ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފް ގާނޫނާ ޚިލާފަށް ހައްޔަރުކުރި ކަމަށް ބުނެ ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލައެއް އެ ކޮމިޝަނުން ތަހުގީގު ކުރަން ފަށައިފިއެވެ.

ސަން އަށް އެނގިފައިވާގޮތުގައި އިންޓެގްރިޓީ ކޮމިޝަނުން ތަހުގީގު ކުރަމުން ދަނީ މިދިޔަ ޖުލައި މަހުގެ 16 ވަނަ ދުވަހުގެ ހަވީރު އެއްވުމެއްގެ ތެރެއިން ގާނޫނާ ޚިލާފަށް މަހުލޫފް ހައްޔަރުކުރި ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައެކެވެ.

އެ މައްސަލަ ހުށަހެޅި ފަރާތް އިންޓެގްރިޓީ ކޮމިޝަނަށް އިއްޔެ މެންދުރު ހާޒިރުކޮށް ވަނީ މައުލޫމާތު ސާފުކޮށްފައެވެ.

އިންޓެގްރިޓީ ކޮމިޝަނަށް ހުށަހެޅި މައްސަލާގައި ވަނީ އެދުވަހުގެ ހަވީރު 4:30 ހާއިރު ލޯކަލް މާރުކޭޓް ކުރިމަތީގައި މަހުލޫފް ގާނޫނުގެ ހުދޫދުގެ ތެރެއިން ޚިޔާލުފާޅުކުރަމުން ދަނިކޮށް ފުލުހަކު ގޮސް ގާނޫނާ ޚިލާފަށް އޭނާ ހައްޔަރުކޮށްފައިވާ ކަމަށެވެ.

މަހުލޫފް ހައްޔަރުކުރި އިރު އޭނާ އަކީ އެ އެއްވުމުގައި ޖިނާއީ އެއްވެސް ކުށެއް ކޮށްފައިވާ މީހެއް ނޫން ކަމަށް ވެސް ހުށަހެޅި މައްސަލާގައި ބުނެފައި ވެއެވެ.

ފުލުހުންގެ ދައުރު އަދާކުރުމަށް ދަތިކުރުމުގެ ދެ މައްސަލައެއް ސާބިތުވެ މަހުލޫފް މިހާރު ގެންދަވަނީ ޖަލު ހުކުމް ތަންފީޒު ކުރަމުންނެވެ. މަހުލޫފަށް ފުރަތަމަ އިއްވި ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމް ތަންފީޒުކޮށް ނިމި މިހާރު ވަނީ ބާކީ އޮތް ހަމަސް ދުވަހުގެ ޖަލު ހުކުމް ތަންފީޒު ކުރަން ފަށައިފައެވެ.