ކުރީގެ އާޖެންޓީނާ ފޯވާޑް ކާލޯސް ޓެވޭޒް ބޮޑު މުސާރައަކަށް ޗައިނާގެ ޝަންހައި ޝެންހުއާއަށް ސޮއިކޮށްފިއެވެ.

ކޮންޓްރެކްޓުގެ ތަފްސީލު އެ ކަލަބުން ރަސްމީކޮށް ހާމަނުކުރި ނަމަވެސް އެ ކްލަބްގެ ކޯޗު ގުސް ޕޮއިޓްއާ ހަވާލާދީ ބީބީސީން ބުނީ ޓެވޭޒް ގެނައުމަށް އެނާ މިހާރު ކުޅެމުންދާ ބޮކަ ޖޫނިއާސްއަށް 40 މިލިއަން ޕައުންޑްގެ ފީއެއް ދިން ކަމަށާއި މުސާރައިގެ ގޮތުގައި ހަފްތާއަކު ތިން ލައްކަ ދިހަ ހާސް ޕައުންޑް ދޭނެ ކަމަށެވެ.

ބޮކަ ޖުނިއާސްއިން ވަނީ ޓެވޭޒް އެ ކަލަބް ދޫކޮށްްލިކަން ހާމަކޮށް އޭނާއަށް ކާމިޔާބީއަށް އެދިފައެވެ. އަދި ކްލަބާއި ސަޕޯޓަރިންގެ ހިތްތަކުން އޭނާގެ ހަދާންތަށް ފިލައިގެން ނުދާނެ ކަމަށް ވެސް ބުނެފައިވެއެވެ.

ކުރީގެ އާޖެންޓީނާ ފޯވާޓް އުމުރުން 32 އަހަރުގެ ޓެވޭޒް ވަނީ ޕްރިމިއާ ލީގްގައިި ހަތް އަހަރު ހޭދަކޮށް މެންޗެސްޓާގެ ދެ ކްލަބްކަމަށްވާ ސިޓީއާއި ޔުނައިޓެޑްގައި ވެސް ލީގް އުފުލާލައިފައެވެ.

ޓެވޭޒް ވަނީ 2013 ވަނަ އަހަރު ޔުއެންޓަސް އަށް ބަދަލުވެ އެޓީމާ އެކު ދެ ފަހަރު އިޓާލިއަން ޗެމްޕިއަންޝިޕް ކާމިޔާބްކޮށްފައެވެ. އަދި އޭގެ ކުރިން 2008 ވަނަ އަހަރު ޔުނައިޓެޑާއި އެކު ޗެމްޕިއަންސް ލީގް ވެސް ކާމިޔާބުކޮށްފައެވެ.

މިހާތަނަށް ޗައިނާ ލީގަށް އެންމެ އަގުބޮޑުކޮށް ގެންދިޔަ ދެވަނަ ކުޅުންތެރިޔާގެ ގޮތުގައި ޓެވޭޒް ލިސްޓް ކުރެވިފައިވާއިރު އެއްވަނާގައި ހިމެނެނީ ދާދި ފަހުން ޗެލްސީން ޝަންހައި އެސްއައިޕީޖީއަށް ބަދަލުވި ބްރެޒިލްގެ މިޑްފީލްޑަރު އޮސްކާއެވެ. އޭނާގެ ޓްރާންސްފާއަށް ވަނީ 60 މިލިއަން ޕައުންޑް ހޭދަކޮށްފައެވެ.