މިހާރު މުޅި ރައްޖެއަށް ކުރަމުން އަންނަ ވިއްސާރައަކީ އިރުވައި މޫސުމާ ގުޅިގެން ކުރަމުން އަންނަ ވިއްސާރަކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ބުނެފި އެވެ.

މެޓް އޮފީހުގެ އޮފިޝަލަކު "ސަން" އަށް ވިދާޅުވީ، އިރުވައި މޫސުމުގެ ވިއްސާރަ މުޅި ރާއްޖެއަށް ކުރަމުން އަންނަ ކަމަށެވެ. އޮފިޝަލް ވިދާޅުވީ އިރުވައި މޫސުން ފެށޭ ދުވަސްވަރު ކޮންމެ އަހަރަކު ވެސް ރާއްޖެއަށް ބޯކޮށް ވާރޭ ވެހޭ ކަމަށެވެ.

އެގޮތުން މިއަހަރުގެ އިރުވައި މޫސުމުގެ ވިއްސާރައާ ގުޅިގެން ވެސް ކުރިއަށް އޮތް 24 ގަޑިއިރު މުޅި ރާއްޖެއަށް ވިއްސާރަ ކުރާނެކަމަށް އޮފިޝަލް ވިދާޅުވި އެވެ.

އިރުވައި މޫސުމާ ގުޅިގެން ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް ގަދަޔަށް ވައިޖެހި ކަނޑުތައް ގަދަވާނެ ކަމަށް މެޓް އޮފީހުގެ އޮފިޝަލް ވިދާޅުވިއެވެ.

އެހެންކަމުން ދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ބަލައިގެން ދަތުރު ކުރުމަށާއި، ކަނޑުމަތީގެ ސަލާމަތީ ފިޔަވަޅުތައް ފުރިހަމައަށް އަޅައިގެން ދަތުރު ކުރުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.

އޭގެ އިތުރުން ބައެއް ރަށްރަށަކީ ވާރޭ ވެހުމުގެ ސަބަބުން ބޯކޮށް ފެންބޮޑުވާ ރަށްތަކަށް ވާއިރު، ވިއްސާރައިގެ ސަބަބުން ލިބިދާނެ ގެއްލުމަކަށް ކުރީބައިގައި ފިޔަވަޅު އަޅައިގެން ތިބުމަށް ވެސް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.