އިމިގްރޭޝަނުން ބަލައިގަންނަމުންދިޔަ ބިދޭސީންގެ ޑިޕޮސިޓާއި ވިސާ ފީ މިދިއަ އާދީއްތަ ދުވަހުން ފެށިގެން ހިއުމަން ރިސޯސް އިން ބަލައިގަންނަ ގޮތަށް ހަމަޖެއްސުމުން އެ ދެ އިދާރާގެ މެދުގައި އުފެދުނު ހިޔާލު ތަފާތުވުންތައް ބޮޑުވެ، ހިދުމަތް ހޯދާ ފަރާތްތަކަށް އުނދަގޫވެފައިވަނިކޮށް އެންމެފަހުން އެ ފައިސާ މާދަމާއިން ފެށިގެން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ )މީރާ( އަށް ދައްކަން ޖެހޭ ގޮތަށް ފިނޭންސް މިނިސްޓްރީން ހަމަޖައްސައިފި އެވެ.

ފިނޭންސް މިނިސްޓަރުގެ ނައިބު ފާތުމަތު ނުޒުހާ ވިދާޅުވީ، އެގޮތަށް ނިންމާފައިވަނީ އިމިގްރޭޝަނާއި ހިއުމަން ރިސޯސް އަދި މީރާއާއެކު މަޝްވަރާކުރުމަށްފަހު ކަމަށެވެ. އަދި ދެ ތަނަކަށް ޑިޕޮސިޓާއި ވިސާ ފީ، މިހާރު ދައްކަން ޖެހޭ ގޮތަށް އޮތުމުން އާއްމުންނަށް އޮޅުން އަރަމުންދާ ކަމަށާއި މީރާއަށް ފައިސާ ދައްކަން ޖެހޭ ގޮތަށް ނިންމީ އެތަނަކީ ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބޭ ހުރިހާ ފައިސާއެއް ބަލައިގަންނަން ޖެހޭ މުއައްސަސާ ކަމަށްވާތީ ކަމަށް ވެސް ނައިބު ވިދާޅުވި އެވެ.

"މިހާރު ދެކޮޅަށް ފައިސާ ދައްކަން ޖެހޭ ގޮތަށް އޮތުމުން ފައިސާ ދައްކަން ޖެހޭ ތަނެއް ނޭގި އާއްމުންނަށް އޮޅުންއަރާތީއާ ސަރުކާރަށް އާމްދަނީގެ ގޮތުގެ ލިބޭ ހުރިހާ ފައިސާ ދައްކަން ޖެހެނީ މިރާއަށް ކަމުގައިވާތީ އެ ސިޔާސަތުގެ ދަށުން އަޅުގަނޑުމެން އެގޮތަށް ހަމަޖެއްސީ،" ނުޒުހާ ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ، މުއައްސަސާތަކުގެ މެދުގައި ރަނގަޅަށް މައުލޫމާތު ބަދަލުކުރެވޭ ކަމަށްވާނަމަ އިތުރު މައްސަލައެއް ނުޖެހި ބިދޭސީންނާ ގުޅޭ ހިދުމަތްތައް ފޯރުކޮށްދެވެމުންދާނެ ކަމަށެވެ.

މީރާއިން ޑިޕޮސިޓާއި ވޯކް ވިސާ ފީ ބަލައިގަންނާނީ އެ އޮތޯރިޓީން މިހާރުވެސް ފައިސާ ބަލައިގަންނަމުންދާ ރަސްމީ ގަޑިތަކުގަ އެވެ.

އިމިގްރޭޝަން ކޮންޓްރޯލާ އަބްދުﷲ ޝާހިދު މިއަދު ވިދާޅުވީ، ފިނޭންސްގެ އެ ނިންމުމަށް ތާއީދުކުރާ ކަމަށާއި މީރާއަށް އެކަމުގައި އެހީތެރިވުމަށް އިމިގްރޭޝަނުން ފަންނީ އެހީތެރިކަން ދޭނެ ކަމަށެވެ.

"އަޅުގަނޑުމެން އެކަމަށް މަރުހަބާ ކިޔަން. އިމިގްރޭޝަންގެ ޓެކްނިކަލް ޓީމުން މީރާގެ ބޭފުޅުންނަށް އެކަމުގައި އެހީވާނެ،" ކޮންޓްރޯލާ ވިދާޅުވި އެވެ.

މީރާގެ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން ޔަޒީދު މުހައްމަދު ވިދާޅުވީ، ޑިޕޮސިޓާއި ވޯކް ވިސާ ފީ އެތަނުން ބަލައިގަންނަން ފަށާ ގޮތަށް ހަމަޖެހިފައި އޮތީ އިމިގްރޭޝަނުން ގެންގުޅޭ އައިޓީ ސިސްޓަމްގެ މައްސަލަތައް ރަނގަޅުކޮށް، އިތުރަށް ފުރިހަމަ ސިސްޓަމެއް ގާއިމްކުރުމަށް ފަހު ކަމަށެވެ. ނަމަވެސް، މާދަމާއިން ފެށިގެން މީރާ އިން އެ މަސައްކަތާ ހަވާލުވާން ނިންމީ އިމިގްރޭޝަނާ ހިއުމަން ރިސޯސްއާ ދެމެދު އުފެދިފައިވާ މައްސަލަ ސަބަބުން އާއްމުންނަށް އުނދަގޫވެ، ދައުލަތަށް ލިބެންޖެހޭ އާމްދަނީ ނުލިބި ދާތީ ކަމަށް ވެސް ޔަޒީދު ވިދާޅުވި އެވެ.

"އެހެންވީމަ މާދަމާއިން ފެށިގެން ވަގުތީ ގޮތުން މަސައްކަތް ޓޭކްއޯވަ މިކުރީ. މިރެއިން މިރެއަށް ވަރަށް ސިމްޕަލް ސިސްޓަމެއް ތައްޔާރުކޮށްފައި، ޓެސްޓްކޮށްފައި މާދަމާ ބަލައިގަންނަން ފަށާނަން. އެގޮތުން ދައުލަތަށް ރެވެނިއު ގޮތުގައި ލިބޭ އެއްޗެއް ގޮތުގައި ވިސާ ފީ ބަލައިގެންފައި އެހެން އާމްދަނީ ޖަމާކުރާހެން ޕަބްލިކް އެކައުންޓަށް، ސިސްޓަމް ތެރެއަށް ވަދެގެންދާނީ. ދެން ޑިޕޮސިޓް ގޮތުގައި ދައްކައި ފައިސާ އެއީ ދައުލަތުގެ އާމްދަނީއަކަށްނުވާތީ އެ އަޅުގަނޑުމެން ފިނޭންސް މިނިސްޓްރީގެ އިންސްޓްރަކްޝަނާވެސް އެކީގައި ބޭންކް އޮފް މޯލްޑިވްސްގެ އެކައުންޓަކަށް ޖަމާކުރަމުންދާނީ،" ޔަޒީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އެ އެކައުންޓުތަކަށް ޖަމާވާ ފައިސާގެ ބަޔާން ކޮންމެ ދުވަހަކު އިމިގްރޭޝަނާ ހިއުމަން ރިސޯސްއާ ހިއްސާކުރަމުން ވެސް ގެންދާނެ ކަމަށެވެ. އަދި ތިން މުއައްސަސާގެ މެދުގައި ރިއަލް ޓައިމްކޮށް ހުރިހާ މައުލޫމާތެއް ޗެކުކުރެވޭނެ ނިޒާމެއް ގާއިމްކުރަމުންދާ ކަމަށް ވެސް ވިދާޅުވި އެވެ.

ޑިޕޮސިޓާއި ވިސާފީ މީރާ އަށް ދައްކަން ޖެހޭ ގޮތަށް ފިނޭންސުން މި ހަމަޖެއްސީ ހިއުމަން ރިސޯސް މިނިސްޓްރީއާއި އިމިގްރޭޝަނާ ދެމެދު އުފެދިފައިވާ ދެބަސްވުންތަކާއި އަދި ދެ މުއައްސާއިން ތައްޔާރުކޮށް އަމަލުކުރަމުންދާ ބިދޭސީންނާ ބެހޭ ގަވައިދުގައި ހުރި ފުށުއެރުންތައް ހައްލުކުރުމަށް މާދަމާ ކެބިނެޓުގައި މަޝްވަރާކުރަން ހަމަޖެހިފައިވަނިކޮށެވެ.

ފިނޭންސުން ބުނީ، ގަވައިދުގައި ހުރި ފުށުއެރުންތަކަކީ އިދާރީ މައްސަލައެއް ކަމަށާއި އެކަން ކަމާބެހޭ ފަރާތްތަކުން ރަގަޅުކުރާނެ ކަމަށެވެ.