުކޮށްލި މި ފަދަ މައުލޫމާތުތައް ހިމެނޭ ކަމަށް އޮބާމާގެ ސަރުކާރުން ދެކެ އެވެ.
އެމެރިކާގެ ރައީސް ކަމަށް އިންތިޚާބުވެވަޑައިގެންފައިވާ ޑޮނަލްޑް ޓްރަމްޕަކީ ރަޝިޔާއަށް ތާއީދުކުރެއްވުމުގެ އިތުރުން ރަޝިޔާގެ ރައީސް ވްލަޑިމިޔާ ޕޫޓިންއާ ގާތްގުޅުންތަކެއް އޮންނަ ބޭފުޅެއްކަމަށް އޮބާމާގެ ސަރުކާރުން ތުހުމަތު ކުރެ އެވެ. އަދި ރަޝިޔާ އިން އެމެރިކާގެ ވެރިކަމަށް ޓްރަމްޕް ހޮވަން ސިއްރިޔާތުގައި މަސައްކަތްކުރި ކަމަށާ މިއީ އެމެރިކާގެ ދާޚިލީ ކަންތައްތަކުގެ ތެރެއަށް ރަޝިޔާ ވަދެގަތުންކަމަށާ މިއީ ގަބޫލުކުރެވޭނެ ކަމެއްނޫންކަމަށް އެމެރިކާ ބުނެ އެވެ.
ރަޝިޔާގެ ނުފޫޒު އެމެރިކާގެ އިންތިޚާބުގެ ތެރެއަށް ވަދެގެންދިޔުމަކީ ދުނިޔޭގެ ކުރިމަތީގައި އެމެރިކާގެ ބަލިކަށިކަން ހާމަވެގެން ދިޔަ ކަމެއްކަމަށާއި މިކަމުގެ ސަބަބުން އެމެރިކާ ވަރަށްބޮޑަށް ލަދުގެންފައިވާ ކަމަށް މުރާސިލުން ބުނެ އެވެ.
އެމެރިކާއަކީ ދުނިޔޭގެ ގައުމުތަކުގެ ދާޚިލީ ކަންކަމުގެ ތެރެއަށް ވަދެ ގައުމުތަކުގެ ސަރުކާރުތައް ބަދަލުކުރުމާއި ވެރިކަމުގެ ނިޒާމު ފޮރޮޅާލުންފަދަ ކަންކަން ހިންގާކަމަށް މަޝްހޫރުވެފައިވާ ގައުމެކެވެ. ނަމަވެސް މިއަދު މިވަނީ ރަޝިޔާގެ ފަރާތުން މިކަން އެމެރިކާއަށް ކުރިމަތިވެފައި ކަމުގެ އިޙްސާސް އެމެރިކާ ކުރަމުންގެންދާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. (ނޫސްއެޖެންސީތައް)