29 Dec 2016, 23:53
ސްރީ ލަންކާގެ ބަންޑާރަނައިކަ އިންޓަނޭޝަނަލް އެއާޕޯޓުން ރާއްޖެ އަންނަން އޮތް މެގަ މޯލްޑިވްސްގެ ފްލައިޓެއް ކެންސަލްވެ، 290 ޕަސިންޖަރުން ލަންކާގައި ތާށިވެއްޖެ އެވެ.
"ސަން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޑިލޭ ވެފައި ވަނީ މެގަ މޯލްޑިވްސްގެ އެލްވީ 335 ނަމްބަރު ފްލައިޓެވެ. އެ ފްލައިޓް ފުރަތަމަ ފުރަން އޮތީ މިއަދު މެންދުރު 13:10ގައި އެވެ.
އެ ފްލައިޓުން ރާއްޖެ އަންނަން އުޅުނު ޕަސިންޖަރަކު "ސަން" އަށް ކިޔައިދިން ގޮތުގައި އެ ފްލައިޓު ފުރަތަމަ ޑިލޭވީ މިއަދު ހަވީރު 18:30 އަށެވެ. އެއަށްފަހު 9:30 ގައި އަނެއްކާ ޑިލޭވި ކަމަށް އެނައުންސްކޮށް ޗެކިން ކައުންޓަރަށް ދިއުމަށް އިރުޝާދު ދިން ކަމަށާއި އެކައުންޓަރަށް ދިއުމުން ފްލައިޓުގައި ޓެކްނިކަލް މައްސަލައެއް ދިމާވެގެން ފްލައިޓު ކެންސަލް ވެފައިވާ ކަމުގެ މައުލޫމާތު ދިން ކަމަށެވެ.
"އެ މީހުން އަޅުގަނޑުމެންގެ ޕާސްޕޯޓުތައް ނަގާފަ ކޮންމެވެސް ގަނޑެއްގެ އެއްޗެއްގެ ލިޔެފަ ބޯޑިން ޕާސް ދިނީ. ދެން ބުނީ މާދަމާ އެއާޕޯޓަށް ދިޔައިމަ އިމިގްރޭޝަނުން ޕާސްޕޯޓުތައް ދޭނެ ކަމަށް. ދެން އެ މީހުން އަޅުގަނޑުމެން ގެނައީ ބަހުގަ ހޮޓެލަކަށް،" ސަން އަށް މައުލޫމާތު ދިން މީހާ ބުންޏެވެ.
އެ މީހާ ބުނި ގޮތުގައި ފްލައިޓުން ދަތުރުކުރަން ދިޔަ މީހުން މިހާރު ތިބީ ގޯލް ފޭސްގައި ހުންނަ ގަލްދާރީ ހޮޓަލުގަ އެވެ. އަދި ކެންސަލްވި ފްލައިޓުން ދަތުރުކުރުމަށް ހަމަޖެހިފައި ތިބި ގިނަ އަދަދެއްގެ މީހުން ވެސް އެ ހޮޓަލަށް ގެންގޮސްފައިވާ ކަމަށް އެ މީހާ ބުންޏެވެ.
"މާދަމާ ހެނދުނު އެއާޕޯޓަށް އަންނާށޯ ބުނީ. އެކަމަކު އަދި ކޮންފޯމްއެއް ނުވޭ މާލެ ދެވޭނެ ކަމެއް. އެމީހުން ބުނީ އަންގާނަމޯ،" އެ މީހާ ބުންޏެވެ.
އެކަމާ ގުޅިގެން މެގަ މޯލްޑިވްސްގެ ބަހެއް ލިބޭ ގޮތް ވަނީ ނުވެފަ އެވެ.