30 Dec 2016, 13:43
އެޑިޓަރުގެ ނޯޓް:މިއީ މުޖުތަމައުގައި އެހީއަށް ބޭނުންވާ ފަރާތްތަަކަށް އެހީ ހޯދައި ދިނުމަށް "ސަން ކުލުނު"ގެ ނަމުގައި ސަން މީޑިއާ ގްރޫޕުން ތައާރަފް ކުރި އިޖުތިމާއީ ހިދުމަތުގެ ދަށުން ގެނެސްދޭ ފުރަތަމަ ރިޕޯޓެވެ.
----
އުފަންވިއިރު އައިބުތަކެއް ހުރެއެވެ. އާދައިގެ ކުއްޖަކަށްވުރެ ބޯ ބޮޑެވެ. ނާރުތައް އުފެދިފައި ހުރި ގޮތުން ލޮލުގެ ފެނުން ގެއްލިދާނެ ކަމުގެ ބިރުބޮޑެވެ. އަތްފައިގެ އިނގިލިތައް ހުރީ ގުޅިފައެވެ. ހެދިބޮޑުވުމުގައި ލަސްކަމެއް އުޅެއެވެ. މިއީ ލ.މާބައިދޫ، ކަނީރުވިލާ، ޔޫސުފް އާނިސް ހާމިދު، 3، ހާލެވެ.
ލ.މާބައިދޫ ހާމިދު ރަޝީދާއި ތ. މަޑިފުށީ ޝަހީމާ ނައީމްގެ ދެވަނަ ދަރިފުޅު އާނިސްއަކީ އުފަންވުމުގައި ވެސް ނުކުޅެދުންތެރިކަން ހުންނަ ކުއްޖެކެވެ. ދެހާސް ތޭރަ ވަނަ އަހަރު އޭޕްރީލް މަހު 28 ވަނަ ދުވަހު މަރުކަޒީ ހޮސްޕިޓަލް އައިޖީއެމްއެޗަށް އާނިސް އުފަންވުމާއެކު ޑޮކްޓަރުން ލަފާދިނީ އާނިސް އަށް ފަރުވާ ދިނުމަށް ރާއްޖެއިން ބޭރަށް ދިއުމަށެވެ. އިންޑިއާއަށް ގޮސް ހެދި އެތައް ޓެސްޓަކަށްފަހު އިނގުނީ އާނިސަކީ "މަލްޓިޕުލް ކޮންޖެނިޓަލް އެނޯމަލީސް" ހުންނަ ކުއްޖެއް ކަމެވެ. އެއީ އުފަންވުމުގައި ހުންނަ އައިބުތަކެވެ.

އާދައިގެ އާއިލާއަކަށް ނިސްބަތްވާ އެދެމަފަރިން އަންނަނީ އާނިސްއަށް ފަރުވާ ދިނުމަށް އެތައް މަސައްކަތެއް ކުރަމުންނެވެ. ވޭތުވެދިޔަ ތިން އަހަރު ތެރޭގައި އާނިސްއަށް ފަރުވާ ދިނުމަށް 15 ފަހަރު ރާއްޖެއިން ބޭރަށް ގޮސްފައިވެ އެވެ. އެތައް ބައެއްގެ ދީލަތި އެހީތެރިކަމާއި އާސަންދަ ލިބުނު ނަމަވެސް އަތުން އެތައް ހޭދައެއް ކުރަންޖެހެ އެވެ.
މިހާތަނަށް އާނިސްގެ ބޮޑު ހަތަރު އޮޕަރޭޝަންކޮށްފައިވެ އެވެ. އޭގެ ތެރޭގައި ލޮލުގެ ފެނުން ރަނގަޅު ކުރުމަށާއި ނޭފަތުގެ ކަށިގަނޑު ރަނގަޅު ކުރުމުގެ އިތުރުން އަތުގެ އިނގިލިތައް ދުރުކުރުމަށް ކޮށްފައިވާ އޮޕަރޭޝަންތައް ހިމެނެ އެވެ. މިހާރުވެސް އާނިސަށް އަންނަނީ އިންޑިއާ ކޮޗިންގެ އަމްރީތާ ހޮސްޕިޓަލްއިން ފަރުވާދެމުންނެވެ. މިހާރު އާނިސް އޮތީ ނޭފަތު ކަށިގަނޑު ރަނގަޅުކުރުމަށް އޮަޕަރޭޝަނެއްކޮށްފައެވެ.

އަދިވެސް އެތައް އޮޕަރޭޝަނެއް ކުރަންޖެހޭ!
އާނިސްގެ އާއިލާއިން ނިންމާފައި ވަނީ ފަރުވާއަށްފަހު އަންނަ މަހު ރާއްޖެ އައުމަށެވެ. އިތުރަށް އެއްމަހު ހުންނަން ޖެހުނު ނަމަވެސް ފައިސާ ނެތުމުން މަޑުކުރެވެން ނެތީއެވެ. ރާއްޖެ އަންނަތާ އެއްމަސް ފަހުން އަނެއްކާވެސް އިންޑިއާއަށް ދާންޖެހެއެވެ. އާނިސްގެ ދައްތަ އައިޝަތު އަޒީމާ ބުނިގޮތުގައި އާނިސްއަށް ފަރުވާ ދިނުމުގެ ގޮތުން އަދިވެސް ގާތްގަނޑަކަށް އިތުރު ހައެއްކަ އޮޕަރޭޝަން ކުރަންޖެހެއެވެ. އޭގެތެރޭގައި ލޮލުގެ ފެނުން ރަނގަޅު ކުރުމަށާއި އަތްފައި ހަރަކާތް ކުރުމަށް ކުރަންޖެހޭ އިތުރު އޮޕަރޭޝަންތައް ހިމެނެއެވެ.
"ސީދާ ބުނާކަށް ނޭންގޭ، ކޮންމެ ފަހަރަކު ދިޔުމުން ޓެސްޓްތައް ހެދުމަށްފަހު ހަށިގަނޑަށް އަންނަ ބަދަލުތައް ބަލައި އިތުރު އޮޕަރޭޝަންތައް ކުރަންޖެހޭ، ސީދާ ނޭންގެ ދެން އޮތީ ކިތައް އޮޕަރޭޝަންކަމެއްވެސް" އަޒީމާ ބުންޏެވެ.
އާނިސްގެ ފަރުވާއަށް އާސަންދަ ލިބެއެވެ. އެއީ ލިބޭ ބޮޑު ލުޔެކެވެ. އާނިސް ބެލެހެއްޓުމަށް އިތުރު މީހަކު ރާއްޖެއިން ބޭރަށް ދާންޖެހުމާއި ހުރުމާއި ކެއުންފަދަ ކަންކަމަށް ބޮޑު ހޭދައެއް ކުރަންޖެހޭޖެހުމަކީ އެފަރުވާއަށް އޮތް ބޮޑު ގޮންޖެހުމެކެވެ. އާނިސްގެ ބައްޕަ ހާމިދު ބުނިގޮތުގައި މިފަހަރުގެ ފަރުވާއަށްވެސް އޭނާގެ އަތުން 185040 ރުފިޔާ ހަރަދު ކުރަންޖެހުނެވެ.

"ވަރަށް ހަރަދު ކުޑަކޮށް އުޅެނީ، އެންމެ އަގުހެޔޮ ރޫމުތަކުގައި ތިބެގެން ރޫމުގައި ބަތްކައްކައިގެން ކައި ހަދައިގެން، އެކަމަކުވެސް ބޮޑު ހަރަދެއް ދޭ،" އާނިސްގެ ބައްޕަ ހާމިދު ބުންޏެވެ.
އެއާއިލާ އެވާ ގުރުބާނީއަށް ލިބެންއޮތް ހިތްހަމަޖެހުމަކީ އަވަހަށް އޮޕަރޭޝަންތައް ކުރެވިއްޖެ ރަނގަޅުވާނެ ކަމުގެ ޔަގީންކަން ޑޮކްޓަރުން ދޭތީއެވެ. އަމްރީތާ ހޮސްޕިޓަލުން އާނިސް އަށް ފަރުވާދޭއިރު ގަވައިދުން އެކަން ކުރެވިއްޖެނަމަ އާނިސް ރަނގަޅުކުރެވޭނެ ކަމުގެ ޔަގީންކަން ޑޮކްޓަރުންދެއެވެ. އާއިލާގެ އެދުމަކީ ކުޑަކުޑަ އާނިސް ސަލާމަތް ކުރުމަށް ދީލަތި އެހީތެރިކަން ފޯރުކޮށްދިނުމެވެ.
އާނިސް އަށް އެހީތެރިވުމަށް:
އައިޝަތު އަޒީމާ: 7961612
އެކައުންޓް ނަމްބަރު: 7704276991101 އައިޝަތު އަޒީމާ
ޑޮލަރު އެކައުންޓް: 7713229160101 ހާމިދު ރަޝީދު
ނޯޓް: ސަންގެ މި ސެގްމެންޓްގެ ދަށުން ގެނެސްދޭ ފަރާތްތަކަށް އެހީތެރިވުމުގެ ކަންކަން އެ އާއިލާއާ ގުޅިގެން ކުރިއަށް ގެންދިއުން އެދެމެވެ. ފައިސާގެ އެއްވެސް ކަމެއްގައި ސަން އިން ބައިވެރިއެއް ނުވާނެއެވެ. ސީދާ އާއިލާއަށް އެހީތެރިވެ ދެއްވާށެވެ.
އެހީތެރިކަމަށް އެދޭ ފަރާތްތަކުން ސަން ކުލުނުގައި ބައިވެރިވުމަށް 9992747 ނުވަތަ 9982747 އަށް ގުޅައިގެން ކުރިއަށް ގެންދެވުން އެދެމެވެ. މެއިލް ކުރައްވާނަމަ ކުރައްވާނީ[email protected]އަށެވެ.