20 Jun 2011, 17:58
ވިލިމާލޭ ބޯޅަދަނޑު ދިއްލުމުގެ މަސައްކަތް އެދެވޭ ބާރު ސްޕީޑެއްގައި ކުރިއަށް ނުދާނަމަ ޒުވާނުން އަނެއްކާވެސް މަގުމައްޗައް ނުކުމެ "ފުޓްބޯޅަ ހަޅުތާލު" ކުރިޔަށް ގެންދާނެ ކަމަށް ބުނެ ވިލިމާލޭ ޒުވާނުން އިންޒާރު ދީފި އެވެ.
ބޯޅަދަނޑު ނުދިއްލާ މައްސަލައާ ގުޅިގެން ހިތްހަމަނުޖެހުން ފާޅުކުރި ޒުވާނުންގެ ފަރާތުން ނެރުނު ނޫސް ބަޔާނެއްގައި ބުނަނީ، އެ އަވަށު ޒުވާނުން މަގު ބަންދުކޮށް ފުޓްބޯޅަ ކުޅުމުން ސަރުކާރުގެ ކަމާބެހޭ ވުޒާރާގެ އިސްވެރިންތަކެއް އިއްޔެ އެ ޒުވާނުންނާ މިނިސްޓްރީގައި ބައްދަލުކޮށް، ދަނޑު ދިއްލުމުގެ މަސައްކަތް ސްޓްލްކޯއާ ހަވާލުކޮށް ވަރަށް އަވަހަ ނިންމާ ދޭނެ ކަމުގެ ޔަގީންކަން ދީފައިވާ ކަމަށެވެ. އަދި އެކަމަށް ވިލިމާލޭ ޒުވާނުން ވަނީ އެބަޔާނުގައި މަރުޙަބާ ވެސް ކިޔައިފަ އެވެ.
ނަމަވެސް، އެ މަސައްކަތް ނުފެށި ލަސްވާނަމަ ނުވަތަ އެދެވޭ ސްޕީޑެއް ގައި މަސައްކަތް ކުރިއަށް ނުދާނަމަ ޒުވާނުން މަގުމަށްޗައް ނުކުމެ އަނެއްކާވެސް "ފުޓްބޯޅަ ހަޅުތާލު" ކުރާނެ ކަމުގެ އިންޒާރު އެ ޒުވާނުން ދީފައިވެ އެވެ.
"އަދި ވިދާޅުވެފައިވާ ގޮތާ ހިލާފަށް މަސައްކަތް ނުފެށި ލަސްވާނަމަ، ނުވަތަ އެދެވޭ ބާރު ސްޕީޑެއްގައި މަސައްކަތްކުރިއަށްނުދާނަމަ، އަޅުގަނޑުމެން ޒުވާނުން މަގުމައްޗަށް ނުކުމެ އިހުތިޖާޖްކުރާނެ ކަމުގެ އިންޒާރުދެމެވެ." އެބަޔާނުގައިވެ އެވެ.
އެބަޔާނުގައިވާ ގޮތުގައި، މިދިޔަ ހަފްތާގެ ތެރޭ ވިލިމާލޭ ޝޭހް އަބްދުއްރަހްމާން މަގަށް ޒުވާނުން ނުކުމެ އަލިވާ ހިސާބުގައި ގޯލް އަޅައިގެން ފުޓްބޯޅަ ކުޅުނީ ބަޔަކަށް ގެއްލުމެއް ދިނުމުގެ ބޭނުމުގައި ނުވަތަ ސިޔާސީ މަގުސަދެއް ހާސިލް ކުރުމުގެ ނިޔަތަކު ނޫނެވެ. އެކަން ކޮށްފައި ވަނީ ވިލިނގިލީގައި ކުރިންސުރެ ގާއިމް ކޮށްފައިވާ ޔޫތު ސެންޓަރުގެ ހިދުމަތްތައް ހީނަރުވެ، ކުޅޭސާމާނު ހަލާކުވެ، ދަނޑުގައި ގާއިމް ކުރެވިފައިވާ ބޯޅަގެ ހަލާކުވެ ވީރާނާ ވަމުން ދިއުމާ ގުޅިގެން ސަރުކާރުގެ ކަމާބެހޭ އިދާރާތުގެ ސަމާލު ކަމަށް އެކަންތައްތައް ގެނެއުމަށް ކަމަށް އެ ޒުވާނުން ބުނެ އެވެ.