30 Dec 2016, 14:09
ގައުމުގެ ތަރައްގީއަށްޓަކައި މަސައްކަތް ކުރަމުން އަންނަ އިރު މި ގައުމުގައި ދިރިއުޅޭ އެންމެން އެކަތިގަނޑަކަށްވެ އެއްބައިވާން ޖެހިފައިވާ ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފި އެވެ.
މިއަދު ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް އިއްވި ހުކުރު ޚުތުބާގައި އަލިއަޅުވާލާފައި ވަނީ އިސްލާމް ދީން ހިމާޔަތް ކުރުމަށެވެ.
އެގޮތުން މިއަދުގެ ޚުތުބާގައި ބުނީ، ރާއްޖޭގައި މިއޮތް އިސްލާމް ދީން މިގޮތުގައި ބާއްވާން ބޭނުންނަމަ އެންމެން އެކަތިގަނޑަކަށްވެ، ތިމާމީހާގެ އަމިއްލަ މަސްލަހަތައްވުރެ ގައުމުގެ މަސްލަހަތު ވެސް މިއަދު އިސްކުރަން ޖެހިފައިވާ ކަމަށެވެ. އަދި ބޭރު ދުނިޔެއަށް ރާއްޖެ ނުކުމެފައިވާ ވަގުތެއްގައި ކޮންމެ މީހަކުވެސް ގައުމަށް ބޭނުންވާ ހަކަތަ އުފައްދައިދޭ "މެޝިނަކަށް" ވާންޖެހިފައިވާ ކަމަށް މިއަދުގެ ޚުތުބާގައި ބުންޏެވެ.
"ގައުމުގެ ދަރިން ހަލާކުކުރަނިވި އާލާތަކަށް ނުވެ ބިނާކުރަނިވި އާލާތަކަށް ވަނީ ވާންޖެހިފައި. މި ލޮބުވެތި ވަތަނުގައި އޮތް މާތް އިސްލާމްދީން މި ފަސްގަނޑުގައި ގާއިމްކޮށްފައި ބޭއްވޭނީ އޭރުން،" މިއަދުގެ ޚުތުބާގައި ބުންޏެވެ.
މިއަދުގެ ޚުތުބާގައި ބުނީ ދީނަކީ އިންސާނާއަށް ބަލާ އިރު ފެނަށް ބޭނުންވާ ގަހެއްފަދަ އެއްޗެއް ކަމަށެވެ. އަދި ބިމުގެ ހަޔާތުގެ މާއްދާއަކީ ފެންކަމުގައި ވާނަމަ ދީނަކީ އިންސާނާގެ މުޅި ހަޔާތްކަމަށް މިއަދުގެ ޚުތުބާގައި ވަނީ ސިފަކޮށްދީފަ އެވެ. ޚުތުބާގައި ބުނީ ދުނިޔެމަތީގައި އަދި އާޚިރުގައި ވެސް ކާމިޔާބު ބަޔަކަށް ވާން ބޭނުންނަމަ އިސްލާމް ދީނަށް ތަބާވެ އެ ދީނުގެ ހިމާޔަތުގައި މަސައްކަތްކުރަން ޖެހޭ ކަމަށެވެ.
ދުނިޔޭގެ ތާރީޚުން އެނގޭގޮތުގައި އެބައެއްގެ ތެރެއިން ދީން ނެތިވެ ހިނގައްޖެނަމަ އެބަޔަކުވެސް ވީރާނާވެގެން ހިނގައިދާނެކަމަށް ޚުތުބާގައި ބުންޏެވެ. އަދި ގައުމެއްގެ ބަޔަކު އެބައެއްގެ ދީނާ ދުރަށްދިޔަ ވަރަކަށް އެބަޔަކު ވެއްޓި ވެއްޔާ މޮޑެވިގެންދާނެ ކަމަށާއި މީސްތަކުން ދީނާ ދުރުހެލިވަމުން ދިޔަ ވަރަކަށް އެމީހުންގެ ސުލޫކާއި އުޅުންތައް ނުބައިވެ ވަލުޖަނަވާރުގެ ފެންވަރަށް އެބަޔަކު ވެއްޓިގެން ހިނގައިދާނެކަމަށް ޚުތުބާގައި ބުންޏެވެ.
ޚުތުބާގައި އިތުރަށް ބުނީ އަޅުގަނޑުމެންގެ ސިޔާސީ، އިޖްތިމާއީ އަދި އިގްތިސާދީ ކުރިއެރުމުގެ ލަގަން އޮތީ އަޅުގަނޑުމެންގެ ދީނުގައި ހިފެހެއްޓި މިންވަރެއްގެ މަތީގައި ކަމަށެވެ. އަދި ތާރީޚު ބުނާގޮތުގައި މުސްލިމުން ކުރިއަރާފައި ވަނީ އިލާހީ ހިޔާވަހިކަމުގައި އެމީހުން އުޅުނު ދުވަސްވަރު ކަމަށް ވެސް ޚުތުބާގައި ބުންޏެވެ.
އެދުވަހު އެމީހުންނަކީ ދުނިޔޭގެ އެންމެ ބާރުގަދަ އުންމަތް ކަމަށާއި އިސްލާމް ދީނާ އެމީހުން ދުރުހެލިވުމުގެ ސަބަބުން އަޅުގަނޑުމެން ނިކަމެތިވެފައިވާ ކަމަށް ޚުތުބާގައި ބުންޏެވެ.
އެހެންކަމުން ބައިބައި ނުވުމަށާއި އެކަތިގަނޑެއްގެ ގޮތުގައި ތިބުމަށް މިއަދުގެ ޚުތުބާގައި ވަނީ ގޮވާލާފަ އެވެ.